ކުޅިވަރު

ޑީޕީއެލް ފެންޓަސީ ލީގްގެ ވަނަތައް ހޮވުން އަންނަ މަހު

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ފޯރިގަދަ ކުރުމުގެ ގޮތުން އަމިއްލަ ފަރާތަކުން އެފްއޭއެމްއާ ގުޅިގެން ތާރަފު ކުރި ޑީޕީއެލް ފެންޓަސީ ލީގްގެ ވަނަތައް އަންނަ މަހު އިއުލާން ކުރާނެ ކަަމަށް ފެންޓަސީ ލީގް ތާރަފު ކުރި ފަރާތުން ބުނެފި އެވެ.

ފެންޓަސީ ލީގް ތާރަފް ކުރީ މުޅި މުބާރާތް ނިމޭއިރު އެއް ވަނަ އަށްދާ ފަރާތަށް، ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ މެޗެއް ބަލައިލުމުގެ ފުރުސަތު ދޭށާއި ކޮންމެ ހަފުތާއަކު ވަނައަށް ދާ ފާރަތްތައްވެސް ހޮވުމަށް އިއުލާން ކުރި އެވެ.

ނަމަވެސް ފެންޓަސީ ލީގްގެ ޚަބަރެއް ނުވުމުން އެ ލީގްގައި ބައިވެރިވި ބައެއް ފަރާތްކުން ވަނީ ކަންބޮޑުވުން ފަޅު ކޮށްފަ އެވެ. ފެންޓަސީ ލީގްގައި ރަޖިސްޓްރީ ކުރި މީހަކު ބުނީ ފެންޓަސީ ލީގްގައި އޭނާ ވެސް ރަޖިސްޓްރީވެ މެޗުތައް ބަލަން ދަނޑުށް ދާން ފެށި ކަމަށެވެ.

"ފެންޓަސީ ފުޓްބޯޅަ" އިގެ ނަމުގައި އޭރު ވަނީ ވެބްސައިޓެއް ވެސް ލޯންޗު ކޮށްފަ އެވެ. އެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ކޮންމެ ފަރާތަކަށްވެސް ލީގްގައި ވާދަ ކުރާ ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން ހިޔާލީ ޓީމެއް އެކުލަވައިލުމުގެ ފުރުސަތު ދިނެވެ. އެ ޓީމަށް ކުޅުންތެރިން ގަތުމާއި ވިއްކުމުގެ އަގުތަކެއް ކަނޑައެޅުމުގެ ފުރުސަތު ވެސް ދިނެވެ. ކޮންމެ ބައިވެރިޔަކަށް ވެސް ޕޮއިންޓް ދިނުމުގެ އުސޫލު ކަނޑައަލާފައި ވަނީ ލީގްގެ ކުޅުން އޮންނަ ހަފުތާތަކުގައި ޓީމުތަކުގެ ޕާފޯމަންސާއި ކުޅުންތެރިންގެ ޕާފޯމަންސަށް ބަލައިގެންނެވެ.

"ފެންޓަސީ ލީގްގެ ބައިވެރިވެ، މެޗުތައް ބަލަން ދިޔައިން، އަޅުގަނޑުގެ ބައެއް ރަށްޓެހިންވެސް ފެންޓަސީ ލީގްގައި ރަޖިސްޓްރީ ކުރި އެމިހުންވެސް ދަނޑަށް މެޗުތައް ބަލަން ދިޔަ،" ފެންޓަސީ ލީގްގައި ބައިވެރިވި މީހަކު ބުންޏެވެ. "ދިވެހި ފުޓްބޯޅަ ބަލަން ނުދާ ބައެއް މީހުންވެސް އޭގެ ސަބަބުން ދަނޑަށް ދިޔަ، ފުރަތަމަ ދެ ހަފުތާގައި ވަނަތައްވެސް ހޮވި، ނަމަވެސް ލީގް ނިމިގެން ދިޔައިރުވެސް ވަނަތައް ހޮވާފައެއް ނުވޭ."

މިކަންބޮޑުވުންތައް ހިފައިގެން ފެންޓަސީ ލީގް އެކުލަވާލި ފަރާތްތަކާ ހަމަޔަށް ދިއުމުން އެ ފަރާތުން ބުނީ އަންނަ މަަސްތެރޭގައި ނަތީޖާތައް އިއުލާން ކުރާނެ ކަމަށެވެ.

"ހުރިހާ ވަނަތަކެއް އަންނަ މަހު އިއުލާންކޮށް އެއް ވަނަ އަށް ދިޔަ ފަރާތްވެސް ކަނޑައަޅާނަން،" ފެންޓަސީ ލީގްގައި އިސްކޮށް އުޅުވާ މަންނު ބުންޏެވެ. "އަދި އެއް ވަނަ އަށްދާ ފަރާތަށް ކަނޑައެޅިފައިވާ އިނާމު ލިބިގެންދާނެ."

ނަމަވެސް މިހާރު ފެންޓަސީ ފުޓްބޯޅަ ވެބްސައިޓަށް ނުވަދެވެ. ވެބްޒައިޓަށް ދިއުމުން ބުނަނީ ސާވާ މައްސަލައެއް އުޅޭ ކަމަށެެވެ. މަންނުވެސް ބުނީ ވެބްސައިޓްގެ ސާވާއަށް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

ފެންޓަސީ ލީގްގައި ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ކަންބޮޑުވުމަކީ މިދިޔަ އަހަރު ލީގަށް ތާރަފު ކުރި ކަމެއް މިދިޔަ އހަަރު ނިމިގެން ދިޔައިރުވެސް ޚަބަރެއް ނުވުމުންނެވެ.