ހަބަރު

ވާހަކަތަކަށް އދ. ގެ ދައުރެއް ބޭނުން ނުވާ ކަމަށް ރައީސް ޔާމީނު ވިދާޅުވި: ތަރުޖަމާން

ރާއްޖޭގެ އިދިކޮޅު ސިޔާސީޕާޓިތަކާ އެކު ސަރުކާރުން ވާހަކަތައް ބާއްވަން އދ. އިން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ސެކެޓްރީ ޖެނެރަލް ހުށަހެޅުއްވުމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު އެކަމާ ދެކޮޅު ހެއްދެވި ކަމަށް އދ. އިން އަނެއްކާވެސް ބުނެފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއާ ގުތާރެސް ހުށަހެޅުއްވި ހުށަހެޅުއްވުން ރައީސް ޔާމީނު ގަބޫލުފުޅު ނުކުރެއްވި ކަމަށް ސެކްރެޓަރި ޖެނެރަލްގެ ތަރުޖަމާނުގެ ނައިބު އިއްޔެ ޔޫއެން ހެޑް ކުއާޓަރުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޔަގީންކޮށްދެއްވި އެވެ. އެހަބަރު މީޑިއާގައި ފެތުރުމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ އެކަން އިއްޔެ ދޮގު ކުރެއްވައި މީޑިއާތަކަށް އިންޓަވިއުދެއްވައި އަދި ފަހުން ޓްވީޓް ވެސް ކުރައްވައިފަ އެވެ.

ސެކްރެޓަރީ ޖެނެރަލް ރައީސް، (ރައީސް ޔާމީންއާ) ފޯނުން ވާހަކަފުޅު ދެއްކެވި، ޔޫއެން އިން މެދުވެރިއެއްގެ ދައުރު އަދާކުރަން (ސެކްރެޓަރީ ޖެނެރަލް) ހުށަހެޅުއްވި. އެކަމަކު ރައީސް (ރައީސް ޔާމީން) ވިދާޅުވީ ޔޫއެން އިން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ބޭނުމެއް މިވަގުތުގައި ނެތްކަން
އދ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން

ސެކްރެޓަރީ ޖެނެރަލްގެ ތަރުމާނު ސްޓެފަން ދުޖަރިކް އިއްޔެ ބޭއްވެވި ނޫސްކޮންފަރެންސެއްގައި ޝައިނީގެ އެވާހަކަފުޅަށް އިޝާރާތްކޮށް ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ 'މެދުވެރިއެއްގެ ދައުރު މިވަގުތު އަދާކުރަން އެދިވަޑައި ނުގަންނަވާ' ކަމަށް ރައީސް ޔާމީން ސެކްރެޓަރީ ޖެނެރަލް އަރިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން މީޑިއާތަކަށް ދެއްވާ ކަމަށް ވެސް ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވާހަކަ ދެއްކޭނީ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން. އަޅުގަނޑުމެން މިދަނީ ކަންބޮޑުވުމާ އެކު ރާއްޖޭގައި ވަމުންދާ ގޮތް ބަލަމުން. ސެކްރެޓަރީ ޖެނެރަލް ރައީސް (ރައީސް ޔާމީންއާ) ފޯނުން ވާހަކަފުޅު ދެއްކެވި، ޔޫއެން އިން މެދުވެރިއެއްގެ ދައުރު އަދާކުރަން ހުށަހެޅުއްވި. އެކަމަކު ރައީސް (ރައީސް ޔާމީން) ވިދާޅުވީ ޔޫއެން އިން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ބޭނުމެއް މިވަގުތުގައި ނެތްކަން،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފޯން ކޯލް ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

ސަރުކާރު ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް އުޅުއްވާ މިނިސްޓަރު ޝައިނީ އަވަސް އަށް އިއްޔެ ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ފަތުރާ ދޮގު ހަބަރުތަކެއް ކަމަށެވެ. އޭގެ ބަދަލުގައި މަޝްވަރާތަކުގައި ބޭރުގެ މަންދޫބެއް ބައިވެރިވުމަށް ވެސް ހުޅުވާލީ ވެސް ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް މިންވަރަކަށް ދެކޮޅު ހަދާފައި ނުވާނެ ކަމަށެވެ.

"އެ ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫން، ސަރުކާރުން އެއްވެސް ގޮތަކަށް ރިޖެކްޓްކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެ އެކަމަކުގައެއް. ބޭރުގެ ފަރާތްތަކާއެކު ވެސް ސަރުކާރާ ވަރަށް ބޮޑަށް ގުޅިގެން މިކަމުގައި މަސައްކަތް ކުރެވޭތޯ މިބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އދ ގެ ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރެއްވިތޯ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ތަރުޖަމާން ވިދާޅުވީ، އެކަން އޭނާއަށް އަދި އެނގިވަޑައިގެންފައި ނެތް ކަމަށާއި އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންއާ ފޯނުން މަޝްވަރާ ކުރައްވާފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އދ އިން މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ނޫން ގޮތަކަށް ވާހަކަ ނުދައްކާނެ ކަމަށް ރާއްޖެއިން ވަނީ ބުނެފަ އެވެ.

ޕްރެސްކޮންފަރެންސްގެ ފުލް ވީޑިއޯ