ހަބަރު

އޭޖީ އޮފީހުގެ އިސް ބޭފުޅަކު އިސްތިއުފާ ދެއްވައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރި ގޮތާ ހިތްހަމަނުޖެހިގެން އެޓާނީ ޖެނަރަލް އޮފީހުގެ އިސް ބޭފުޅަކު އިސްތިއުފާ ދެއްވައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޓާނީ ޖެނަރަލް މުހަައްމަދު އަނިލް އަމަލު ކުރައްވާ ގޮތާ ހިތްހަމަ ނުޖެހިގެން އިސްތިއުފާ ދެއްވީ އެ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ އެވެ.

ޝަފީއާ އިސްތިއުފާ ދެއްވި އިރު އެ އޮފީހުގެ ސްޓޭޓް އެޓާނީއެއްގެ މަގާމުގައި ހުންނެވި މަރިޔަމް ޝުނާނާ ވެސް ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ޓްވީޓު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އޮތީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. އަދި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ގާނޫނުއަސާސީގެ 255 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ހިފެހެއްޓުމުގެ ހަތިޔާރަކަށް ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކުރެވިގެން ނުވާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މައްސަލާގައި އޭޖީގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު މަޖިލީހުން ނެގި ވޯޓް ސައްހަ ނުވާނެ ކަމަށް އެޓާނީ ޖެނެރަލްގެ ސީނިއާ ހުރިހާ ވަކީލުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއަށް ލަފާދެއްވާފައިވާ ކަމަށް އެ އޮފީހުގެ ބައެއް އޮފިޝަލުން ވަނީ އަވަސްއަށް އިއްޔެ ބުނެފަ އެވެ.

އެ އޮފީހުގެ އޮފިޝަލުންތަކެއް ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ބުނާ އަދަދަށް މަޖިލީހުގެ ޗެމްބަރުގައި މެންބަރުން ނެތިސް ސްޓޭޓް އޮފް އެމެޖެންސީ އިތުރު ކުރަން ފާސްކޮށްފައި ވާތީ އެއީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ނޫން ކަމަށް އޭޖީއަށް އެ އޮފީހުގެ ސީނިއާ ވަކީލުން ލަފާދެއްވި އެވެ. އަދި އެސްއޯއީގެ ދަށުން ހައްޔަރުކުރި ފަރާތްތައް ބަންދުގެ މުއްދަތަށް ކޯޓަށް ގެންދިޔުމަށް ލަފާދެއްވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭޖީ އަނިލް އެކަމާ މެދު އަމަލު ކުރެއްވި ގޮތެއް އެބޭފުޅުންނަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އޭޖީ އަނިލްގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހިގެން އެ އޮފީހުގެ ގިނަ ވަކީލުންތަކެއް އަނިލް ކަންކަން އިސްލާހު ކުރެއްވުމަށް މި ފަހުން ޕެޓިޝަނެއް ވެސް ތައްޔާރު ކުރި ކަމަށް އެ އޮފީހުގެ އޮފިޝަލުން ވިދާޅުވި އެވެ. އެކަން އަނިލްއަށް އެނގިވަޑައިގަތުމުން ވަޒީފާ ބޭނުން ނަމަ ތިކަން ހުއްޓާލައްވަން އެ ވަކީލުންނަށް އަނިލް އެންގެވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

މަޖިލީހުގެ ވޯޓް ނުނެގޭނެ ކަމަށް މަޖިލީހުގެ ރައީސްއަށް ގާނޫނީ ލަފާދެއްވާ ކައުންސިލާ ޖެނެރަލް ފިލްޒާ ވެސް ވަނީ ވިދާޅުވެ މަޖިލީހުގެ ޗެމްބަރުން ނިކުމެ ވަޑައިގެންފަ އެވެ. އަދި ގާނޫނީ ގޮތުން ތަޖުރިބާކާރު މެންބަރު، މުހައްމަދު ނަޝީދު ވެސް އިއްޔެގެ ވޯޓްގައި ބައިވެރިވެ ވަޑައިނުގެން ވަނީ ޗެމްބަރުގައި އިންނަވައިފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވެސް ވަނީ ވޯޓު ސައްހަ ނޫން ކަމަށް ވިދާޅުވެފަ އެވެ.