ވިޔަފާރި

އަދުރޭގެ އަދަދުން ހިސާބު ޖެހުމުން 23 މިލިއަން ރުފިޔާ ގެއްލުވެއްޖެ!

Mar 9, 2018
16

ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެތައް ބުކިން ތަކެއް ކެންސަލްވި އެވެ. ޓޫރިޒަމްގައި މަސައްކަތް ކުރާ މީހުންގެ ބަހުންނަމަ މި ގެއްލުން މިލިއަން ޑޮލަރަށް އަރާނެ އެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ މިދިޔަ މަހު ބުކިން ކެންސަލް ކުރީ އެންމެ 1500 ޓޫރިސްޓުން ކަމަށެވެ. އަދި ވިދާޅުވީ މިއީ 100 ޕަސެންޓް "މުޖައްރިބު" ހިސާބެއް ކަމަށެވެ.

އެހެންވެ އެއީ "މުޖައްރިބު" ހިސާބެއްގެ ގޮތުގައި ބަލައިގެން ހިސާބެއް ހަދާލަމާ ހިނގާށެވެ. އޭގެ ކުރިން މިދިޔަ އަހަރު ކުރި ސާވޭއަކުން އެއްކޮށްފައިވާ އެހެން ހިސާބު ތަކެއް ހާވާލަން ޖެހެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މައި ޖަމިއްޔާ، އަދި މަހުޖަނުން ތަމްސީލްކުރާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ޓޫރިސްޓުންގެ ހޭދައިގެ ފުރިހަމަ ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާގައި މުޖައްރިބު ގިނަ ހިސާބު ތަކެއް އެއްކޮށްފައި ވެއެވެ.

އެ ހިސާބުތައް ދައްކާ ގޮތުންނަމަ އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީއަށް ކުރާ ހޭދަ އުޅެނީ 1،000 ޑޮލަރާއި 5،000 ޑޮލަރު (ގާތްގަނޑަކަށް 15،420ރ. އާއި 77،100ރ.) އާ ދެމެދުގަ އެވެ.

އެހެންވެ، ރާއްޖެ އަންނަ ޓޫރިސްޓުން އެންމެ ކުޑަކޮށް ހޭދަކުރަނީ 1000 ޑޮލަރު (15،420ރ.) ކަމަށް ބެލިދާނެ އެވެ. މި އަދަދުން ބަލާނަމަ މުޖައްރަބިކޮށް އަބްދުއްރަހީމް ވިދާޅުވެ ދެއްވި އަދަދު، 1500 ޓޫރިސްޓުން އަތުން އެންމެ ކުޑަކޮށް ވެސް 1.5 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި އެ އަދަދު ދިވެހި ރުފިޔާ އަށް ބަދަލު ކުރުމުން ޓޫރިސްޓުންގެ އަތުން ރާއްޖެ އަށް 23.1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަބްދުއްރަހީމް އެ ވިދާޅުވި ގޮތަށް އެއަދަދަކީ މުޖައްރިބު ކެންސަލޭޝަން ކަމަށް ވަންޏާ 23.1 މިލިއަން ރުފިޔާ ގެއްލުންވާނެ އެވެ.

މިދިޔަ މަހު ޓޫރިޒަމް ލިބުނު ގެއްލުމާއި ބުކިން ކެންސަލްވުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ހިސާބެއް އަދި ނުނެރެ އެވެ. އެކަމަކު، އެކެއް ފެބުރުއަރީގެ އަމުރާއި އޭގެ ފަހުން ފަސް ވަނަ ދުވަހު ކުއްލި ހާލަތު އިއުލާނު ކުރުމުން ހަމަ ޔަގީނުން ވެސް ބުކިން ތަކެއް ކެންސަލްވެގެން ދިޔަ އެވެ. އެންމެ ބޮޑު ސަބަބަކީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އާއި އިންޑިޔާ ފަދަ ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރުމެވެ.

ކުއްލި ހާލަތުގެ ސަބަބުން ޓޫރިޒަމަށް ލިބުނު ގެއްލުމުގެ ކޮންމެވެސް ވަރެއްގެ ގެއްލުމެއްގެ ހިސާބެއް މިއޮތީ އެނގިފަ އެވެ. މި ހިސާބުތަކުންވެސް އެނގެނީ މުޖައްރަބިކޮށް 23 މިލިއަަނެއްހާ ރުފިޔާ ގެއްލުންވެއްޖެ ކަމެވެ. ސުވާލަކީ މި "މުޖައްރަބު" ހިސާބުން ލިބުނު ގެއްލުމުގެ ފައިސާއިން ކިތަށް މަސައްކަތް ކުރެވޭނެބާ އެވެ؟ އަބްދުއްރަހީމް ވިދާޅުވާ ގޮތަށް ތަރައްގީގެ ކިތައް މަސައްކަތް ކުރޭނެ ހެއްޔެވެ؟