ވިޔަފާރި

އަލްޝާލީއަށް އަނެއްކާ ވެސް ގޯލްޑް 100 އެވޯޑް

Feb 22, 2018

އަލްޝާލީ މެރިން މޯލްޑިވްސް އަށް އަނެއްކާ ވެސް ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 އެވޯޑު ލިބިއްޖެ އެވެ.

ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާ އަލްޝާލީ މެރިންގެ ފަރާތުން އެވޯޑާ ހަވާލުވެޑައިގަތީ އަލްޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު އެވެ.

ގޯލްޑް 100 އެވޯޑު ލިބުނުއިރު، މީގެ ކުރިން އަލްޝާލީ މެރިން އަށް ވަނީ ޝަރަފުވެރި އެތައް އެވޯޑެއް ލިބިފަ އެވެ. ރާއްޖޭގެ ބޯޓު ބިލްޑަރުންގެ އެންމެ ޝަރަފުވެރި އެވޯޑުގައި، ރާއްޖޭގެ ބޯޓު ބިލްޑިންގައި ހަރަކާތެރިވާ ކުންފުނިތަކާއި ބޭރުން ބަނދެގެން ގެނެސްފައިވާ އުޅަނދުތަކާ ވާދަކޮށް، ގިނަ އެވޯޑުތަކެއް އަލްޝާލީ އިން މިދިޔަ އަހަރު ވަނީ ލިބިފަ އެވެ.

އަލްޝާލީ މެރިން އިން ތިލަފުށީގައި ހިނގާމުން ގެންދާ ޑޮކްޔާޑަށް ވެސް މިދިޔަ އަހަރު އެންމެ ރަނގަޅު ޑޮކްޔާޑުގެ އެވޯޑު ހިމެނެ އެވެ. މި ޑޮކްޔާޑަކީ އެއް ފަހަރާ 25 އަށް ވުރެ ގިނަ އުޅަނދަށް ހިދުމަތް ދެވޭވަރުގެ ތަނެކެވެ. މީގެ އިތުރުން އަލްޝާލީއިން ބަނދެފައިވާ 37 ފޫޓުގެ ކޯސްޓް ކްރާފްޓް ލޯންޗަށް ވަނީ އަހަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު ލިބިފަ އެވެ. އަދި ގިނަ ރިސޯޓުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ "އައިލެންޑް ހޮޕާ" އުޅަނދަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ.