ސުޕްރީމް ކޯޓުން މިރޭ ނެރުއްވި ވަގުތީ އަމުރުން ދޭހަވަނީ އިއްޔެ މަޖިލީހުން ފާސްކުރި ކުއްލި ނުރައްކަލު ހާލަތުގެ ގަރާރު ސައްހަ ގަރާރެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ 38 މެންބަރުން ވޯޓު ދެއްވައި އިއްޔެ ފާސްކުރި ކުއްލި ނުރައްކަލުގެ ގަރާރަކީ ގާނޫނީ ފުށުއެރުމެއް ނެތް ނިންމުމެއް ކަމަށް މިރޭ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން އެއާ ދޭތެރޭގައި ދިރާސާކޮށްފައި ރިއާޔަތް ކޮށްފައި ގޮތެއް ނިންމެވެން ދެންވެސް ނެރުއްވި ވަގުތީ އަމުުރުން ދޭހަވަނީ އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ ތެރޭގައި ކުރެއްވި މަސައްކަތަކީ ގާނޫނީ ގޮތުން ކުރެވޭނެ މަސައްކަތެއް ކަމަށް، އިދިކޮޅު ފަރާތްތަކުން ކޮންމެ އެއްޗެއް ވިއްކަން އުޅުނު ނަމަވެސް ރައްޔިތުން މަޖިލީހުގެ 38 މެންބަރުން ވޯޓު ދެއްވާފަ އިއްޔެ ފާސްކުރި ގަރާރަކީ އަޅުގަނޑުމެން ނިންމި ނިންމުމަކީ ގާނޫނީ ފުށުއެރުމެއް ނެތް ނިންމުމެއް ކަން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރެއް ނުކުތީ ހަމައެކަނި އެކެއް ފެބްރުއަރީގައި އެކަނި ނޫން ކަމަށާއި މިރޭ ވެސް ނުކުތީ ސުޕްރީމް ކޯޓުގެ އަމުރެއް ކަމަށެވެ. އެއަށް އިދިކޮޅު ފަރާތްތަކުން ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަމައެކަނި ބަލައިގަންނަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ކަމަށާއި އެ އަމުރުގައި އެއްވެސް ސައްހަ ކަމެއް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އިދިކޮޅު ބޭފުޅުން ވިދާޅުވަމުން ދަނީ އެކަމެއް ނުކުރެވޭނޭ، ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރެއް ނިކުތީ ހަމައެކަނި އެކެއް ފެބްރުއަރީގައި އެކަނި ހެއްޔެވެ، މިރޭވެސް ނިކުތީ ސުޕްރީމް ކޯޓުގެ އަމުރެއް، އެވެސް ޖެހޭނެ ދެއްތޯ ބަލައިގަންނަން، މިބޭފުޅުން ހަމައެކަނި ބަލައިގަންނަން މިޖެހެނީ އެކެއް ފެބްރުއަރީގެ އަމުރު، އެކެއް ފެބްރުއަރީގެ އަމުރުގައި ނެެތް އެއްވެސް ސައްހަ ކަމެއް، އެއްމެ ކަމެއް ނޫނީ ހުރިހާ ކަމެއް ވަނީ ބާތިލް ކޮށްފަ، ސުޕްރީމް ކޯޓުން ކޮންމެ އަމުރެއް ނެރުނަސް އިދިކޮޅުން ޖެހޭނެ ތަބާވާން،: އަދުރޭ ވިދާޅުވި އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން ގަރާރު ފާސްކުރީ 38 މެންބަރުންގެ ވޯޓާއެކު އެވެ. ވޯޓު ނެންގެވިއިރު މަޖިލީހުގައި ތިއްބެވީ ވެސް 38 މެންބަރުންނެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތަކު އެއަށް އަމަލުކުރަން ޖެހޭ ކަމެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ތިއްބަވައިގެން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި އެކަންކަމަކީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ވޯޓު ނަންގަވައި އެ ވޯޓު ސައްހަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ގިނަ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ރައީސް 43 މެންބަރުން ތިއްބަވަން ޖެހޭނީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގައި އޮތީ "ކޮންމެ ކަމެއް ވެސް"ކަން ވެސް ފާހަގަކޮށްފައިވާތީ އިއްޔެގެ ވޯޓު ސައްހަ ނުވާނެ ކަމަށެވެ. ރޭގެ ވަގުތެއްގައި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވެސް ވަނީ އެކަން ފާހަގަކުރައްވައި، މިހާރު ކުއްލި ހާލަތެއް ނެތްކަން ބަޔާން ކުރައްވާ ފުލުހަށް ސިޓީއެއް ފޮނުވާފަ އެވެ. އެޓާނީ ޖެނަރަލްގެ އިސް ވަކީލުން ވެސް އެ ލަފާ އެޓާނީ ޖެނަރަލް މުހައްމަދު އަނިލަށް އަރުވާފައިވެ އެވެ.