ވިޔަފާރި

ޗައިނާއިން ރާއްޖެއަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ ލުއިކޮށްފި

Mar 1, 2018
  • ނާންނަން އެންގި އެންގުން ބަދަލުކުރި
  • ކުރިން އޮތީ މުޅި ރާއްޖެ އަށް
  • މިހާރު އޮތީ މާލެ ސަރަހައްދަށް

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން، ޗައިނާއިން ޗައިނާ މީހުން މި ދުވަސްވަރު ރާއްޖެ ނާންނަ އަންގައި ނެރުނު އެންގުމަށް ލުއި ތަކެއް ގެނެސްފި އެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން ބޮޑުވުމާއެކު ޗައިނާ މީހުން ރާއްޖެ ނާންނަން އަންގާފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. މި އެންގުމުގައި ވަނީ މި ވަގުތު ރާއްޖެއަށް އެ ގައުމުގެ މީހުން ޒިޔާރަތް ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ކަަމަށްވާ ގެން ޝުއާން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކައިރި މުސްތަގުބަލެއްގައި ރާއްޖެއަށް ދަތުރު ކުރަން ތައްޔާރުވެގެން ތިބި ޗައިނާގެ ރައްޔިތުންނަށް ޗައިނާ އިން ލަފާ ދެނީ ރާއްޖެއަށް ހަމަޖެހުން ލިބެންދެން ދަތުރު ލަސްކުރަން ކަމަށެވެ.

ނަމަވެސް، މި އެންގުން އިއްޔެ އިން ފެށިގެން ލުއިކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް ޓްރެވަލް ކުންފުނި ތަކުން މިއަދު ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންޓެއް ނަން ނުޖެހުމަށް އެދި ބުނީ ޗައިނާއިން ކުރިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ލުއި ކޮށްފައިވާ ކަމަށް، އެ ގައުމުގެ އެޖެންޓުން އަންގާފައިވާ ކަމަށެވެ.

"ލުއިތަކެއް ދީފައިވާ ކަމަށް ޗައިނާގެ އެޖެންޓުން ވެސް ވަނީ އަންގާފަ. އެކަމަކު ރަސްމީކޮށް އަދި އިއުލާނެއް އަދި ނުކުރޭ،" އެޖެންޓު ބުންޏެވެ.

އެހެން އެޖެންޓަކު ބުނީ ކުރިން އޮތީ ޓްރެވަލް ބޭންއެއް ކަމަށާއި މިހާރު އެލާޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އުންމީދު ކުރަނީ ވަރަށް އަވަހަށް ސަރުކާރުން ވެސް އަންގާނެ ކަމަށް މިކަން. މިއީ ހެޔޮ ފާލެއް،" އެހެން އެޖެންޓެއް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ޗައިނާ އިން ކުރިން އަންގާފައި އޮތީ މިވަގުތު ރާއްޖެއަށް މީހުން ނާންނަން ކަމަށް ވިޔަސް މިހާރު އެ އެންގުން "އެލާޓަކަށް" ބަދަލުކޮށްފައިވާ ކަމަށެވެ.

"މިހާރު އަންގާފައި މާލެ އާއި މާލެ ކައިރީ މީހުން އުޅޭ ރަށްށަކަށް އެކަނި އެލާޓެއް އޮތް ކަމަށް،" ޒަމީރު ވިދާޅުވި އެވެ.

މިހާރު އަންގާފައި މާލެ އާއި މާލެ ކައިރީ މީހުން އުޅޭ ރަށްށަކަށް އެކަނި އެލާޓެއް އޮތް ކަމަށް،
މޫސާ ޒަމީރު | ޓޫރިޒަމް މިނިސްޓަރު

ރާއްޖެ ޗައިނާ ޓޫރިސްޓުން ނާންނަ އެންގި އެންގުން ބަދަލު ކޮށްފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ޗައިނާ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ވެސް ކޮށްފަ އެވެ. އަދި ރާއްޖޭގެ ހާލަތު ޗައިނާ މީހުންނަށް ކިޔައިދިނުމަށް ޗައިނާ އެމްބަސީއާ ގުޅިގެން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

ޗައިނާ މީހުން ރާއްޖެ ނާން އެނގި ދުވަސްވަރު ދިމާވަނީ، ޗައިނާ މީހުން އެންމެ ގިނައިން ބޭރަށް ދަތުރުކުރާ ދުވަސް ވަރެވެ. އަދި ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ މަހު 25,830 މީހުން އައިސްފައިވެ އެވެ.