ރާއްޖެ ފަދަ ގައުމުތައް ދުނިޔޭގައި ބައިވަރެވެ. އެ މަންޒިލްތަކާއި ރާއްޖެ ތަފާތަކީ ރާއްޖޭގައި ހުރި ބައެއް "ޔުނީކް" ސިފަތަކެވެ. ރާއްޖޭގެ ސުލްހަވެރި ކަމެވެ. ދިވެހިންގެ ހިތްހެޔޮ ކަމެވެ. ނަމަވެސް 1 ފެބްރުއަރީގެ އަމުރަށްފަހު ނެރުނު ކުއްލި ނުރައްކަލުގެ ހާލަތާއެކު ރާއްޖޭގެ އެންމެ މުހިންމު ސިފަ އަށް ވަނީ "ފުސް" ކަމެއް އަރާފަ އެވެ. މިއާއެކު ރާއްޖެ އަންނަ ތިބި ގިނަ ބަޔަކު ވަނީ ދަތުރު އެހެން ގައުމުތަކަށް ބަދަލުކޮށްފަ އެވެ. އެއިން ޓޫރިޒަމް ދާއިރާ ހާސް ކަމަށްވެއްޓުނުއިރު، މީގެ ފައިދާ ނަގަން ވާދަވެރި މަންޒިލްތައް ވަނީ ފޫގަޅާލާފަ އެވެ. ކުއްލި ހާލަތާއެކު ރާއްޖޭގެ ޓޫރިޒަމް މާކެޓަށް ވާދަވެރިންގެ ކަޅި މިވަނީ ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.
"ރާއްޖެ ހަލަބޮލި ކުރުމަކީ ދިވެހިން އަޅާ ވަރަށް ޅަ އެއްޗެއް. މިކަމުގެ ހުރިހާ ފައިދާއެއް ނަގަނީ ވާދަވެރިން. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ފިއުޗާ އަށް ބަލާއިރު ވަރަށް ގޯސް އިމޭޖަކަށް ވާނެ،" ބޭރުގެ ޓުއާ އޮޕަރޭޓަރެއް މިހާރުގެ ހާލަތުން ލިބޭނެ ގެއްލުން ސިފަ ކޮށްފައިވަނީ މި ގޮތަށެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރުން މިހާރު ވަނީ އެ ހާލަތު މަސް ދުވަހަށް ދިގު ދަންމާލާފަ އެވެ. މި ހާލަތަށް އައުމުގެ ކުރިން ހަތަރު އަހަރު ތެރޭގައި އެތަށް ހާސް އެނދެން މުޅިން އަލަށް ޓޫރިސްޓުންގެ ހިދުމަތަށް ނެރެފައިވެ އެވެ. ހިސާބު ތަކަށް ބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރު އެކަނި ވެސް 30 ހަކަށް ރިސޯޓު ހުޅުވި އެވެ. މިހާރު ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު 40،000 އަށް އަރަ އެވެ. އަދި "ބަޖެޓް" ޓޫރިސްޓުންނަށް ހާއްސަކޮށް ޓޫރިޒަމްގައި ފުޅާވެގެންދާ ގެސްޓްހައުސް ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. މެދު ފަންތީގެ ގިނަ އާއިލާތަކެއްގެ އާމްދަނީ އާއި ރަށު ރައްޔިތުންގެ ޖީބަށް ބަރުކޮށްދޭ، ގެސްޓްހައުސްތަކުގައި އެކަނި ވެސް މިހާރު 5،000 އެނދު އެބަހުއްޓެވެ. މުޅި ޓޫރިޒަމްގެ އިމޭޖު މިގޮތުގައި ކުރިއަށް ދަނިކޮށް ކުއްލި ނުރައްކަލުގެ ސަބަބުން ޓޫރިޒަމް އިމޭޖު މިވަނީ ބަދަލުވެފަ އެވެ. މީގެ ސަބަބުން ރާއްޖެއާ ވާދަވެރިން ދަނީ މި މާކެޓުގެ ތެރެއަށް ވަންނަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދަތުރު ބަދަލު ކުރަން އިނާޔަތް
އެމީހުން ވިސްނައި ދެނީ ރާއްޖެއަށް ވުރެ ރަނގަޅު ހިދުމަތް އަދި ރަނގަޅު އަގުގައި ދޭނެ ކަމަށެވެ. މިއާއެކު ގިނަ ބަޔަކު ވަނީ އެހެން ގައުމުތަކަށް ދާން ފަށާފަ އެވެ. އަގުގެ ގޮތުން ހެޔޮ އަދި ހިދުމަތުގެ ގޮތުން ވެސް އެ މީހުން ދަނީ ރާއްޖެއާ ވާދަ ކުރަމުންނެވެ. ބޭރުގެ ބައެއް މީޑިޔާތަކުގައިވާ ގޮތުން ރާއްޖޭގެ ކުއްލި ނުރައްކާ އިއުލާނު ކުރުމުން ބައެއް ޓޫރިސްޓުން ވަނީ މެލޭޝިޔާ ފަދަ ގައުމުތަކަށް ދަތުރު ބަދަލުކޮށްފަ އެވެ.
