ފިނިޕޭޖް

ދެކުނު އެފްރިކާގެ ޓީވީ ޝޯއެއް ރާއްޖޭގައި

ދެކުނު އެޕްރިކާގެ ރިއަލިޓީ ޓީވީ ޝޯއެއް ރާއްޖޭގައި ކުރިއަށް އެބަގެންދެ އެވެ. މުބާރާތެއް ގޮތަށް ކުރިއަށް ގެންދާ މި ޝޯ ޝޫޓް ކުރަނީ އަދާރަން ޕްރެސްޓީޖް އެވެ.

"ޓްރޮޕިކާ އައިލެންޑް ޓްރެޒާ" ކިޔާ މި ޝޯއަކީ ދެކުނު އެފްރިކާގެ ސެލެބްރިޓީންނާއެކު ގެނެސްދޭ ޝޯއެކެވެ. ތަފާތު ގޭމްސްތަކާއެކު ކުރިއަށްދާ މި ޝޯގައި ބައިވެރިންނަށް ޖެހެނީ އެމީހުން ތިބޭ ރަށުން ބޭރުނުވެ ތިބެން މަސައްކަތް ކުރާށެވެ.

ރަށުން ބޭރު ކުރާނީ ކާކުކަން ނިންމާނީ ބައިވެރިންގެ ވޯޓުންނެވެ. އެއް ވަނަ ލިބޭނީ އެގޮތަށް ބައިވެރިން ރަށުން ބޭރު ކުރަމުން ގޮސް އެންމެފަހު ސަލާމަތްވާ ބައިވެރިޔާއަށެވެ. މި ޝޯ ކާމިޔާބު ކުރާ ފަރާތަކަށް ފައިސާގެ ބޮޑު އިނާމެއް ހުށަހަޅާފައިވެ އެވެ.

މި ޝޯގެ މިހާތަނަށް ހަތް ސީޒަނެއް ގެނެސްދީފައިވެ އެވެ. ކޮންމެ ސީޒަނެއް ވެސް ޝޫޓުކޮށްފައި ވަނީ ދުނިޔޭގެ މަޝްހޫރު ކުދި ޖަޒީރާ ރަށްތައް ހުންނަ ގައުމުތަކުގަ އެވެ. މީގެ ކުރިން މި ޝޯ ގެނެސްދީފައިވާ ގައުމުތަކުގެ ތެރޭގައި ސީޝެލްސް އާއި ޖެމެއިކާ އަދި މޮރިޝަޝްފަދަ ގައުމުތައް ހިމެނެ އެވެ.

ރާއްޖޭގައި ޝޫޓުކޮށްފައި ވަނީ، އަށް ވަނަ ސީޒަނެވެ. މިހާތަނަށް މި ސީޒަންގެ ތިން އެޕިސޯޑެއް ދައްކާފައިވެ އެވެ.