ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ވޯކް ސައިޓުން މިއަދު ފެނިގެންދިޔައީ މީގެ ކުރިން ރާއްޖޭގައި އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ހަދަމުންދާ ގުދަނެއްގެ ކޮންސްޓްރަކްޝަން މަސައްކަތްތަކެއްގައި ބުރަކޮށް ހަރަކާތްތެރިވަމުން ދިޔައީ ތިރީހަކަށް ގައިދީންގެ ޓީމަކުންނެވެ. އެމީހުން އެތަނުގައި މަސައްކަތްކުރަމުން ދިޔައީ މިނިވަންކަމާއެކު އެންމެން ގުޅިގެން މަސައްކަތަށް ފަރުވާ ބަހައްޓައިގެންނެވެ. އެމީހުންނަށް މާ ހަރުކަށި ސެކިއުރިޓީއެއް ނެތެވެ. ނަމަވެސް މަސައްކަތް މޮނިޓާ ކުރަން ކަރެކްޝަންސް ގެ އޮފިސަރުން ތިއްބެވެ. އެމީހުންވެސް އެ މަސައްކަތްތަކުގައި ބައިވެރިވެ އެވެ.
މިއީ މިއަދު ސްޓެލްކޯއާ ކަރެކްޝަނަލް ސާވިސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮޖެކްޓެއްގެ ފެށުމެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ސްޓެލްކޯއިން މިއަދު ވަނީ ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ފާހަގަކޮށްލެވޭ ރަނގަޅު އަހުލާގު ހުރި ފަރާތްތައް މިނިވަން މަސައްކަތުގެ މާހައުލަށް ނެރެ އެމީހުންނަށް މަސައްކަތްކުރުމުގެ ހިއްވަރު ދިނުމުގެ އެއްއަހަރު ދުވަހުގެ ޕްރޮގްރާމެއް ފަށާފަ އެވެ. ތިރީސް ގައިދީން ސްޓެލްކޯގެ މަސައްކަތަށް ނެރުމަށް މިއަދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ސްޓެލްކޯއިން ކުރާ އެކި މަސައްކަތްތަކުގައި އެ ގައިދީން ބައިވެރިވާނެ އެވެ. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުން ކަނޑައެޅިފައި އޮންނަ އުސޫލެއްގެ ދަށުން ގައިދީންނަށް އުޖޫރައެއް ވެސް ދޭނެ އެވެ.
ކުރިއަށް އޮތް އެއްހަރަށް ހުޅުމާލޭގައި ސްޓެލްކޯއިން ކުރާ ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ގައިދީން ބައިވެރިކުރުމަށް މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގައި އެކި ކުށްތަކުގައި ބެދިފައިވާ ވަރަށް ހުނަރުވެރި ރަނގަޅު މީހުން އެބަތިބި ކަމަށެވެ. އެފަދަ މީހުން މަސައްކަތުގެ މާހައުލަށް ނެރެ، އެމީހުން ޖަލުގައި ތިބޭ މުއްދަތުގައި ގައުމަށް ހިދުމަތެއް ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ އޭގެ ސަބަބުން ދެ ފަރާތަށް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ހުކުމް ތަންފީޒުކުރުމަށްފަހު އެނބުރި މުޖުތަމައަށް ނިކުންނައިރު ވަޒީފާގެ ފުރުސަތު ހޯދުމަށް ގައިދީންނަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަޒީފާ ފަސޭހަވާނެ ކަމަށް މިބުނާ އުސޫލަކީ މި މީހުންގެ ތެރެއިން މަސައްކަތާއި އަހުލާގު ވަރަށް ރަނގަޅު ފަރާތްތަކަށް ހުކުމް ތަންފީޒުކޮށް ނިމުމުން ސްޓެލްކޯއިން ވަޒީފާ ލިބުމަކީވެސް އޮތް ފުރުސަތެއް،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަސައްކަތްކުރަން ބޭނުންވެފައި ތިބި އަހުލާގު ރަނގަޅު ގައިދީން މިފަދަ ގޮތަކަށް މަސައްކަތަށް ނެރުމަކީ ބިދޭސީންނަށް ކުރާ ހަރަދުވެސް ވަރަށް ބޮޑަށް ދަށްކުރެވޭނެ ކަމެއް ކަމަށެވެ.
އުޖޫރަ ދީގެން ގައިދީން ލައްވައި ޖަލާއި ޖަލު ހިމެނޭ ބައެއް ސަރަހައްދު ތަކުގައި މަސައްކަތްކުރުވުމަކީ އާ ކަމެއް ނޫނެވެ. ތިލަފުށީގައި ވެސް އާންމުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައި އޮންނަ ސަރަހައްދެއްގައި ގައިދީން ލައްވައި މަސައްކަތް ކުރެ އެވެ. ނަމަވެސް މިނިވަން މާހައުލެއްގައި އާންމުންގެ ތެރޭގައި މަސައްކަތްކުރުމުގެ މިނިވަންކަން މީގެ ކުރިން އެއްވެސް ވަރަކަށް ނުދެ އެވެ.
މިއަދު ފެށި ޕްރޮގްރާމާ ބެހޭގޮތުން ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން ވިދާޅުވީ، ސްޓެލްކޯ ގެ މަސައްކަތްތަކަށް ހޮވާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި މިވަގުތު ތިބި އެންމެ "ބަސް އަހާ" ގައިދީން ކަމަށެވެ. އެހެންކަމުން އެމީހުންގެ ސަބަބުން އާންމުންނަށާއި އާންމު އެއްވެސް ތަނަކަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށާއި އެމީހުންގެ މަސައްކަތްތައް ޖަލު ބަލަހައްޓާ ސިފައިން މޮނިޓާވެސް ކުރާނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން މަސައްކަތްކުރާ ގައިދީންނަށް ދުވަހު އުޖޫރައެއްގެ ގޮތުގައި ދޭނން ނިންމާފައިވަނީ 100-150 ރ. އެވެ. ނަމަވެސް މަސައްކަތުގެ ކުޑަ ބޮޑު މިނަށް ބަލައި އުޖޫރައަށް ބަދަލު އަންނާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި އެއް އަހަރު ދުވަސް ހަމަވުމަށްފަހުވެސް މަސައްކަތްތަކުގެ ކާމިޔާބުކަމަށް ބެލުމަށްފަހު އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ސްޓެލްކޯގެ މަސައްކަތްތަކަސް މިއަދު ހޮވާފައިތިބި ގައިދީން ކުރިއަށް އޮތް އެއް އަހަރު ތިބޭނީ ހުޅުމާލޭ ޖަލުގަ އެވެ.