އިންޑިޔާގެ "ކްލިއާ ޓްރިޕްސް" ވައިސް ޕްރެސިޑެންޓް އަކްކިތް ރަސްޓޯކީ ޓޫރިޒަމް ބައެއް ސައިޓު ތަކަށް ވިދާޅުވީ ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީތަކުގެ ސަބަބުން އެހެން މަންޒިލް ތަކަށް އިންޑިޔާ މީހުންގެ ދަތުރުތައް ދަނީ ބަދަލު ކުރަމުންނެވެ.
އޮންލައިން ބުކިން ސައިޓް "ޔަތްރާ ޑޮޓްކޮމް" ޓްރެވަލް ސައިޓުން ބުނެފައިވާ ގޮތުގައި އިންޑިޔާ މީހުންގެ ދަތުރުތައް ބަދަލުވީ ސްރީލަންކާ އާއި މޮރިޝަސް ފަދަ މަންޒިލްތަކަށެވެ،
މިކަން އެންމެ ބޮޑަށް ފެންނަން ފަށާނީ ކުރި އަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގަ އެވެ. ކުއްލި ހާލަތު އިއުލާނު ކުރުމުން ގިނަ ގައުމުތަކުގެ ރައްޔިތުން ރާއްޖެ އަށް ޒިޔާރަތް ކުރުމުގައި ސަމާލުވާން ވަނީ އަންގާފައިވެ އެވެ.
މި ގައުމުތަކުގެ ތެރޭގައި ރާއްޖެ އަށް މިދިޔަ އަހަރު 300،000 އެއްހާ މީހުން އައި ޗައިނާ ހިމެނެ އެވެ. އެ ގައުމުގެ އެލާޓް ފަހުން "ރިލެކްސް" ކުރިއަސް މި ކަމުގެ ގެއްލުން ބޮޑުވާނެ އެވެ. އަނެއް ގައުމަކީ މިދިޔަ އަހަރު 80،000 އެއްހާ މީހުން އައި އިންޑިޔާ އެވެ. އެ ގައުމުގެ ޓްރެވަލް އެޑްވައިޒަރީ އަދި ވެސް އޮތީ ދަމަހައްޓާފަ އެވެ. އަދި އިންޑިޔާގެ ގިނަ ބަޔަކު ވަނީ އެހެން މަންޒިލް ތަކަށް ބަދަލުވާން ފަށާފަ އެވެ.
ރާއްޖެ ހަލަބޮލިވާ ކޮންމެ ދަނޑިވަޅެއްގައި ސްރީލަންކާ އާއި ސީޝެލްސް އަދި މޮރިޝަސް ފަދަ ގައުމުތަކުން ރާއްޖެ އަންނަން ތިބި މީހުންނަށް ރަނުގެ ފުރުސަތު ތަކެއް ދޭ ކަމަށްވެ އެވެ. މި ފަހަރު ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާނުކޮށް އިންޑިޔާ އާއި ޗައިނާ އިން ޓްރެވަލް އެލާޓް ނެރުމަކީ ރާއްޖެއާ އެންމެ ވާދަވެރި ސްރީލަންކާ އަށް މުސްތަގުބަލުގައި ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. ސަބަބަކީ ސްރީލަންކާ ޓޫރިޒަމް އެންމެ ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމަކީ ވެސް ޗައިނާ އާއި އިންޑިޔާ ކަމަށްވުމެވެ. މިދިޔަ އަހަރު ސްރީލަންކާ އަށް އެންމެ ގިނަ އިން މީހުން ދިޔައީ ވެސް އެ ދެ ގައުމުންނެވެ.
