ވިޔަފާރި

ޗައިނާގައި ރާއްޖެ އިޝްތިހާރުކުރާ ހަރަކާތެއް ފަށައިފި

Nov 26, 2019

ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން ބޮޑު ހަރަކާތެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ގޮތުން މި އަހަރު ކުރިއަށް ގެންދާ 13 ވަނަ ރޯޑްޝޯ، ސިންގަޕޫރު އެއާލައިންއާ ގުޅިގެން މި މަހުގެ 25 އިން އަންނަ މަހުގެ ދޭކަށް ޗައިނާގައި ކުރިއަށްދާނެ ކަމަށެވެ.

މި ފަހަރުގެ ރޯޑްޝޯ އޮންނާނީ ޗައިނާގެ ބެއިންޖިން އާއި ޝެންހާއީ އަދި ގުއާންޒޯގެ އިތުރުން ޗެންގްޑޫގަ އެވެ.

މި ރޯޑްޝްތަކުގައި ޗައިނާގެ ބޮޑެތި ބޮޑެތި ޓުއާ އޮޕަރޭޓަރު ކުންފުނިތަކާއި ދިވެހި ކުންފުނިތަކުން ބައްދަލުވެ، މިހާރަށްވުރެ ބޮޑަށް ރާއްޖެ އިޝްތިހާރު ކުރަން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރާނެ ކަމަށެވެ. މި ރޯޑްޝޯތަކުގައި ރާއްޖޭގެ ފަރާތުން 11 ކުންފުންޏަކުން ބައިވެރިވެ އެވެ.

މި ރޯޑްޝޯތައް ކުރިއަށްދާއިރު، ބެއިންޖިން އާއި ޝެންހާއީ އަދި ގުއާންޒޯގެ އިތުރުން ޗެންގްޑޫގައި ރާއްޖެއާ ބެހޭ ގޮތުން ޕްރެޒެންޓޭޝަންތައް ދޭނެ އެވެ. އަދި މިތަނަށްދާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވެސް ދޭނެ އެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސާކޮށްފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓް އަދި ރޮބިންސަން ފުރަވެރި އައިލެންޑް ރިސޯޓުންނެވެ.

އެމްއެމްޕީއާރުސީއިން ބުނީ އެ ކުންފުނިން ޗައިނާގެ މާކެޓަށް އަމާޒުކޮށް މި އަހަރު މާކެޓިން ގިނަ ހަރަކާތްތަކެއް ހިންގާފައިވާނެ ކަމަށެވެ. މިގޮތުން އެ ގައުމުގައި އޮންނަ ޗައިނާ އައުޓްބައުންޑް އެންޑް ޓްރެވަލް ޓޫރިޒަމް މާކެޓް (ކޮޓަން) ފެއާގައި ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ކެމްޕޭންތަކާއި ފޭމް ޓްރިޕްތައް ވެސް ހިންގާފައިވާނެ ކަމަށެވެ.

ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މިދިޔަ މަހު 252،275 މީހުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 1.8 ޕަސެންޓު އިތުރުވެމެކެވެ.