ރިޕޯޓް

ސުވާލެއް: މިވަރުން ހިސާބު ދިމާވާނެތަ؟

Feb 22, 2018
10

މި އަހަރަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވެ އެވެ؛ ދެހާސް ސަތާރަ ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިގްތިސާދު ވަނީ 6.9 ޕަސެންޓަށް ކުރިއަރާފަ އެވެ. މިއީ ދެހާސް ސޯޅަ ވަނަ އަހަރަށް ވުރެ މަތީ އަދަދެކެވެ. އަދި މި އަހަރު އިގްތިސާދީ ކުރިއެރުން ލަފާކުރަނީ ހަ ޕަސެންޓުގަ އެވެ. އަދި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 3.1 ޕަސެންޓުގަ އެވެ. މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 22 ބިލިއަން ރުފިޔާ ލިބޭނެ އެވެ. ނަމަވެސް، ރާއްޖޭގައި މިހާރު ހިންގަމުންދާ ސިޔާސީ ހަލަބޮލި ކަމާއެކު، އިގްތިސޯދުގެ ދުވެހި ވަނީ މަޑު ޖެހުމުގެ ބިރު ހީވެފަ އެވެ. ސުވާލަކީ މިފަދަ ހާލަތެއްގައި
ކުރީގެ ލަފާކުރުން ދިމާވާނެ ބާވައެވެ؟ މި ވަރުންދާނަމަ މި ހިސާބު ދިމާވާނެ ހެއްޔެވެ؟

"ރާއްޖެއަކީ އުފެއްދުންތެރިކަން މަތި ގައުމެއް ނޫން. އިކޮނޮމީގެ 96 ޕަސެންޓް އާމްދަނީ މި ލިބެނީ ޓޫރިޒަމުން. މުޅި އިގްތިސޯދު މި އޮތީ އެ ސިނާއަތަށް ބުރަވެފައި. އެހެންވެ ރާއްޖެއަށް އޮތް ހަމައެކަނި ޗޮއިސްއަކީ ސުލްހަވެރިކޮށް ބޭއްވުން. އެހެން ނޫނީ ހުރިހާ ދާއިރާއަކަށް އަސަރު ކުރާނެ،" އިގްތިސޯދީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މި ފަހުގެ ތާރީހުގައި ރާއްޖެ އެންމެ ހަލަބޮލި ވެގެން ގޮސްފައި މިވަނީ 1 ފެބްރުއަރީގެ އަމުރާ ގުޅިގެންނެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއް ވަނީ ބަންދުކޮށްފަ އެވެ. އަދި އެއާއެކު ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާނުކޮށްފަ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދަނީ ނުބައި އަސަރުތައް ކުރަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ އާމްދަނީގެ 90 ޕަސެންޓަށް ވުރެ މަތިން ހިއްސާކުރާ ޓޫރިޒަމް ސިނާއަތަށް ދަނީ ނުބައި އަސަރު ކުރަމުންނެވެ.

ރާއްޖެއަކީ އުފެއްދުންތެރި ގައުމެއް ނޫން. އިކޮނޮމީގެ 96 ޕަސެންޓް އާމްދަނީ ލިބެނީ ޓޫރިޒަމުން. އިގްތިސާދު މި އޮތީ ޓޫރިޒަމަށް ބުރަވެފައި. އެހެންވެ ރާއްޖެ އަށް އޮތް ޗޮއިސްއަކީ ސުލްހަވެރިކޮށް ބޭއްވުން
އިގްތިސާދީ ދާއިރާގެ ބޭފުޅެއް

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު، އިނގިރޭސިވިލާތާއި އެމެރިކާ އަދި އިންޑިޔާގެ އިތުރުން އޮސްޓްރޭލިއާ އާއި ރަޝިޔާ އަދި އިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށް އުޅުމުގައި ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. އޭގެ ފަހުން ވަނީ މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ ވެސް މިގޮތަށް އަމަލުކޮށްފަ އެވެ. އަދި ޗައިނާ މީހުން މި ދުވަސްވަރު ރާއްޖެ އަށް ނާންނަން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރި އެވެ. މި ޓްރެވަލް އެޑްވައިޒަރީތަކުގެ ސަބަބުން ރާއްޖެ އަންނަން ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ބުކިން ކެންސަލްކޮށްފަ އެވެ. މިއީ ވަރަށް ބޮޑު ގެއްލުމެވެ.