ސަމާލުވާން ޖެހޭ
ސްރީލަންކާ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ގައުމަށް އިންޑިޔާ އިން 384,628 މީހުން ގޮސްފައިވެ އެވެ. މިއީ 2016 ވަނަ އަހަރު ދިޔަ 356,729 މީހުންނާ އަޅާ ބަލާއިރު ހަތް ޕަސެންޓް އިތުރުވުމެކެވެ. އަދި ޗައިނާ އިން އެ މުއްދަތުގައި 268,952 މީހުން ދިޔަ އެވެ. މި އަދަދަކީ 2016 ވަނަ އަހަރުދިޔަ 271,577 މީހުންނާ އަޅާ ބަލާއިރު އެއް ޕަސެންޓް އިތުރުވުމެވެ. ވާދަވެރި އެހެން ގައުމުތަކަށް ބަލާއިރު ގިނައީ ޔޫރަޕުގެ މީހުންނެވެ. މި މާކެޓަކީ މޮރިޝަސް އާއި ސީޝެލްސް ފަދަ ގައުމުތަކުން ވާދަކުރާނެ މާކެޓުތަކެވެ. އެ ގައުމުތަކުން ރާއްޖޭގެ މި މާކެޓްގެ ކޮޅު އަނބުރާލަން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަން މީހުން އައިސްފައިވާއިރު، މީގެ ތެރޭގައި ހިމެނޭ 306,530 މީހުންނަކީ ޗައިނާ މީހުންނެވެ. މިއީ ކުރީ އަހަރު އައި 324,326 މީހުންނާ އަޅާބަލާއިރު 5.5 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ހިއްސާއެއްވާ ގައުމެކެވެ. އަދި އިންޑިޔާ އިން މިދިޔަ އަހަރު 83,019 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު އައި 66,955 މީހުންނާ އަޅާބަލާއިރު 24 ޕަސެންޓް އިތުރުވުމެކެވެ. މިއީ ވާދަވެރިން އެންމެ ބޮޑަށް ބޭނުންވާނެ ދެ މާކެޓޭ ބުނެވިދާނެ އެވެ.
އިންޑަސްޓްރީގެ ކަންބޮޑުވުން ބޮޑު
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓުގެ ޖެނެރަލް މެނޭޖަރަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވީ ރާއްޖޭގައި ހަލަބޮލިކަން ބޮޑުވުމަކީ ވާދަވެރިންނަށް ލިބިގެން ދާނެ ބޮޑު ފައިދާއެއް ކަމަށެވެ.
"ހަގީގަތުގައި ވާދަވެރި ގިނަ ގައުމުތަކުން ވަރަށް ހަސަދަވެރިވޭ ރާއްޖޭގެ ޓޫރިޒަމަށް. ސަބަބަކީ އެ މީހުންނަށް ރާއްޖޭގެ ޓޫރިޒަމުން އޮތް ޗެލެންޖު ބޮޑުކަން. ރާއްޖޭގައި މިހާރު ހުރިހާ މާކެޓެއްގެ ހުރިހާ ގައުމެއްގެ ޓޫރިސްޓުން އެބަތިބި. މިހެން މިކަން އޮއްވައި ރާއްޖެ ހަލަބޮލި ވުމަކީ މީގެ ފުރިހަމަ ފައިދާ ވާދަވެރިން ވަރަށް ބޮޑަށް ނަގާނެ ކަމެއް،"
ރާއްޖެ އަށް ޓޫރިސްޓުން އައުމުގައި އެންމެ ބޮޑަށް ބަލާ އެއް ކަމަކީ ސުލްހަވެރި ކަމެވެ. ދިރާސާ ތަކުން ވެސް ދައްކަނީ ހަމަ މި ގޮތަށެވެ. ޓޫރިޒަމްގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިދިޔަ އަހަރު ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި ޓޫރިސްޓުން ދެވަނަ އަށް އަންނަ އެއް ސަބަބަކީ ރާއްޖޭގެ ސުލްހަވެރި ކަމެވެ.
ދުނިޔޭގެ 30 ގައުމުން ޓޫރިސްޓުން ގެންނަ ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖީއެމް އަދި ވިލާ ހޮޓެލްގެ ގްރޫޕް ޖީއެމް ގައިސަރު ނަސީމް ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކާ އޮތުމަކީ ޓޫރިސްޓުންގެ ހިތުގައި ބިރުވެރިކަން އޮންނާނެ ކަމެކެވެ. އެހެންވެ ރާއްޖެ އަބަދު ވެސް ސުލްހަވެރިކޮށް ދެއްކުމަކީ އެންމެ މުހިންމު ކަންތައްކަމުގައި އޭނާ ވިދާޅުވެ އެވެ.
