ހަބަރު

ޖަލްސާ ބޮއިކޮޓް ކުރި މެންބަރުންނަށް ދައުވާ ކުރަން ގޮވާލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަށް ބޭއްވި ޖަލްސާ ބޮއިކޮޓް ކުރި އިދިކޮޅު މެންބަރުންނަށް ދައުވާ ކުރުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ގޮވާލައިފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ގާނޫން އަސާސީގައިވާ ގޮތުގެ މަތިން ރައީސް އަބްދުﷲ ޔާމީން ވަނީ މަޖިލީހަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ހުށަހަޅާފައި ކަމަށާއި އެއާ ވިދިގެން މަޖިލީހުން ކުރަން ޖެހޭ ކަންކަން ކުރުމަކީ މެންބަރުންގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އިދިކޮޅު މެންބަރުން މަސައްކަތް ކުރީ ދުސްތޫރީ ބާރު ކަނޑުވާލައި އެ މެންބަރުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށާއި އެ މައްސަލާގައި އެ މެންބަރުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްއަށް ގޮވާލާ ކަމަށް ނިހާން ވިދާޅުވި އެވެ.

"މިމހާތަލަށް ގައުމާއި ދައުލަތް ދިޔަ އިރު، ގައުމަށް ދިމާވާ މިފަދަ މައްސަލަތަކުގައި މެންބަރުންގެ ވަގުތާއި އެއްބާރުލުން ދިނުމަށް އެ މެންބަރުން ތިބީ ހުވާކޮށްފައި، ނަމަވެސް އެ ވާޖިބަށް ހުރަސް އަޅާ އެކަން އަދާ ކުރުމަށް ބައެއް މެންބަރުން ތިބީ ނުކުޅެދިފައި، ވާޖިބު އަދާ ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެ މީހާގެ މައްޗައް ދުސްތޫރީ އުސޫލުތަކެއް ކުރިމަތިއެބަވޭ އެއީ ގާނޫން އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުން،" ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން ޕީޖީއަށް ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓު ނުދެއްވާ ބޭރުގައި ތިއްބެވި މެންބަރުންނާ މެދު ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސް އަޅާ ދުސްތޫރީ ބާރު ކަނޑުވާލަން މަސައްކަތް ކުރިކަމުގެ ދައުވާ ކުރަން،" ނިހާން ވިދާޅުވި އެވެ.

ނިހާން އިތުރަށް ވިދާޅުވީ އިދިކޮޅު މެންބަރުން ޖަލްސާއަށް ހާޒިރު ނުވި ނަމަވެސް މަޖިލީހަށް ވަޑައިގަތް ކަމަށް ސޮއި ކުރެއްވި ކަމަށެވެ. އެއީ ނުހައްގު ގޮތުގައި މުސާރަ ހޯދަން ކުރި ކަމެއް ކަމަށާއި އެ މެންބަރުން ޖަލްސާ ބޮއިކޮޓް ކުރި ގޮތަށް، އެ މެންބަރުންގެ މުސާރަ ވެސް ބޮއިކޮޓް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

އިދިކޮޅު މެންބަރުން އެ ޖަލްސާއަށް ވަޑައިނުގެންނެވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭގެ ދަށުން ފިޔަވަޅުތައް އަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ، އެފަދަ ގަރާރަކަށް ގާނޫނީ ހައިސިއްޔަތެއް ނުދިނުމުގެ ބޭނުމުގަ އެވެ. ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އެއީ އެކަށީގެންވާ އުޒުރެއް ކަމަށާއި އެފަދަ ހާލަތެއްގައި މެންބަރުންނަށް ޖަލްސާ ބޮއިކޮޓް ކުރެވިދާނެ ކަމަށެވެ. އެއީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެކަން ކޮށް އުޅޭ ގޮތް ކަމަށެވެ.