ހަބަރު

ވެށިފަހި ފްލެޓް ހޯދަން ދޫކޮށްލި 66 ބިމެއް ވިއްކާލަނީ

Feb 22, 2018
1

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން، ފްލެޓް ހޯދަން މާލެއިން ދޫކޮށްލި 66 ބިމެއް ވިއްކާލަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ، "ވެށިފަހި" ޕްރޮގްރާމަކީ މާލޭގައި ހުރި ބިންކޮޅު ދޫކޮލާ ފަރާތަކަށް ހުޅުމާލެ އިން ބިން ލިބޭ ގޮތަށް ކުރި އަށް ގެންދިޔަ ޕްރޮގްރާމެކެ އެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 37 ބިމެއް ވިއްކަން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. މިއިން ބިމެއް ވިއްކަނީ އަކަފޫޓެއް 2000 ރުފިޔާގެ ރޭޓުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން ގޯއްޗާއި ބިން ދެނީ މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކަށެވެ.

"ފެށިފަހި މާލެ" ދެވަނަ ފިޔަވަހީގެ ބިން ވިއްކަން ހައުސިން މިނިސްޓްރީއިން އިއްޔެ ކުރި އިއުލާނުގައި ވަނީ މި ފިޔަވަހީގެ ބިންތައް ވެސް ގަތުމުގެ ފުރުސަތު ގޯތިތަކުގެ ބެހެނިވެރިންނާއި އެ ބިންތަކާއި އިން ވެގެން ހުރި ގޯތިތަކުގެ ވެރިންނަށް ވެސް އޮންނާނެ ކަމަށެވެ. މި ބިންތައް ވިއްކަނީ ގަލޮޅާއި ހެންވޭރު އަދި މާފަންނުގެ އިތުރުން މައްޗަން ގޯޅިންނެވެ. ގަލޮޅުން 11 ބިމެއް ވިއްކާއިރު ހެންވޭރުން 25 ބިމެއް ވިއްކަ އެވެ. އަދި މައްޗަން ގޯޅިން ފަސް ބިމެއް ވިއްކަ އެވެ. އަދި މާފަންނުން 25 ބިމެއް ވިއްކަ އެވެ.

ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައިވާ އިއުލާނުގައި ގޯތީގެ ޗާޓާއި ބިމުގެ ބޮޑުމިން ވެސް ހިމަނާފައިވެ އެވެ. ބިން ތަކުގެ ބޮޑުމިން އުޅެނީ 123 އަކަފޫޓުން ފެށިގެން 532 އަކަފޫޓާ ދެމެދުގަ އެވެ.