ރާއްޖޭގައި ފީފާ ސްޓޭންޑަޑް ނުވަތަ އިންޓަނޭޝަނަލް ފުޓްބޯޅަ ސްކޫލެއް މި އަހަރު ގާއިމު ކުރާނެ ވާހަކަ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ، ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ. ރާއްޖޭގައި އެކެޑެމީތައް ހިންގާތާ އަހަރުތަކެއް ވެއްޖެ އެވެ. އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ފުޓްބޯޅަ ސްކޫލެއް ގާއިމު ކޮށްގެން ނެރެވޭ ނަތީޖާ ވެސް މިހާރަށްވުރެ މާބޮޑު ވާނެ އެވެ.
އެ ވާހަކަފުޅު ރައީސް އެންމެ ފުރަތަމަ ވިދާޅުވީ، މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި "ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕް" ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ކާމިޔާބު ކުރުމުން، އެކަން ފާހަގަ ކުރަން ބޭއްވި ހަފުލާގަ އެވެ. އޭރު އެ ވާހަކަ ދައްކަވަމުން ރައީސް ވަނީ، ފުޓްބޯޅަ ސްކޫލުން ހާސިލު ކުރަން ބޭނުންވާ ނަތީޖާތައް ހާސިލު ކުރުމަށް މަރުހަލާތަކެއް ބެހިގެންދާނެ ޓައިމްލައިނެއް ހިއްސާ ކުރައްވާފަ އެވެ.
"[ފުޓްބޯޅަ ޓްރެއިނިން ސްކޫލް] އެސްޓެބްލިޝް ކުރުމާއެކީ، ތިންވަނަ އަހަރާ ހަމައަށް ދާންވާއިރަށް، ނެޝަނަލް ޓޯނަމަންޓެއްގައި، ޤައުމީ މުބާރާތެއްގައި އެއްވެސް ކްލަބަކަށް ބައިވެރި ވެވޭނީ، އެ ކުލަބުގެ ޓީމުގެ ކޮންމެވެސް ޕަސެންޓޭޖެއް ކުޅުންތެރިންނަކީ ވަކި ނަންބާ އޮފް މެއިން އަވާސް، މި ނެޝަނަލް ޓްރޭނިން ސްކޫލްގައި [ޓްރެއިނިން] ހާސިލުކުރާ ބަޔަކަށް." ރައީސް ވިދާޅުވެފައި ވެއެވެ.
ސަރުކާރަށް އިންޓަނޭޝަނަލް ފުޓްބޯޅަ ސްކޫލެއް ގާއިމު ކުރެވިދާނެ އެވެ. ސުވާލު އުފެދޭނެ ޖާގަ އޮންނާނެ ކަމަކީ، އެ ސްކޫލްގައި އިންޓަނޭޝަނަލް ކޮލިޓީ ދެމެހެއްޓޭނެ ބާއެވެ. ނަމުން އިންޓަނޭޝަނަލް ކޮށްފައި ކަމުން ނުވަތަ ފޯރު ކޮށްދޭ ހިދުމަތުގައި އެ ފެންވަރުގެ ކޮލިޓީ ނެތް ނަމަ ފުޓްބޯޅަ ސްކޫލުގެ މަގްސަދު ހާސިލު ކުރުމަށް ހުރަސް އެޅިގެންދާނެ އެވެ.
"އިންޓަނޭޝަނަލް ކިޔާފައި ފުޓްބޯޅަ ސްކޫލެއް ހުޅުވިދާނެ، އަޅުގަނޑު ޔަގީން ކަން ހޯދަން ބޭނުން ވަނީ އިންޓަނޭޝަނަލް ސްޓޭންޑަޑް އަތަނުގައި ދެމެހެއްޓި ދާނެތޯ،" ނަން ހާމަ ކުރަން ބޭނުން ނުވާ ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ. "ފުޓްބޯޅަ ސްކޫލުގެ ކޮންސެޕްޓް އޮތީ ކިހިނެއް ކަމެއް އަދި ނޭންގެ، އެ ކޮންސެޕްޓް އެކުލަވާލުމުގައި ބެންޗުމާކު ކުރުމަށް އަޮތް ސްޓަޑީއެއް ނުވަތަ އިންޓަނޭޝަނަލް އެހެން ފުޓްބޯޅަ ސްކޫލެއްގެ ކޮންސެޕްޓެއް އޮތް ކަމެއްވެސް ނޭންގެ."
އިންޓަނޭޝަނަލް ފުޓްބޯޅަ ސްކޫލް ގާއިމު ކުރުމުގެ މަސައްކަތް ރައީސް ހަވާލު ކުރީ ފުޓްބޯޅަ އިދާރާ، އެފްއޭއެމް އާ އެވެ. މިދިޔަ އަހަރު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އެފްއޭގެ ރައީސް ބައްސާމް އަދީލް ވިދާޅުވީ، ފުޓްބޯޅަ ސްކޫލް ގާއިމު ކުރުމުގެ ކަރުދާހުގެ މަސައްކަތުގެ ފުރަތަމަ ޑްރާފްޓް ސަރުކާރާ ހިއްސާ ކުރާނެ ކަމަށެވެ.
