ރިޕޯޓް

މުވައްޒަފު: މަގޭ އާމްދަނީއަށް ވާނީ ކިހިނެއް؟

Feb 24, 2018
5

ޓޫރިޒަމް ދާއިރާގެ މުވައްޒަފުން މުސާރައިގެ ބޮޑު ބައެއް ހިއްސާ ކުރަނީ، ގެސްޓުން ދޭ "ޓިޕްސް" އާއި ރިސޯޓުން ދޭ "ސާވިސް ޗާޖަ" ށެވެ. މި ދެބައި އިތުރުވެ މަދުވަނީ އާއްމުކޮށް ރިސޯޓްގައި ޓޫރިސްޓުން ރޭ ހޭދަ ކުރާ އަދަދާއި ކުރާ ވިޔަފާރީގެ މައްޗަށެވެ. ނަމަވެސް ޓޫރިޒަމް ހީނަރުކަމެއް ލިބޭ ލަނޑިވަޅެއް އަތުވެއްޖެނަމަ، އެންމެ ފުރަތަމަ އަސަރު ކުރާނީ މި ގިންތީގެ މުވައްޒަފުންނަށެވެ. އެހެންވެ، ޓޫރިޒަމަށް ކޮންމެ ހީނަރު ކަމެއް އަންނަ ވަގުތެއްގައި އެންމެ ހާސްވާނެ އެއް ބަޔަކަށް ވަނީ އެންމެ އާދައިގެ މުވައްޒަފުންނެވެ. މިހާރުގެ ހާލަތު ވެސް އޮތީ ހަމަ އެގޮތަށެވެ. އެކަން އެނގެނީ މުވައްޒަފުންގެ ވާހަކަތަކުންނެވެ. އެ މީހުން މިހާރު ކުރަނީ ސުވާލެކެވެ. ސިޔާސީ ހަލަބޮލި ކަމުން ޓޫރިޒަމް ހީނަރު ވާނަމަ އެ މީހުންގެ އާމްދަނީއަށް ވާނީ ކިހިނެއް ހެއްޔެވެ؟

"ޓޫރިޒަމް އޮކިއުޕެންސީއަށް އަތުވެދާނެ ކަމެއްގެ ބިރު އޮބައޮތް. އެހެންވެއްޖެނަމަ އަހަރެމެންގެ އިންކަމް ދަށްވެގެން ދާނެ. މިއީ އޮތް ބިރެއް،" މާލެ އަތޮޅުގައި ހިންގާ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ދުނިޔޭގެ ބްރޭންޑެއްގެ ގޮތުގައި އޮތް "ދިވެހިރާއްޖޭ" ގެ ޓޫރިޒަމްގެ މަސައްކަތްތެރިންނަކީ ނިސްބަތުން ރަނގަޅު އާމްދަނީއެއް ލިބޭ ބައެކެވެ. މި ދާއިރާގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން އެންމެ މަތީ މުވައްޒަފު ވެސް ގެއަށް ރަނގަޅު އެއްޗެއް ގެންދެ އެވެ. ޓޫރިޒަމް ދާއިރާއަށް ގިނަ މީހުން ނުކުންނަ ސަބަބަކީ ވެސް މިއެވެ. މި ދާއިރާ އިން ރަނގަޅު އާމްދަނީއެއް ލިބުމެވެ.

އާމްދަނީ ލިބުމުގައި އެ ޕްރޮޕަޓީއެއްގެ ފެންވަރު ވެސް މުހިންމު ދައުރެއް ކުޅެ އެވެ. ރާއްޖޭގައި ތިން ތަރިން ފެށިގެން ހަތް ތަރީގެ ރިސޯޓް ޕްރޮޕަޓީ ހިންގާއިރު އެކި ރިސޯޓުތަކުގެ މުވައްޒަފުންގެ އާމްދަނީގައި ވެސް ބޮޑު ތަފާތެއް ހުރެ އެވެ. އެވްރެޖު ގޮތެއްގައި މުވައްޒަފުންގެ އަސާސީ މުސާރަ އުޅެނީ ގާތްގަނޑަކަށް 3،000ރ. އާއި 5،000ރ. އާ ދެމެދުގަ އެވެ. މި ވަރަށް ބޭސިކް މުސާރަ ހަމަޖައްސުމުގެ މައިގަނޑު ސަބަބަކީ މި ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް "ޓިޕްސް" އާއި "ސާވިސް ޗާޖް" ގެ ގޮތުގައި ރަނގަޅު އެއްޗެއް ދެމުން ގެންދިއުމެވެ.