އަސްލު ސުވާލަކީ މިއީ!

ސުވާލަކީ އިގްތިސާދުގެ މައި ބަދަ ކަމަށްވާ ޓޫރިޒަމް ދާއިރާ އަށް އަންނާނެ ހީނަރުކަމެއްގެ ސަބަބުން މުޅި އިގްތިސާދަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

ރާއްޖޭގެ ޓޫރިޒަމަށް ބަލާއިރު މި ވޭތުވެދިޔަ ހަތަރު އަހަރު ވަނީ ޓޫރިޒަމްގެ 44 އަހަރުގެ ތާރީހުގައި ވެސް ކުރިނާރާ ވަރަށް ކުރިއަރާފަ އެވެ. ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކުން ވަނީ އިންވެސްޓްކޮށްފަ އެވެ. އަދި މިއާ އެއްހަމައެއްގައި ދިވެހިންގެ ހާއްސަ ރިސޯޓުތައް ވެސް ވަނީ ހުޅުވާފަ އެވެ. ހުޅުވި ރިސޯޓުތަކުގެ އަދަދު ސީދާ ނޭނގުނަސް ހަތަރު އަހަރު ހުޅުވި ރިސޯޓުގެ އަދަދު މިހާރު ވާނީ 50 އާ ކައިރިކޮށްފަ އެވެ. އަދި މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތުން ރާއްޖެއަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު ލިބުނެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ލިބިފައިވާ 2.14 ބިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާ ބަލާއިރު 7.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޓޫރިޒަމް ޖީއެސްޓީ އިން މިދިޔަ އަހަރު 280 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ހުރީ ގާތްގަނޑަކަށް 70 ޕަސެންޓުން މަތީގަ އެވެ. މިވަރުގައި ހުރުމުން މުޅި އިގްތިސޯދު ފެނިގެން ދިޔައީ ވަރަށް ދުޅަ ހެޔޮކޮށެވެ. ނަމަވެސް ކުރި އަށް އޮފް ސީޒަން އޮއްވައި ޓޫރިޒަމް އޮކިއުޕެންސީ ވެއްޓުން ވެގެން ދާނީ އިގްތިސާދީ ކާރިސާ އަކަށް ނޫނީ ނުވާނެ އެވެ.

މިދިޔަ އަހަރު ބަޖެޓްގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލު، ނުވަތަ އިންފްލޭޝަން ހުރީ 3.4 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ބާޒާރުގައި އަގުތައް ނުއުފުލި ވަނީ ހިފެހެއްޓިފަ އެވެ. ސަބަބަކީ ޓޫރިޒަމް ދުޅަހެޔޮކޮށް އޮތުމެވެ. އެހެންވެ، މި އަހަރު ވެސް ކުރިން ލަފާކުރީ އިންފްލޭޝަން 3.1 ޕަސެންޓަށް ވެއްޓޭނެ ކަމަށެވެ. އަދި ލަފާކުރީ މި އަހަރު އަގުތައް ވެސް ދަށަށް ދާނެ ކަމަށެވެ. މިއީ އުފާވެރިކަމުގެ ހަބަރެކެވެ. ނަމަވެސް ޓޫރިޒަމް ހީނަރުގެ އުފެއްދުންތެރިކަން ދަށަށް ގޮސްފިނަމަ މި ހިސާބު ދިމާވާނެ ތޯ ސުވާލު އުފެދެ އެވެ.

ސަރުކާރުން، މި އަހަރަށް ފާސްކުރި 28 ބިލިއަން ރުފިޔާގެ ބިޔަ ބޮޑު ބަޖެޓަށް ބަލާއިރު، މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 22.4 ބިލިއަން ރުފިޔާ އެވެ. އަދި މި މިދިޔަ އަހަރު ދައުލަތަށް ލިބިފައިވަނީ 18.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް 25.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު ވެސް ވަނީ 6.7 ބިލިއަން ރުފިޔާ އިން ދަރަނިވެރިވެފަ އެވެ. މިދިޔަ އަހަރު ވެސް ވަނީ ކުރިން ލިބޭނެ ކަމަށް އަންދާޒާ ކުރި 500 މިލިއަން ޑޮލަރު ނުލިބި އެވެ. މިއީ ބަޖެޓުގެ ދަރަނި އިތުރުވި އެއް ސަބަބެވެ. ދެން އޮތީ ލޯނުތަކެވެ. ބޭރުން ނަގާފައިވާ ލޯނުތައް ދައްކަން ފައިސާ ހޯދާނީ ކޮން ތަނަކުން ހެއްޔެވެ؟