މި ފެންވަރުގެ ފުޓްބޯޅަ ސްކޫލެއް ގާއިމު ކުރުމުގެ ފްރޭމް ވޯކް އެކުލަވާލުމަކީ ހަމައެކަނި ދިވެހިން ހިމެނިގެން ކުރަންވާނެ މަސައްކަތެއް ނޫނެވެ. އެއްޗެއްގެ އޮނިގަނޑަކީ އެންމެ މުހިންމު މަސައްކަތެވެ. އެއީ ބިންގާ އެޅުމުގެ ކުރިން ކުރެހި މިން އެޅިފައި އޮންނަން ޖެހޭނެ މަސައްކަތެވެ. އޮނިގަނޑު ގޯސް ވެއްޖެނަމަ ބިންގާ ސީދަލަށް އެޅިޔަސް އިމާރާތް ފުރިހަމަ ނުވާނެ އެވެ. މި މަސައްކަތަށް އެފްއޭއެމުން އެކުލަވާލާ ކޮމިޓީއަކުން އެކަނި ކޮށް ނިންމާލުމުގެ ވިސްނުން ދޫކޮށްލަން ޖެހެ އެވެ.
"އެފްއޭއެމުން ނުވަތަ އެފްއޭއެމްގެ ކޮމިޓީގެ ޝާމިލުވުން މި މަސައްކަތުގައި އޮތަސް، ބޭރުގެ އެކްސްޕަޓީސް ހޯދަން ޖެހޭނެ މިވަރުގެ ފްރޭމްވޯކެއް އެކުލަވާލާއިރު،" ކުރިން ވާހަކަ ދެއްކި ފުޓްބޯޅައިގެ ތަޖުރިބާކާރު ބުންޏެވެ.
ބޭރުގެ ފަރާތްތަކުގެ މަޝްވަރާ ހޯދާއިރު، އެކަމަށް އެކަށޭނެ ބައެއްގެ ލަފާ ހޯދުމަށް ވެސް އިސްކަން ދޭންޖެހޭނެ ކަމަށް އޭނާ ބުނެ އެވެ.
"ކޮންސަލްޓެންސީއަށް ވެސް ހޯދަން ޖެހޭނީ ރިޒަލްޓް ބޭސްޑް އިންޓަނޭޝަލް ފުޓްބޯޅަ އެކެޑެމީތަކަށް ވެސް ކޮންސަލްޓެންސީ ދީފައިވާ ފަރާތްތަކުން، އެވަރަށް އެކަން ބަލަން ޖެހޭނެ ރަނގަޅު ކޮންސެޕްޓެއް އެކުލަވާލެވިގެން ނަތީޖާ ނެރެވޭނީ."
ރައީސް އެ ވިދާޅުވި ފެންވަރުގެ ފުޓްބޯޅަ ސްކޫލެއް ގާއިމު ކުރެވޭނަމަ ރާއްޖޭގެ ފުޓްބޯޅައަށް މިހާރު ކުރިމަތިވެފައިވާ މައްސަލަ ހައްލު ކުރެވޭނެ އެވެ. ދިވެހި ގިނަ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޕްރޮފެޝަނަލް ނުވުމެވެ. އެހެން ދިމާ ވަނީވެސް ކުޑައިރުން ފެށިގެން ހަރުދަނާ ސްޕޯޓްސްމަނެއްގެ ސިފަތައް ބުނެދީ އެކަންކަމަށް ފަރިތަ ކޮށްދެވިފައި ނެތުމުންނެވެ. ދިވެހި ކުޅުންތެރިންގެ ލައިފް ސްޓައިލްގައި އެކަން ހިމަނަން ބޭނުންވާ މިންވަރު ރައީސް ވެސް ހާމަ ކޮށްދެވި އެވެ.
"އުމުރުން 18 އަހަރުން ފެށިގެން ދަނޑަށް އަރާފައި އަޅުގަނޑު ބަލަން ބޭނުންވަނީ ހަމަ ވަރަށް ފިޓް އެތުލީޓުންތަކެއް. ޕާސިވިއަރެންސް [ނަތީޖާ ހާސިލު ކުރުމަށް ބުރަކޮށް މަސައްކަތް ކުރާ] ވަރުގަދަ އެތުލީޓުންތަކެއް ހަމަ އަޅުގަނޑުމެން ބޭނުންވޭ،" ރައީސް މިދިޔަ އަހަރު ދެއްވި ތަގްރީރުގައި ވިދާޅުވެފައި ވެއެވެ.
