ވިޔަފާރި

އެސްއޯއީއިން ޓޫރިޒަމަށް ގެއްލުންވާތީ ލޭމުން ކަންބޮޑުވެއްޖެ

Feb 21, 2018

ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ގެއްލުން ވަމުންދާތީ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެސްއޯއީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވެ، ކޮންފާމްކޮށްފައިވާ ބުކިންތަކަށް އަސަރު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ މިހާރު ރާއްޖޭގައި ހިންގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ވާހަކަތައް ދުނިޔޭގެ މީޑިޔާތަކުގައި ދައްކަމުންދާ ކަމަށެވެ. އަދި ސްޓޭޓް އޮފް އިމަޖެންސީގެ ސަބަބުން ގިނަ ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން މިއަހަރުގެ ހޫނު މޫސުމުގައި ރާއްޖެއަށް އަންނަން އޮތް ޗާޓަރު ފްލައިޓެއްގެ ދަތުރުތައް ވެސް ކެންސަލްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ލޭމުން ކަންބޮޑުވުން ފާޅުކުރިއިރު، އެސްއޯއީގެ ސަބަބުން ޓޫރިޒަމަށް ދަނީ މިލިއަން ޑޮލަރުގެ ގެއްލުން ވަމުންނެވެ. ނަމަވެސް ސްޓޭޓް އޮފް އިމަޖެންސީ 30 ދުވަހަށް ދިގު ދަންމައިލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.