ލައިފްސްޓައިލް

ޕެޑް ފޮށި ގަންނަން ފިރިހެނުން ދިއުމަކީ ލަދު ކަމެއް ނޫން!

ޕެޑް ފޮއްޓެއް ގަންނަން ދިއުމުން ކަރުދާހުގައި އޮލާފައި ސޭޓް ކޮތަޅަށް ލައިދޭން ހަނދާންވޭ ހެއްޔެވެ؟ މިހާރުވެސް ފިހާރަކުން އެގޮތަށް ކަންތައް ކުރޭ ހެއްޔެވެ؟ ރާއްޖޭގައި ވެސް ޒަމާންތަކެއް ވަންދެން އޮތް އެ އާދައާ ގުޅުން ހުރި ވާހަކައެއް މިއޮތީ ފެނިފައެވެ. ބަންގްލަދޭޝްގެ މަހްމުދުލް އަމީން، މީގެ މަހެއް ކުރިން އޭނާގެ އަންހެނުނަށް ޕެޑް ފޮއްޓެއް ގަނެ ދޭން ބޭސް ފިހާރައަކަށް ދިއުމުން ފިހާރާގައި ތިބި މީހުންގެ ފަރާތުން އޭނާއަށް މަލާމަތް ރައްދުވި އެވެ. އަދި އެ ވާހަކަ އޭނާ ފޭސްބުކްގައި ޝެއާ ކުރި އެވެ.

ފިހާރައިގެ ސޭޓް ވެސް މަހްމުދުލް އާއި ދިމާލަށް މަލާމާތުގެ ނަޒަރަކުން ބެލި އެވެ. އޭނާ ގަތް ޕެޑް ފޮއްޓަކީ ފޮރުވައިގެން ގެންގުޅެންޖެހޭ އެއްޗެއް ކަމަށް ސިފަވާ ގޮތަށް، އެތެރެ ނުފެންނަ ކޮތަޅަކަށް ލައިދޭ އުޅުނު ކަމަށްވެސް މަހްމުދުލް ބުންޏެވެ. ނަމަވެސް މަހްމުދުލް ޕެޑް ފޮށި އެ ކޮތަޅުން ނަގާ، އެންމެ ފަހުން ދިޔައީ އަތުން ހިފައިގެންނެވެ.

ބަންގްލަދޭޝްގެ ހެލްޕިން ހޭންޑް އެސޯސިއޭޝަންގައި މަސައްކަތް ކުރާ މުހްމުދުލް ބުނި ގޮތުގައި ހިނގައި ދިޔަ ކަންތަކާމެދު އޭނާ ހުރީ ހައިރާންވެފަ އެވެ. ސޭޓް މީހާ އުޅުނުގޮތް ފެނިފައި އޭނާ އާއި މެދު ހަމްދަރުދީ ވެސް ވިއެވެ.

މަހުމުދުލް ޝެއާ ކުރި ޕޯސްޓް

މަހްމުދުލްއަކީ ފިރިއެއްގެ އިތުރުން އަންހެން ދެ ކޮއްކޮ ހުރި ހަމައެކިނި ބޭބެ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެމީހުނަށް އެމީހުންގެ މައްސަރުގެ ކަންތައްތަކުގެ ވާހަކަތައް ދެއްކުމުގެ މިނިވަންކަން ލިބިފަ އޮންނަން ޖެހޭނެ އެވެ. އެ ވާހަކަތަކަކީ މީހަކު ލަދު ގަންނަޖެހޭ ވަރުގެ ވާހަކަތަކެއް ނޫނެވެ.

ފޭސްބުކްގައި މަހްމުދުލް އާންމުކުރި އެ ޕޯސްޓުގައި އޭނާ ޕެޑް ފޮއްޓެއް ހިފައިގެން ނަގާފައިވާ ފޮޓޯއެއް ވެސް އޭނާ ޝެއާކޮށްފައިވެ އެވެ. ކެޕްޝަންގައި ބުނެފައިވަނީ "އާން، އަހަރެން އަތުގައި މިއޮތީ ޕެޑް ފޮއްޓެއް އަދި މިއީ ލަދު ގަންނަޖެހޭ ކަމެއް ނޫން." ފިރިހެނަކު ޕެޑް ފޮއްޓެއް ގަންނަ ދިއުމަކީ ލަދުގަންޖެހޭ ކަމެއް ނޫންކަމަށް އިޝާރަތްކުރަމުން އޭނާ ބުނެފައިވެ އެވެ.