"ރާއްޖޭގެ ކުއްލި ނުރައްކާ އިއުލާންވެފައި އޮތުމަކީ ބޭރުން ބަލާނެ ކަމެއް. މިކަމުގެ ސަބަބުން ޓޫރިސްޓުން އެހެން ދިމަދިލާލަށް ދަތުރު ބަދަލުކުރާނެ. މިއީ މުޅި ޓޫރިޒަމް އިންޑަސްޓްރީ ވެސް ސަމާލު ވާން ޖެހޭ،" ގައިސަރު ވިދާޅުވި އެވެ.
ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތުމަކީ ބޭރުން ބަލާނެ ކަމެއް. މިކަމުގެ ސަބަބުން ޓޫރިސްޓުން އެހެން ދިމަދިލާލަށް ދަތުރު ބަދަލުކުރާނެ.ގައިސަރު ނަސީމް | ވިލާ ހޮޓެލްސް ގްރޫޕް ޖީއެމް
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާނަމަ އޭގެ އަސަރު ޓޫރިޒަމަށް އަބަދުވެސް ވަރަށް ބޮޑުވާނެ އެވެ. މީގެ ގެއްލުން ފެންނާނީ މުސްތަގުބަލްގައި ކަމަށް ތަޖުރިބާކާރު ޖީއެމް ވިދާޅުވި އެވެ.
"ކުރި އަށް އޮތީ ގެއްލުން ވާނެ ދުވަސްވަރު. މިހާރު ވެސް ދުވާލަކު 50 ބުކިން ކެންސަލްވޭ. ފިއުޗާގެ ގިނަ ބުކިންތަކެއް ވަނީ ކެންސަލްވެފަ. މިއީ އޮތް އެންމެ ބޮޑު ބިރަކީ، ގެއްލުން މިލިއަން ޑޮލަރުން މަތި،" ގައިސަރު ވިދާޅުވި އެވެ.
ޕްރޮމޯޓް ކުރުމަށް ހުއްޓުމެއް ނެތް
ސުވާލަކީ ވާދަވެރިންގެ މަސައްކަތްތަކާއި ސިޔާސީ ހަލަބޮލިކަމުން އަރައި ގަންނަން ހަދާނީ ކިހިނެއް ހެއްޔެވެ؟
ސަރުކާރުގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުން މެންޑޭޓެއް ދީފައިވަނީ ރާއްޖޭގެ ރީތި ނަން ދަމަހަށްޓަަކައި ރާއްޖެ ޕްރޮމޯޓް ކުރަން ކަމަށެވެ. އެގޮތުން ރާއްޖެ އިޝްތިހާރު ކުރަން ކުރެވެން ހުރި ހުރިހާ ކަންތައް ބަލައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަމައެކަނި ޓޫރިޒަމަށް މުޅި ގައުމުގެ އިގްތިސާދު ބުރަވެފައިވާ ގައުމަކަށް މި ފަދަ ހާލަތެއް ކުރިމަތިވި މިއީ ފުރަތަމަ ފަހަރަށް ވުން އެކަށީގެންވާ ކަމަށެވެ.
"އެސްއޯއީ [ސްޓޭޓް އޮފް އިމަޖެންސީ] އައިސްފައި ހުރޭ ބައެއް އެހެން ގައުމުތަކަށް. މިސާލަކަށް މެދުއިރުމަތީގެ ގައުމުތަކަށް ބަލާނަމަ ވެސް އެބަހުރި. ނަމަވެސް އެ ގައުމުގެ އިގްތިސާދަކީ ޓޫރިޒަމަށް ބިނާވެފައި އޮންނަ ގައުމު ތަކެއް ނޫން. ނަމަވެސް އަޅުގަނޑުމެންގެ އިގްތިސާދުގެ ބޮޑު ބަޔަކީ ޓޫރިޒަމްގެ މައްޗަށް ބިނާވެފައި،" ހާރިސް ވިދާޅުވި އެވެ.
ޓޫރިޒަމްގައި ރާއްޖެއެކޭ އެހެން ގައުމެކޭ މާކަބޮޑު ތަފާތެއް ނެތެވެ. ތަފާތު ދައްކުވައި ދޭނީ ސުލްހަވެރިކަމާއި އަމާންކަން ޔަގީންކޮށް ދޭ މިންވަރަކުންނެވެ. ޓޫރިސްޓުންނަށް އެކަން އިހުސާސް ކޮށްދޭނެ ޖެހެ އެވެ. އެހެންނޫންނަމަ ރާއްޖޭގެ ޓޫރިޒަމް މާކެޓުގެ ބޮޑު ބައެއް ވާދަވެރިން ގެންދިއުމުގެ ބިރު އޮންނާނެ އެވެ.