ވިޒިޓް މޯލްޑިވްސް

ކޯނީ ފްރާންސްއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރަނީ

Jan 7, 2022

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ކޯނީއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ކެމްޕޭނެއް ފަށައިފި އެވެ.

ރާއްޖެ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމުގެ ޒިންމާ އުފުލާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިފަހަރު މާކެޓިން ކެމްޕޭން ކުރިއަށް ގެންދަނީ ކޯނީ ފްރާންސްއާ ގުޅިގެންނެވެ.

މި ކެމްޕޭން ކުރިއަށްދާނީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯނީއަކީ ދުނިޔޭގެ 100 އަށްވުރެ ގިނަ މަންޒިލް ވިއްކުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މި ކެމްޕޭންގެ ދަށުން ކޯނީފްރާންސުގެ ސޯސަލް މީޑިއާގެ ގިނަ ޕްލެޓްފޯމްތަކުގައި ރާއްޖެ އިސްތިހާރު ކުރާނެ އެވެ.

ފްރާންސްއަކީ ރާއްޖެ އަށް މުހިންމު މާކެޓެކެވެ. އެ މާކެޓުން މިދިޔަ އަހަރު 29,877 ޓޫރިސްޓުން އައިސްފައިވެ އެވެ.