ވިޔަފާރި

ޗައިނާ ޓޫރިސްޓުން ލިބޭ، ފްލައިޓްތައް ކެންސަލެއް ނުކުރަން

ސްޓޭޓް އޮފް އިމަޖެންސީ ރާއްޖޭގައި އޮތް ނަމަވެސް ޗައިނާގެ ޓޫރިސްޓުން ލިބޭ ކަމަށާ، އެ ގައުމަށް އަޅާ ފްލައިޓް ދަތުރުތައް ކެންސަލް ނުކުރާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

އެސްއޯއީގެ ސަބަބުން ޗައިނާ އިން ރާއްޖެއަށް ނެރުނު "ޓްރެވަލް އެލާޓް" ގެ ސަބަބުން ޗައިނާ ޓޫރިސްޓުން ނުލިބޭތީ މޯލްޑިވިއަން ފްލައިޓްތައް ކެންސަލްކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. އަދި ބޭރުގެ ބައެއް ސައިޓުތަކުގައި ވެސް އެގޮތަށް ހަބަރު ފަތުރާފައި ވެއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ ފްލައިޓް ކެންސަލް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ އާއި ފެތުރޭ އަޑުތަކަކީ ދޮގެއް ކަމަށެވެ. ނަމަވެސް މި ދުވަސްވަރަކީ ކޮންމެ އަހަރެއްގެ ވެސް ޗައިނީޒް އާ އަހަރު ނިމޭ ދުވަސް ވަރަށްވުމުން ޕީކް ދުވަސްވަރާ އަޅާބަލާއިރު މަދުކުރާނެ ކަމަށެވެ.

"އަބަދު ވެސް ޗައިނީސް ނިއު އިޔާއަށް ފަހު މަދުވޭ. އަހަރަކު އަންނާނެ ދެ މޫސުން ޗައިނާގެ މީހުން އައުން މަދުވާ. އެ މީހުންގެ ޗުއްޓީ ނިމުނީމަ ފްލައިޓް މަދެއް ނުކުރާނެ. ވޭތުވެދިޔަ ތިން އަހަރަކު ވެސް އޮތީ އެގޮތަށް. އަޅުގަނޑުމެން [މޯލްޑިވިއަން] ޗައިނާއަށް ފެށި ފަހުން އަބަދު ވެސް މި ދުވަސްވަރު ފްލައިޓް މަދުކުރަން. ފްރިކްއެންޓްލީ ނަމަވެސް، މާދަމާ ވެސް ފްލައިޓް އޮންނާނެ،" ނަޝާތު ވިދާޅުވި އެވެ.

އަބަދު ވެސް ޗައިނީސް ނިއު އިޔާ އަށް ފަހު މަދުވޭ. އަހަރަކު އަންނާނެ ދެ މޫސުން ޗައިނާ މީހުން މަދުވާ.ވޭތުވެދިޔަ ތިން އަހަރަކު ވެސް އޮތީ އެގޮތަށް
އަލީ ނަޝާތު ހަމީދު | މޯލްޑިވިއަން

މޯލްޑިވިއަން އިން ޗައިނާގެ ފަސް ސިޓީ އަކަށް ދަތުރުކުރެ އެވެ. މިގޮތުން ކޮންމެ ހަފުތާއަކު ހަތަރު ފްލައިޓް ބާއްވަ އެވެ. އަދި ހަފުތާއަކު 900 އެއްހާ ޗައިނާ ޓޫރިސްޓުން އެ އެއާލައިނުން އެކަނި ވެސް ގެނެ އެވެ.

މޯލްޑިވިއަން އިން ވާހަކަ ދެއްކި ނަޝާތު ވިދާޅުވީ މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތުގައި ވެސް މީހުން މަދުވާކަން ފާހަގަ ނުވާ ކަމަށެވެ.

"ސީޕްލޭން ވެސް ވަރަށް ބާރު ބޮޑުކޮށް އުޅެނީ. އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅު،" ނަޝާތު ވިދާޅުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރަކާ ގުޅިގެން ފަސް ވަނަ ދުވަހު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ އޭގެ ފަހުން ކުއްލި ހާލަތު އިތުރު 30 ދުވަހަށް އިތުރުކޮށްފަ އެވެ. މި އިތުރު ކުރުމާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. މިގޮތުން ޓްރެވަލް އެޑްވައިޒަރީ ނެރުނު ގައުމުތަކުގެ ތެރޭގައި ޗައިނާ ވެސް ހިމެނެ އެވެ. ނަމަވެސް ފަހުން ވަނީ މި އެންގުން ބަދަލުކޮށް ލުއިކޮށްފަ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ މީހުން އަންނަ ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 306,530 މީހުން އައިސްފައިވެ އެވެ. މިއީ 2016 ވަނަ އަހަރު އައި 324,326 މީހުންނާ އަޅާބަލާއިރު 5.5 ޕަސެންޓް ދަށް އަދަދެކެވެ.