ވިޔަފާރި

ރާއްޖެއަށް އަނެއްކާ ވެސް ކޮންޑެ ނާސްޓް ޓްރެވަލާސް އެވޯޑު

ކޮންޑެ ނާސްޓް ޓްރެވަލާ މަޖައްލާގެ ކިޔުންތެރިންގެ ބޮޑު ބައެއްގެ އިއްތިފާގުން ރާއްޖެ އަށް ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

ޓޫރިޒަމް ދާއިރާގައި ނެރޭ އެންމެ ޒަމާންވީ އެއް މަޖައްލާ ކަމަށްވާ "ކޮންޑެ ނާސްޓް ޓްރެވަލާ" ގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބަލައި ރާއްޖެއަށް ލިބިފައިވަނީ ދާން އެންމެ ހިތް ގައިމު ޖަޒީރާ ރަށްތަކުގެ އެވޯޑެވެ. މި އެވޯޑާ ރާއްޖޭން ހަވާލުވެވަޑައިގަތީ ލަންޑަންގެ ޔާޑް ހޮޓެލްގައި އިއްޔެ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން އެވެ.

"ކޮންޑެ ނާސްޓް ޓްރެވަލާ"ގެ ކިއުންތެރިންގެ ހާއްސަ އެވޯޑެއް ރާއްޖެއަށް ލިބުނުއިރު، ރާއްޖޭގެ ބައެއް ރިސޯޓުތަކަށް އިތުރު އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ.

މި އެވޯޑާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިނިގޭސިވިލާތަކީ ރާއްޖެއަށް މުހިންމު މާކެޓެއް ކަމަށެވެ.

ކޮންޑެ ނާސްޓް އިން ދޭ އެވޯޑަކީ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް އެވޯޑެވެ. މި މަޖައްލާ ކިޔުންތެރިންގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ.

މި މަޖައްލާގެ އެވޯޑުތައް މީގެ ކުރީގައިވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު މި އެވޯޑު ރާއްޖޭގެ ތިން ރިސޯޓަކަށް ވަނީ ލިބިފަ އެވެ.

އިނިގޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 51،737 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.