ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް!

Mar 1, 2018
2

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން، މި ދުވަސްވަރު ރާއްޖެ ޕްރޮމޯޓް ކުރަން އާދަޔާ ހިލާފު ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން، ހާރިސް ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުން މެންޑޭޓެއް ދީފައިވަނީ ރާއްޖޭގެ ރީތި ނަން ދަމަހަށްޓަަކައި ރާއްޖެ ޕްރޮމޯޓް ކުރަން ކަމަށެވެ. އެގޮތުން ރާއްޖެ އިޝްތިހާރު ކުރަން ކުރެވެން ހުރި ހުރިހާ ކަންތައް ބަލައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މި ކުރާ އިހުސާސް ތަކަކީ މިއަދު ޓޫރިޒަމް ޕްރޮމޯޓް ކުރަން ކުރަމުންދާ މަސައްކަތް ތަކަކީ ވަރަށް ތަފާތު މަސައްކަތް ތަކެއް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީން ހުއްޓުމެއްނެތި، ރާއްޖެއާބެހޭ އެންމެ ސައްހަ މައުލޫމާތު ފޯރު ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރަނީ ދިވެހިންގެ ސާދާ މިޒާޖާއި ސާފު ތާހިރުކަމާ ރަށްތަކުގެ ރީތިކަމާއި ދިވެހިންގެ ކެއިން ބުއިމުގެ އާދަކާދަތަކާއި ގުދުރަތުން ދިވެހިންނަށް ދެއްވާފައިވާ ނިއުމްތަތަކާއި މި ހުރިހާ ކަމެއް ކިޔައި ދިނުމުގެ މަސައްކަތް މި ކުރަނީ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމައެކަނި ޓޫރިޒަމަށް މުޅި ގައުމުގެ އިގްތިސާދު ބުރަވެފައިވާ ގައުމަކަށް މި ފަދަ ހާލަތެއް ކުރިމަތިވި މިއީ ފުރަތަމަ ފަހަރަށް ވުން އެކަށީގެންވާ ކަމަށެވެ.

"އެސްއޯއީ [ސްޓޭޓް އޮފް އިމަޖެންސީ] އައިސްފައި ހުރޭ ބައެއް އެހެން ގައުމުތަކަށް. މިސާލަކަށް މެދުއިރުމަތީގެ ގައުމުތަކަށް ބަލާނަމަ ވެސް އެބަހުރި. ނަމަވެސް އެ ގައުމުގެ އިގްތިސާދަކީ ޓޫރިޒަމަށް ބިނާވެފައި އޮންނަ ގައުމު ތަކެއް ނޫން. ނަމަވެސް އަޅުގަނޑުމެންގެ އިގްތިސާދުގެ ބޮޑު ބަޔަކީ ޓޫރިޒަމްގެ މައްޗަށް ބިނާވެފައި،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަދަ އިގްތިސާދެއް އޮންނަ ގައުމެއްގައި ގައުމާބެހޭ ގޮތުން ނުރަނގަޅު ވާހަކަ އެ ގައުމުގެ މީހުން ދައްކާނަމަ ގަބޫލު ކުރަން ވެސް ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑުމެނަށް ނަފުރަތު ކުރަނީ ބޭރުގެ ގައުމަކުން ނޫން. ދިވެހިން ބޭރު ގައުމުތަކުގައި ތިބެގެން އަމިއްލަ މަގުސަދު ތަކެއް ހާސިލް ކުރަން ރާއްޖެ ބަދުނާމުކޮށް، ޓޫރިޒަމުން އައިސްފައިވާ ކުރިއެރުމަށް ހަސަދަވެރިވާ ބަޔަކު އެކަން ނުއްޓުވުމަށްޓަކައި ކުރާ މަސައްކަތެއް މިއީ. ނަމަވެސް ދިވެހިންގެ ނަސީބު ގަދައީ އެއީ ރައީސް ޔާމީން ފަދަ ބޭފުޅަކު ހުރުން. އެކަންކަމުގެ ޖަޒުބާތުގައި ޖެހިވަޑައި ނުގެން ވިސުންތެރިކަމާއެކު މަސައްކަތް ކުރައްވަމުން ދިއުން. މިއީ ދިވެހިންނަށް ލިބުނު ނަސީބެއް،" ހާރިސް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާއިރު، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށް އަދި ފަހުން އިތުރު ކުރުމާއެކު، ޓޫރިޒަމަށް ދަނީ ގެއްލުން ތަކެއް ލިބެމުންނެވެ. އަދި ކުއްލި ހާލަތުގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގިނަ ގައުމުތަކަކުން ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. ނަމަވެސް ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރު ގުޅިގެން ވަނީ މާކެޓިން އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ފަށާފަ އެވެ. ކުރިން ރާއްޖެއިން މި އަހަރު 50 ފެއާއެއްގައި ބައިވެރިވާން އޮތްއިރު، ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ދާދިފަހުން ބުނެފައިވަނީ އެ ޖަމިއްޔާގެ މަސައްކަތް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.