ވިޔަފާރި

ޓޫރިޒަމަށް ލިބޭ ގެއްލުން ކުޑަ ކުރަން މަޓާޓޯ ތެދުވަނީ

ސިޔާސީ ހަލަބޮލިތަން އިތުރުވެ، އިއުލާނުކޮށްފައިވާ ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަމުންދާ ގެއްލުންތައް ފޫބައްދަން، މަޓާޓޯއިން ކެމްޕޭން ވަރުގަދަ ކުރަން ނިންމައިފި އެވެ.

މަޓާޓޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މިހާރު ހިންގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރާއްޖެއާ ގުޅޭގޮތުން ބޭރުގެ މީޑިޔާތަކުގައި ވަރަށް ނެގެޓިވްކޮށް ހަބަރުތައް ފެތުރެމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަދާފައިވާ ބުކިންތައް ވެސް ކެންސަލް ކުރަމުންދާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނި މިހެންކަމުން ކެންސަލްވާ ބުކިންތައް މަދު ކުރުމަށް މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ބޭރުގެ އެޖެންޓުންނާ ވާހަކަ ދައްކަން ނިންމާފައިވާ ކަމަށް މަޓާޓޯއިން ބުނެފައިވެ އެވެ.

މަޓާޓޯ އިން ބުނީ މި ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިތުރު ހަރަދުތަކުގެ އިތުރުން ސަރުކާރުން އިތުރު މަސައްކަތް ތަކެއް ވެސް ކުރަން ޖެހިފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވަނީ މީގެ ސަބަބުން ދިވެހި އެޖެންޓުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށެވެ.