ރާއްޖޭގައި ލަގްޒަރީ ޔޮޓް ޓޫރިޒަމަށް އޮތް ފުރުސަތު ދައްކާލަން، ދަ މޮނާކޯ ޔޮޓްޝޯ (އެމްވައިއެސް) ގައި އެމްއެމްޕީއާރުސީ އިން ބައިވެރިވެއްޖެ އެވެ.
ރާއްޖެ އިސްތިހާރު ކުރާ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކާއެކު މޮނާކޯ ޔޮޓްޝޯގައި ރާއްޖޭން ބައިވެރިވަމުންދާ ކަމަށެވެ. މި ޝޯކުރިއަށްދާނީ މިމަހުގެ 22 އިން 25 ގެ ނިޔަލަށެވެ. ރާއްޖޭން މި ޝޯއަށް ދިޔަނަމަވެސް ރާއްޖޭގައި މިހާތަނަށް ޔޮޓް ބަނދަރެއް ހެދިފައެއް ނުވެ އެވެ. އަދި މިއީ މި ސިނާއަތުގެ ފަރާތްތަކުގެ ބޮޑު ޝަކުވާ އެކެވެ.
މޮނާކޯ ޔޮޓްޝޯއަކީ ދުނިޔޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު ޔޮޓް ފެއާ އެވެ. މި ފެއާ އޮންނަނީ މޮނާކޯގެ މަޝްހޫރު ޕޯޓްހާކިއުލީސްގަ އެވެ. ހޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމްތައް ވެސް ނަގާފައިވާ މި މަޝްހޫރު ބަނދަރުގައި މި ފެއާ ބާއްވަން ފެށީ މޮނާކޯގެ ވަލީއަހުދު އަލްބަޑް ދޭއްގެ އެއްބާރުލުމާއެކު 1991 ވަނަ އަހަރުން ފެށިގެންނެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މި އަހަރުގެ ޔޮޓްޝޯގައި 600 އެގްޒިބިޓަރުން ބައިވެރިވެ، 31،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެ އެވެ. އަދި އެންމެ ފަހުން މި ފެއާ ބޭއްވި 2019 ވަނަ އަހަރު 200 އަށްވުރެ ގިނަ ވީއައިޕީސް ޒިޔާރަތްކޮށް 50 އަށްވުރެ ގިނަ ޔޮޓް ދަތުރު ބާއްވާފައިވެ އެވެ. އަދި މި ފެއާގައި އެ އަހަރު 125 އަށްވުރެ ގިނަ ސުޕަޔޮޓް ދައްކާލާފައިވެ އެވެ.
ރާއްޖެއަކީ ވެސް ދުނިޔޭގެ ފެންވަރުން އެންމެ ގިނަ ޔޮޓް ފަހަރު އޮންނަ އެއް ގައުމެވެ. ރާއްޖޭގައި 150 އަށްވުރެ ގިނަ ސަފާރީތައް އޮވެ އެވެ. ނަމަވެސް ރާއްޖެއަކީ މި ޔޮޓްތައް ބަނދަރު ކުރަން ހާއްސަ ބަނދެއް ނެތް ހަމައެކަނި ގައުމެވެ. ރާއްޖޭގައި ކްރޯޒްލައިނާ އާއި ޔޮޓްތަކަށް ބަނދަރެއް ހަދަން ބިޑްކޮށްފައިވާތާ އަހަރެއް ވެއްޖެ އެވެ. ނަމަވެސް މި މަސައްކަތް ހަވާލުކޮށްފައެއް ނުވެ އެވެ. ޔޮޓް ބަނދަރެއް ހަދައި ކްރޫޒްލައިނާއަށް ޓާމިނަލެއް ހެދުމުގެ ނަމުގައި މަސްވެރިންގެ ޕާކުގައި ތަނެއް ހަދަން ފެށިނަމަވެސް ފަހުން އެތަންވީ ފާހާނާ ބަރިއަކަށެވެ.