މިހެން މިކަން އޮއްވައި، ޓޫރިޒަމް އާމްދަނީ ދަށްވެއްޖެނަމަ މިކަން ވެގެންދާނީ ބަލިފައި މައްޗަށް ފޮއި ވެއްޓުން ފަދަ ތަދު ކަމަށެވެ. މި ފަދަ ހާލަތެއްގައި ދައުލަތަށް އާމްދަނީ ލިބޭނެ، މަގު ހަނިވުމުގެ ބިރު އޮންނާނެ އެވެ.

މިދިޔަ އަހަރު އާމްދަނީ ހޯދަން ބަޖެޓް ފޮތުގައި ޓެކުހުގެ ގާނޫނު އިސްލާހު ގެނެސްދެން 29 މިލިއަން ރުފިޔާ ހޯދަން ޖަހާފައިވެ އެވެ. އަދި ތިން ފަރާތެއްގެ އަތުން 231 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ސުވާލަކީ އާމްދަނީ ލިބޭނެ މަގުތައް މަދުވެއްޖެނަމަ މި ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ މި ހާލަތުގައި އެ ހިސާބުތައް ދިމާވާނެ ހެއްޔެވެ؟

އެހެން ސުވާލުތައް

ރާއްޖޭގެ އިގްތިސާދުގައި މިދިޔަ ހަތަރު އަހަރު އެންމެ ބޮޑަށް ކުރިއަރާފައިވަނީ އިމާރާތް ކުރުމުގެ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާ އެވެ. މި ދާއިރާ ތަކަށް މިދިޔަ އަހަރު ބޮޑެތި ކުރިއެރުން ތަކެއް ހޯދާފަ އެވެ. ފްލެޓުތައް ދަނީ އަޅަމުންނެވެ. އިމާރާތް ކުރަން އަމިއްލަ ކުންފުނި ތަކުން ވަނީ ބޮޑެތި ލޯނުތަކެއް ކޮމާޝަލް ރޭޓުގައި ނަގާފަ އެވެ.

އާއްމު ގިނަ ބަޔަކު ވަނީ ފްލެޓު ގަންނަ ލޯނު ނަގާފަ އެވެ. ނަމަވެސް މި ހުރިހާ ދާއިރާއެއް ވެސް ގުޅި ލާމެހިގެން ދަނީ ނުސީދާ ގޮތުން ނަމަވެސް، ޓޫރިޒަމް ސިނާއަތަކަށެވެ. މިސާލެއްގެ ގޮތުން ގެސްޓްހައުސް ވިޔަފާރި އާއި ރާއްޖޭގެ އެތަން މި ތަނުގައި ޓޫރިޒަމް ފައްކާވުންވީ ދަތުރުފަތުރުގެ ދާއިރާ އަށް އައި އިންގިލާބަކަށެވެ.

މި ކުރިއެރުމުގެ ނަތީޖާއަކީ ސްޕީޑް ލޯންޗާއި ފެރީގެ ހިދުމަތަށް އަމިއްލަ ގިނަ ފަރާތްތަކެއް ނުކުތުމެވެ. އަދި ސަރުކާރުން ރީޖަނަލް އެއާޕޯޓުތައް އިތުރު ކުރަން ނިންމީ ވެސް ޓޫރިޒަމް ފުޅާވަމުންދާތީ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ފެށީ ވެސް މިހެންވެ އެވެ. ބޭނުމަކީ މިހާރު ހިދުމަތް ދެވޭ ހަތަރު މިލިއަން ފަސިންޖަރުންގެ އަދަދު 7.5 މިލިއަން މީހުންނަށް އިތުރު ކުރުމެވެ.

ނަމަވެސް، ޓޫރިސްޓުން އަންނަ އަދަދު އެންމެ ސަތޭކައެއް މަދުވި ނަމަވެސް މި ހުރިހާ ދާއިރާ އަށް އަސަރު ކުރާނެ އެވެ. މި ފަދަ ހާލަތެއްގައި ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މި ފަދަ ހާލަތެއްގައި ހިސާބު ދިމާވާނެ ހެއްޔެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