ޗައިނާގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓް (ކޮޓޮމް 2018) ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
ދިވެހި ޓޫރިޒަމް އިޝްތިހާރު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ރާއްޖޭގެ ނުވަ ކުންފުންޏަކުން 16 ބައިވެރިނާއެކު ކުރިއަށް ދާ މި ފެއާގައި ރާއްޖޭގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފައިސަލް ކަމަށެވެ.
ކޮޓަމް ފެއާ ކުރި އަށް ދަނީ ޗައިނާގެ ވެރިރަށް ބެއިޖިންގެ ނޭޝަނަލް އެގްރިކަލްޗަރަލް އެގްޒިބިޝަން ސެންޓަރުގައި މި މަހުގެ 16-18 އަށެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މި ވިޔަފާރިތަކާއި ވިޔަފާރިތައް ބައްދަލުވާ ގޮތަށް ކުރިއަށްދާ މި ފެއާގެ މަގުސަދަކީ ޗައިނާގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުން ކަމަށެވެ. މި ފެއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ކޮޓަމް ފެއާގައި ޗައިނާގެ 4300 ވިޔަފާރި ބައިވެރިވެ އެވެ.
ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ އިން މީހުން އަންނަ އެއް ގައުމެވެ. ޗައިނާ އިން މިދިޔަ އަހަރު 306،530 މީހުން ރާއްޖެ އައިސްފައިވެ އެވެ.
ރާއްޖެ ޕްރޮމޯޓް ކުރުމުގެ ގޮތުން މި އަހަރު ޓޫރިޒަމް ދާއިރާއާއެކު ޖުމްލަ 50 ފެއާއެއްގައި އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ދަނީ ތައްޔާރުވަމުންނެވެ.