ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލަކު ގޮވާލައިފި އެވެ.
ޓްވިޓާ މެދުވެރިކޮށް އެގޮތަށް ގޮވާލީ އޭޖީ އޮފީހުގެ ސްޓޭޓް އެޓާނީއެއްގެ މަގާމުގައި ހުންނެވި މަރިޔަމް ޝުނާނާ އެވެ.
މި މައްސަލައާ ގުޅިގެން އޭޖީ އޮފީހުގެ ބައެއް ލޯޔަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް މިއީ އެ އޮފީހުގެ ވަކީލަކު އާންމުކޮށް މިކަމާ ދެކޮޅު ހެދި ފުރަތަމަ ފަހަރެވެ.
އޭނާގެ ޓްވީޓްގައި ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އޮތީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. އަދި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 255 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ހިފެހެއްޓުމުގެ ހަތިޔާރަކަށް ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކުރެވިގެން ނުވާނެ ކަމަށެވެ.
ޝުނާނާ ފާޅުގައި ވާހަކަ ދައްކަވާފައިވާއިރު މަޖިލީހުން ނެގި ވޯޓް ސައްހަ ނުވާނެ ކަމަށް އެޓާނީ ޖެނެރަލްގެ ސީނިއާ ހުރިހާ ވަކީލުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއަށް ލަފާދެއްވާފައިވާ ކަމަށް އެ އޮފީހުގެ ބައެއް އޮފިޝަލުން ވަނީ އަވަސްއަށް އިއްޔެ ބުނެފަ އެވެ.
އަވަސްއާ ވާހަކަ ދެއްކެވި އެ އޮފީހުގެ އޮފިޝަލުންތަކެއް ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ބުނާ އަދަދަށް މަޖިލީހުގެ ޗެމްބަރުގައި މެންބަރުން ނެތިސް ސްޓޭޓް އޮފް އެމެޖެންސީ އިތުރު ކުރަން ފާސްކޮށްފައި ވާތީ އެއީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ނޫން ކަމަށް އޭޖީއަށް އެ އޮފީހުގެ ސީނިއާ ވަކީލުން ލަފާދެއްވި އެވެ. އަދި އެސްއޯއީގެ ދަށުން ހައްޔަރުކުރި ފަރާތްތައް ބަންދުގެ މުއްދަތަށް ކޯޓަށް ގެންދިޔުމަށް ލަފާދެއްވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭޖީ އަނިލް އެކަމާ މެދު އަމަލު ކުރެއްވި ގޮތެއް އެބޭފުޅުންނަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އޭޖީ އަނިލްގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހިގެން އެ އޮފީހުގެ ގިނަ ވަކީލުންތަކެއް އަނިލް ކަންކަން އިސްލާހު ކުރެއްވުމަށް މި ފަހުން ޕެޓިޝަނެއް ވެސް ތައްޔާރު ކުރި ކަމަށް އެ އޮފީހުގެ އޮފިޝަލުން ވިދާޅުވި އެވެ. އެކަން އަނިލްއަށް އެނގިވަޑައިގަތުމުން ވަޒީފާ ބޭނުން ނަމަ ތިކަން ހުއްޓާލައްވަން އެ ވަކީލުންނަށް އަނިލް އެންގެވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މަޖިލީހުގެ ވޯޓް ނުނެގޭނެ ކަމަށް މަޖިލީހުގެ ރައީސްއަށް ގާނޫނީ ލަފާދެއްވާ ކައުންސިލާ ޖެނެރަލް ފިލްޒާ ވެސް ވަނީ ވިދާޅުވެ މަޖިލީހުގެ ޗެމްބަރުން ނިކުމެ ވަޑައިގެންފަ އެވެ. އަދި ގާނޫނީ ގޮތުން ތަޖުރިބާކާރު މެންބަރު، މުހައްމަދު ނަޝީދު ވެސް އިއްޔެގެ ވޯޓްގައި ބައިވެރިވެ ވަޑައިނުގެން ވަނީ ޗެމްބަރުގައި އިންނަވައިފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވެސް ވަނީ ވޯޓު ސައްހަ ނޫން ކަމަށް ވިދާޅުވެފަ އެވެ