ވިޔަފާރި

މިދިޔަ މަހު އައި ޓޫރިސްޓުން 13 ޕަސެންޓް އިތުރުވެއްޖެ

  • ޗައިނާ މާކެޓު ދަށްވެފައި
  • ޔޫރަޕުން ކުރިއެރުން ލިބުނު
  • ގިނަ މާކެޓުތައް އިތުރުވެފައި

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެ، 13 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި އަހަރުގެ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 142,351 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހު އައިސްފައިވަނީ 125,336 މީހުންނެވެ. މި އަދަދަކީ 13 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 25,830 މީހުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތު އައި 30,669 މީހުންނާ އަޅާބަލާއިރު 15.8 ޕަސެންޓް ދަށްވުމެކެވެ. އަދި އަވަށްޓެރި އިންޑިޔާއިން 8,481 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 6,043 މީހުންނެވެ. މިއީ 40.3 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ މަހު ޔޫރަޕުގެ ގިނަ ގައުމުތަކުން އައި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އިނގިރޭސިވިލާތުން 9,442 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 9,442 މީހުންނާ އަޅާ ބަލާއިރު 9.4 ޕަސެންޓް އިތުރުވުމެކެވެ. އަދި ރަޝިއާއިން 9,595 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 6,874 މީހުންނާ އަޅާބަލާއިރު 39.6 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން އިޓަލީވިލާތުން 14,329 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 12,079 މީހުންނާ އަޅާބަލާއިރު 18.6 ޕަސެންޓް އިތުރުވުމެކެވެ. އަދި ޖަރުމަނުވިލާތުން 8,329 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ މަހު އައީ 8,329 މީހުންނެވެ. މިއީ 6.7 ޕަސެންޓް އިތުރުވުމެކެވެ. ފްރާންސުން 6,335 މީހުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 4,868 މީހުންނެވެ. މިއީ 30.1 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އިތުރުވިނަމަވެސް، ކުރިއަށްއޮތް މަސްތަކުގައި ޓޫރިޒަމް ދަށްވާނެ ކަމަށް ވަނީ ބެލިފަ އެވެ. ސަބަބަކީ އެކެއް ފެބްރުއަރީގެ ސަބަބުން ރާއްޖޭގައި ހިންގަމުންދާ ސިޔާސީ ހަލަބޮލިކަމާއެކު ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެވެ. ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާނުކުރީ 15 ދުވަހަށެވެ. ނަމަވެސް ފަހުން ވަނީ އިތުރު 15 ދުވަހަށް އިތުރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ޓޫރިޒަމް މާކެޓުގެ ގިނަ ގައުމުތަކުން ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. ޓްރެވަލް އެޑްވައިޒަރީތައް ނެރެފައިވާ ގައުމުތަކުގެ ތެރޭގައި ޔޫކޭ އާއި އެމެރިކާ އަދި އިންޑިޔާ އާއި މެދުއިރުމަތީގެ ގައުމުތައް ހިމެނެ އެވެ. އަދި ޗައިނާއިން ވަނީ މި ދުވަސްވަރު ޗައިނާ މީހުން ރާއްޖެއަށް ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ.