ހަބަރު

ރާއްޖެއާ މެދު ގޮވާލާ ގޮވާލުންތައް ތަކުރާރު ކުރަމުން ދާނަން: އިންޑިއާ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ސަރުކާރުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިނިވަން ކޮށް މުއައްސަސާތައް އާއްމު ހާލަތުގައި މަސައްކަތް ކުރަން ފުރުސަތުދޭން ރާއްޖެއަށް ގޮވާލާ ގޮވާލުން އަދިވެސް ކުރިއަށް ގެންދާނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު އިއްޔެ ބޭއްވެވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ މައްސަލަައިގައި އިންށޑިއަާގެ ސްޓޭންޑް ވަރަށް ސާފުކޮށް ހާމަކޮށްދީފައިވާނެ ކަމަށެވެ.

" ސިޔާސީ ގައިދީން މިނިވަންކުރާށާއި އުއްތަމަފަނޑިޔާރު މިނިވަންކޮށް، ސުޕްރީމްކޯޓުގެ އަމަރު ތަންފީޒުކޮށް މުއައްސަސާތައް އާއްމު ހާލަތުގައި ހިނގުމަށް ފުރުސަތުދޭން ގޮވާލާ ގޮވާލުން އަހަރެމެން ކުރިއަށް ގެންދާނަން،" ރާއްޖެއާ ބެހޭ ގޮތުން ސުވާލުކުރުމުން ރަވީޝް ކުމާރު ވިދާޅުވިއެވެ.

އޭނާ މިހެެން ވިދާޅުވި އިރު ފާއިތުވި ހަފުތާގައި އިންޑިއާއިން ވަނީ ރާއްޖެއާ ބެހޭ ގޮތުން ދެ ފަހަރެއްގެ މަތިން ބަޔާން ނެރެެފައެވެ. އެގޮތުން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގުދަންމަން ސަރުކާރުން ނިންމުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ބުނީ އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވުމުން ވެސް ކަންބޮޑުވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ އެކެއް ފެބްރުއަރީގެ އަމުރު އޭގެ ދެލިގަނޑާ ރޫހާ އެއްގޮތަށް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.

"ކުއްލި ހާލަތު ނިމުމަކަށް ގެނެސް ޑިމޮކްރަޓިކް މުއައްސަސާތަކަށް ޝަރުއީ ދާއިރާ ވެސް ހިމެނޭ ގޮތަށް ދެފުށް ފެންނަ ގޮތަށް މިނިވަންކަމާއެކު ގާނޫނު އަސާސީގައިވާ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ. ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު އޮތް ގޮތަށް އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރަން ޖެހޭނެ،" ބަޔާނުގައި ބުނެފައި ވެެއެވެ.

އެހެން ނަމަވެސް އިންޑިއާއަށް ރައްދު ދެމުން ރާއްޖެއިން ބުނެފައި ވަނީ ސްޓޭޓްމަންޓް ނުނެރެ މަޝްވަރާ ކުރަން އަންނަން އެދޭ ކަމަށެވެ.