ވިޔަފާރި

ރެޑްވޭވްގެ 10 ވަނަ ފިހާރަ ހުޅުވައިފި

Feb 23, 2018
3

ރީޓެއިލް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ރެޑް ވޭވްގެ 10 ވަނަ ފިހާރަ، "ރެޑްވޭވް ލިވިން" މިރޭ ހުޅުވައިފި އެވެ.

ނިރޮޅު މަގުގައި ހަދާފައިވާ "ރެޑްވޭވް ލިވިން" ހުޅުއްވައި ދެއްވީ ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ފިހާރައަކީ އެންމެ އަގުހެޔޮ، އަދި އެންމެ ގިނަ ވެރައިޓީ ހުރި ފަރުނީޗަރު ސެންޓަރަށް ވާނެ ކަމަށެވެ.

"ޔަގީންކަމާއެކު މި ބުނަނީ މިހާރު އިރާދުކުރެއްވިއްޔާ މި އަށްވުރެ ވެރައިޓީ ގިނަ ފަރުނީޗަރު ފިހާރައެއް ރާއްޖެއަކު ނުހުންނާނެ. އަގު ވެސް އެހާމެ ހެޔޮވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ދެ ބުރިއަށްވާ ގޮތަށް ހަދާފައިވާ "ރެޑްވޭވް ލިވިން" ގައި ފަރުނީޗަރުގެ އިތުރުން ޓީވީގެ އެކި ބްރޭންޑުތައްވެސް ހުރެ އެވެ. އަދި މިތަނުގައި ގެއަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ފަރުނީޗަރުވެސް ހުރެ އެވެ. އަދި ބެޑްރޫމް ސެޓުތައް ވެސް ވިއްކަ އެވެ.

ރެޑްވޭވުން މިއީ ހުޅުވި 11 ވަނަ ފިހާރަ އެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ އާއްމުތަކެތި ވިއްކާ ފިހާރަތަކާއި އިލެކްޓޯނިކްސް ފިހާރައެއް ވެސް ހިންގަ އެވެ.