މިދިޔަ ޖެނުއަރީ މަހަކީ މި ފަހުގެ ތާރީހެއްގައި ރިސޯޓުތަކުގެ މުވައްޒަފުންނަށް އެންމެ ރަނގަޅަށް ސާވިސް ޗާޖު ލިބުނު އެއް މަހެވެ. ސަބަބަކީ ރިސޯޓުތަކުގެ އޮކިއުޕެންސީ މަތިވުމެވެ. އަދި އެ ތަންތަނުން ވިއްކި ކޮޓަރިތަކާއި އެހެނިހެން ވިޔަފާރި މަތިވުމެވެ. އެހެންވެ ވިއްކާ އަދި ދޭ ކޮންމެ އެއްޗަކުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ 10 ޕަސެންޓުން ބޮޑު އެއްޗެއް ލިބެ އެވެ. އަދި މި އަދަދު ހުރިހާ މުވައްޒަފުންގެ މައްޗަށް ބަލައިލުމުން ރަނގަޅު އެއްޗެއް ގެއަށް ގެންދަން ލިބެ އެވެ. އާ އަހަރާ ދިމާކޮށް ގިނަ ރިސޯޓު ތަކެއް ފުރާލި އިރު މި އަހަރު ވަނީ ބޮޑު އެއްޗެއް ލިބިފަ އެވެ. މިގޮތުން އެންމެ މަތީ ފަންތީގެ ރިސޯޓުތަކުން 2،900 ޑޮލަރު (ގާތްގަނޑަކަށް 44،689ރ.) ވަރު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ލިބުނެވެ. އަދި އެންމެ އާދައިގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 300 ޑޮލަރު (ގާތްގަނޑަކަށް 4،600ރ.) ވަރު ލިބިފައިވެ އެވެ.

ސާވިސް ޗާޖުގެ އިތުރު ދެން އޮތީ ޓިޕްސް އެވެ. ގެސްޓުން ހިތްހަމަޖެހޭ ފެންވަރަށް ހިދުމަތް ދިނުމުން ވައްޓާލާ ޓިޕުހުން ވެސް މުވައްޒަފުން ބޮޑު އާމްދަނީ އެއް ހޯދަ އެވެ. އެންމެ އާދައިގެ ރިސޯޓުތަކުގައި ވެސް ދުވާލެއްގެ މައްޗަށް ފަސް ޑޮލަރު ނޫނީ އެއަށް ވުރެ މަތިން ޓިޕުސް ލިބޭ ކަމަށްވެ އެވެ. ޓިޕުސްގެ ގޮތުގައި މަތީ ފަންތީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު ގާތްގަނޑަކަށް 1000-2000 ޑޮލަރު (ގާތްގަނޑަކަށް 15،420ރ. އާއި 30،840ރ.) ގެ އާމްދަނީއެއް ލިބެ އެވެ. އަދި އެންމެ އާދައިގެ ރިސޯޓުތަކުގެ މުވައްޒަފު މަހެއްގެ މައްޗަށް ޓިޕުހުގެ ގޮތުގައި 600-800 ޑޮލަރު (ގާތްގަނޑަކަށް 9،252ރ. އާއި 12،328ރ.) ވަރު ގެއަށް ގެންދާނެ އެވެ.

