ކުޅިވަރު

އުމުރުން 40 ގައިވެސް އައްޔަ ކުޅެން ތައްޔާރު

މި އަހަރު އުމުރުން 40 އަހަރުގައިވެސް ކުޅެން ޑިފެންޑަރު އަލީ ޝަރީފް (ލޮނު އައްޔަ) ކުޅުން ތައްޔާރު ވެއްޖެ އެވެ.

އޭޕްރީލް މަހު 40 އަހަރު ފުރޭ އައްޔަ، މި އަހަރު ނިކުންނަނީ އޭނާގެ 15 ވަނަ ސީޒަނަށެވެ. މި އަހަރުވެސް އޭނާ ފެނިގެންދާނީ ޔުނައިޓަޑް ވިކްޓަރީންނެވެ. އޭނާ ވެގެންދާނީ މި އަހަރު ފުރަތަމަ ޑިވިޝަނުން ފެނިގެންދާނެ އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

އައްޔަ ކުރިން ނިންމައިގެން ހުރީ މިދިޔަ އަހަރަށް ފަހު ކުޅެން ހުއްޓާލާށެވެ. އޭނާ ހުރީ މި އަހަރު ކޯޗިން ދާއިރާއަށް ނިކުތުމަށެވެ. އޭނާ އާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު ވެލެންސިއާގެ ކޯޗު ކަމާ ހަވާލުވެ، އޭނާގެ އެސިސްޓެންޓް ކޯޗަކަށް އައްޔަ ގެންދިއުމަށް ސޮބާ މަސައްކަތް ކުރި އެވެ. ނަމަވެސް އައްޔަގެ ވިސްނުން ބަދަލުވީ ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހްގެ އެދުމުގެ މަތިންނެވެ.

"ޔުނައިޓަޑް ވިކްޓަރީގެ މެނޭޖްމެންޓުން ގުޅީމަވެސް އަޅުގަނޑު ބުނިން މިހުރީ ހުއްޓާލައިގެންނޭ، ނަމަވެސް ނަޒީހް އާ ބައްދަލުވެ ނަޒީހް ވާހަކަ ދެއްކީ މިއަހަަރުވެސް ކުޅެން،" އޭނާގެ ވިސްނުން ބަދަލުވި ގޮތް އައްޔަ ކިޔައި ދިނެވެ.

އައްޔަގެ ކެރިއަރުގެ ބޮޑު ބައެއް އޭނާ ހޭދަ ކުރީ ވިކްޓަރީގަ އެވެ. އޭނާ ވަނީ އެ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފަ އެވެ. އަދި ވެލެންސިއާ އާއި އައިއެފްސީއަށްވެސް އޭނާ ކުޅުނެވެ.

އޭނާ ބުނީ މި އަހަރަށް ފަހު އަނެއްކާވެސް ކޯޗިންދާއިރާއަށް ނިކުތުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ކުރިންވެސް ނަޒީހްއާއެކު އެވާހަކަ ދައްކާފައިވާނެ ކަމަށް އޭނާ ބުންޏެވެ.