ވިޔަފާރި

ޓޫރިސްޓުން ރާއްޖެ ދޫކޮށް ވާދަވެރި މަންޒިލްތަކަށް

Feb 21, 2018
5
  • ގިނަ މީހުން ސްރީލަންކާ، މޮރިޝަސްއަށް
  • އެސްއޯއީއާ އެކު ރާއްޖެ އަންނަން ހުރަސް
  • ރިސޯޓްތައް މިލިއަން ޑޮލަރުގެ ގެއްލުމުގައި

ރާއްޖޭގައި ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) އޮތުމުން، އިންޑިޔާ ޓޫރިސްޓުން ރާއްޖެއާ ވާދަވެރި އެހެން މަންޒިލްތަކަށް ދަތުރުތައް ބަދަލު ކުރަން ފަށައިފި އެވެ.

އެކެއް ފެބްރުއަރީ ގެ އަމުރާއެކު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ގިނަ ގައުމުތަކުން ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. މިގޮތުން ޓްރެވަލް އެޑްވައިޒަރީ ނެރުނު އެއް ގައުމަކީ އިންޑިޔާ އެވެ. އަދި އެ ގައުމުގެ މީޑިޔާގައި ވަނީ ރާއްޖޭގެ ވާހަކަ ވަރަށް ގަދަޔަށް ވައިގައި ވެސް ހިފާފަ އެވެ.

އިންޑިޔާގެ ޓޫރިސްޓުން ދަތުރުކުރަން އާއްމުކޮށް ބޭނުންކުރާ ކްލިއާ ޓްރިޕްސްގެ ވައިސް ޕްރެސިޑެންޓް އަކްކިތް ރަސްޓޯކީ ޓޫރިޒަމް ބައެއް ސައިޓުތަކަށް ވިދާޅުވެފައިވާ ގޮތުން ޓްރެވަލް އެޑްވައިޒަރީތަކުގެ ސަބަބުން އެހެން މަންޒިލްތަކަށް ދަނީ ދަތުރު ބަދަލު ކުރަމުންނެވެ.

މަޝްހޫރު ޔަތްރާ ޑޮޓްކޮމް ޓްރެވަލް ސައިޓުން ބުނެފައިވާ ގޮތުގައި އިންޑިޔާ މީހުންގެ ދަތުރުތައް ދަނީ ސްރީލަންކާ އާއި މޮރިޝަސް ފަދަ މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ.

އިންޑިޔާ މީހުންގެ ދަތުރުތައް ބަދަލު ކުރަން ފަށާފައިވާއިރު އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިޔާ އާއި ޗައިނާ އަދި ސިންގަޕޫރާއި ޔޫއޭއީ އަދި ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެމުންނެވެ. އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވެ، މިލިއަން ޑޮލަރުގެ ގެއްލުމާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އިންޑިޔާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު އިންޑިޔާ އިން 60،000 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.