ޓިޕުސް އާއި ސާވިސް ޗާޖުން މިވަރުގެ ހެޔޮވަރު އާމްދަނީ ލިބެމުން ދަނިކޮށް، 1 ފެބްރުއަރީއަށް ފަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތާއެކު މި ދެ ދާއިރާ އަށް ވަނީ އަސަރު ކުރުމުގެ ބިރު ހީވެފަ އެވެ. ކުއްލި ނުރައްކަލުގެ ސަބަބުން ޓޫރިޒަމްގެ މުޅި އޮކިއުޕެންސީއަށް އަސަރު ކުރުމުގެ ބިރު އެބައޮތް ކަމަށް ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މިކަމުގެ ސަބަބުން ގެސްޓްހައުސްތަކާއި ރިސޯޓު އަދި ހޮޓާތަކާއި ސަފާރީތަކުގެ ބުކިންތައް ވަނީ ކެންސަލްކޮށްފަ އެވެ.

ހުޅުމާލޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު އެއް ގެސްޓްހައުސްގެ ޖެނެރަލް މެނޭޖަރަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި އޭނާގެ ޓޫރިޒަމް ހަޔާތުގައި ކުރި އަށް އޮތީ އެންމެ ހިތި ދުވަސްތަކެވެ. އަދި މިކަމުގެ ގެއްލުން މުވައްޒަފުންނަށް ވެސް ފޯރުމުގެ ބިރު އޮތް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އިމަޖެންސީގެ ކުރިން އޮކިއުޕެންސީ ހުރީ 87 ޕަސެންޓްގަ. އެކަމަކު މިހާރު ހުރީ 40 ޕަސެންޓުގައި އޮކިއުޕެންސީ. މީގެން އާމްދަނީ އަށް ވަރަށް ނުބައި އަސަރެއް ކުރާނެ. މިއީ 50 ޕަސެންޓު ވަރު ދަށްވުމެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އިމަޖެންސީގެ ކުރިން އޮކިއުޕެންސީ ހުރީ 87 ޕަސެންޓުގަ. އެކަމަކު މިހާރު ހުރީ 40 ޕަސެންޓުގައި އޮކިއުޕެންސީގައި
ގެސްޓްހައުސްއެއްގެ ވެރިއެއް

އޭނާ ވިދާޅުވި ގޮތުގައި އެ ގެސްޓްހައުސްގެ ކޮޓަރިތައް ކުރިއަށް އޮތް މަހަށް އަބަދު ވެސް ފުރާލަ އެވެ. ނަމަވެސް މިހާރުގެ ހާލަތުން ބޮޑު ޑިސްކައުންޓެއް އަޅުވައިގެން މީހުންނަށް އާދޭސް ކޮށްގެން ވެސް އަންނަ މަހު އަންނާނެ މީހުން ހޯދަމުންދެ އެވެ.

"އެސްއޯއީ އިތުރު ކުރީމަ ވަރަށް ގިނަ ސުވާލުތައް ގެސްޓުންގެ ފަރާތުން އެބަ އާދެ. ވަރަށް ހިތާމަވެރި ކަމެއް މިއީ. އެންމެ ބޮޑު ހިތާމައަކީ އަންނަ މަހު އެބައޮން އަޅުގަނޑުމެންގެ 30 ކޮޓަރި ހުސް ތިން ދުވަސް. ހަމަ މީހުން ނުލިބެނީ،" 35 ކޮޓަރީގެ ގެސްޓްހައުސްގެ ވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ގެސްޓްހައުސްގައި 12 ދިވެހިން މަސައްކަތް ކުރާ ކަމަށާ، ނަމަވެސް މިހާރުގެ ހާލަތުން އެ މީހުންގެ އާމްދަނީ ދަށްވާނެ އެވެ.

"އޮފް ސީޒަން އޮތީމަ ވާނެ ގެއްލުން ބޮޑުވާނެ. އެހެންވެ މިހާރު އެއް ޑްރައިވަރަށް އަންގާފަ އޮންނާނީ ގޭގައި މަޑުކޮށްލަން. މީގަ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް؟،" ޖީއެމް ވިދާޅުވި އެވެ.

މާލެ އަތޮޅުގެ ރިސޯޓެއްގެއްގައި މަސައްކަތް ކުރާ ޒުވާނަކު ގޮތުގައި އޭނާ އަށް ސާވިސް ޗާޖުގެ ގޮތުގައި މި މަހު 400 ޑޮލަރު ލިބުނެވެ. ނަމަވެސް މިހާރު ރިސޯޓުގެ އޮކިއުޕެންސީ ހުރި ގޮތުން އަންނަ މަހުގެ ސާވިސް ޗާޖު 200 ޑޮލަރު ނޫނީ 100 ޑޮލަރަށް ކުޑަ ވެދާނެ ކަމަށް ރިސޯޓު ހިއުމަން ރިސޯސްއިން އަންގާފައެވެ.

"އަޅުގަނޑުމެންގެ ބޭސިކް މުސާރައަކީ ކުޑަ އެއްޗެއް. މުސާރަ އަށް ލިބެނީ 3،000ރ. ވަރު. ބާކީ ބައި ލިބެނީ ސާވިސް ޗާޖުން. ސާވިސް ޗާޖު ލީމަ ކިރިޔާ 10،000ރ. ވަރު ލިބެނީ. ދެން ހުރީ ޓިޕްސް، މި ލިބެނީ އެކި ދުވަސްވަރު އެކި ވަރަށް. އެކަމަކު ސާވިސް ޗާޖު މަދުވަމުން ދާނަމަ މީގެ ގެއްލުން ވަރަށް ބޮޑުވާނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ އޮފް ސީޒަން މެއި މަހުން ފެށިގެން ފެށިގެން ދާނެ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެންމެ ގިނައިން ސާވިސް ޗާޖު ލިބޭ ރަންދެލި ރިސޯޓު ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބުނީ 790 ޑޮލަރު ވަރެވެ. އެހެންވެ، ސުވާލަކީ މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެމިގެން ދާއިރު އޮފް ސީޒަންގައި މުވައްޒަފުންގެ އާމްދަނީ އަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

މުސާރަ އަށް ލިބެނީ 3،000ރ. ވަރު. ބާކީ ބައި ލިބެނީ ސާވިސް ޗާޖުން. ދެން ހުރީ ޓިޕްސް، އެކަމަކު ސާވިސް ޗާޖު މަދުވަމުން ދާނަމަ މީގެ ގެއްލުން ވަރަށް ބޮޑުވާނެ،
ރިސޯޓެއްގެ މުވައްޒަފެއް

އެންމެ ގިނަ ރިޕީޓާސް އަންނަ، މާލެ އަތޮޅު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވި ގޮތުގައި މިހާރު ރިސޯޓު އޮތީ 80 ޕަސެންޓުގަ އެވެ. އެކަމަކު ކުރިއަށް އޮތީ އޮކިއުޕެންސީ ދަށް ދުވަސްވަރެކެވެ.

"މަސައްކަތް ކުރަމުން މި ދަނީ ރަނގަޅު ކުރަން. މީގައި މައްސަލައަކީ ބުކިންތައް ނައުން. މިއީ ކަންބޮޑުވާ ކަމެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި އެންމެ ގަދަ އަށް މަސައްކަތް ކުރާ މީހުންނަކީ މި އާދައިގެ މުވައްޒަފުންނެވެ. ނަމަވެސް މިހާރުގެ ހާލަތު ދިގު ދެމިގެންދާނަމަ ޓޫރިޒަމް އަސަރުކޮށް މީގެ ނުބައި އަސަރު އެންމެ އާދައިގެ މަސައްކަތު މީހާ އަށް ކުރާނެ އެވެ. އެހެންވެ އެ މީހުންގެ މިހާރުގެ ސުވާލަކީ މި އެވެ. މި ހާލަތުން މަގޭ އާމްދަނީ އަށް ވާނީ ކިހިނެއް ހެއްޔެވެ؟