"މިކަން ކުރާއިރު، ފުޓްބޯޅަ ހާއްސަކޮށް، ދިވެހިންގެ ފިޒީގައި ދިވެހިންގެ ސްޓެމިނާއަށް ބަލާ ކަމަށް ވަންޏާ، އަޅުގަނޑަށް ގަބޫލު ކުރެވެނީ ދެން ތިރީހަށްވުރެ މައްޗަށް ކުޅެވިދާނެ ކަންނޭނގެ. ލުއިސް ފީގޯވެސް ކުޅުނު ކަންނޭނގެ އެއަށްވުރެ ގިނަ ދުވަހު. އެކަމަކު ދިވެހި އެތުލީޓުންނަށް އަޅުގަނޑަށް ހީވަނީ ހަމަ ޓުވައިލައިޓަށް އެބަ ދޭކަންނޭނގެ 28، 29 އަހަރާ ހަމައަށްދާއިރު."
ރައީސްގެ ވާހަކަ ފުޅަށް ބާރު ދީފައި، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އޭރު ވަނީ އަވަސް އަށް ދިން އިންޓަވިއުގައި ޓެކްނިކަލް ވިސްނުމެއް ހިއްސާ ކޮށްފަ އެވެ. ނިޒާމް އެ ވާހަކަ ބުނެފައި ވަނީ ބަންގުލަދޭޝްގެ މުބާރާތުން އޭނާ އަށް ފެނުނު ކަންކަމަށް ރެފަރެންސް ދިނުމަށް ފަހު އެވެ. އެ މުބާރާތުގެ ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުތީ ދެކުނު ކޮރެއާގެ ތިން ވަނަ ޑިވިޝަންގެ ޕޮޗެއޮން ސިޓިޒެން އެފްސީ އެވެ. ނިޒާމް ބުނީ އެ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ ވެސް ބޯޅައަށް މަސައްކަތް ކުރާ ގޮތާއި ޕޮޒިޝަނަށް އަރާގޮތް މުބާރާތުގައި ވާދަ ކުރި އެހެން ޓީމުތަކުގެ ކުޅުންތެރިންނަށް ވުރެ ތާފާތު ކަމަށެވެ.
"އެ ޓީމު [ޕޮޗެއޮން ސިޓިޒެން] ގެ ހުރިހާ ކުޅުންތެރިންނަކީ ވެސް އެ ކުޅުންތެރިންގެ ޅަ އުމުރުގައި ކޮރެއާގެ ފުޓްބޯޅަ ސްކޫލްތަކުން ތަމްރީން ފުރިހަމަ ކޮށްފަ ތިބި ކުޅުންތެރިން، އެހެންވީމަ އެ ކުޅުންތެރިން ކުލަބު ކެރިއާ ފަށާއިރު ހުންނާނީ ފުޓްބޯޅައިގެ މައިގަނޑު ހުރިހާ ކަންކަމެއް ފަރިތަ ވެފަ،" ފުޓްބޯޅަ ސްކޫލެއްގެ މުހިންމުކަން ފާހަގަ ކުރަމުން ނިޒާމް ބުނެފައި ވެއެވެ.
"ނަމަވެސް ރާއްޖޭގައި މި ވަނީ އެހެނެއް ނޫން، ފުޓްބޯޅަ ކުޅުން ބޭނުންވާ ކުޅުންތެރިޔާ އެންމެ ފުރަތަމަ ވެސް މި އަންނަނީ ކުލަބަށް، ދެން ކުލަބުގެ ކޯޗަށް މިޖެހެނީ އެ ކުޅުންތެރިޔާއަށް އެންމެ އާދައިގެ ބޭސިކް ކަންތައްތައް ވެސް ސުމަކުން ދަސް ކޮށްދޭން ބޯޅަ ކޮންޓްރޯލްކޮށް ޕާސް ދޭނެ ގޮތް ވެސް ދަސްކޮށްދޭން މި ފަށަނީ ކުލަބުތަކުން، ކުލަބުތައް މުބާރާތަށް ތައްޔާރުވާއިރު އެކަހަލަ ބޭސިކް ކަންކަން ކުރަން އެކަށޭނެ ވަގުތު ނޯވެ، ނަމަވެސް ފުޓްބޯޅަ ސްކޫލަކުން ތަމްރީން ވެއްޖެނަމަ އެކަން ތަފާތު ވާނެ."
އިންޓަނޭޝަނަލް ފުޓްބޯޅަ ސްކޫލެއް ރާއްޖޭގައި ހުޅުވިއްޖެ ނަމަ އެއީ ދިވެހި ފުޓްބޯޅައަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. ނަމަވެސް އެކަމުން ކާމިޔާބު ލިބޭނީ ރަނގަޅު ގޮތުގައި ހިންގައިގެންނެވެ. ޔޫރަޕުން މޮޅެތިހާ ކޯޗުން ރާއްޖެ އަށް ހޯދި ދާނެ އެވެ. އެފްއޭއެމްގެ ވެސް އޮތީ އެކަހަލަ ޕްލޭނެކެވެ. ބޭރުގެ ފިޒިކަލް ޓްރެއިނަރަކާއި ފިޓްނަސް ކޯޗުން ވެސް ހުޅުމާޅޭގައި ހަދާ ފުޓްބޯޅަ އެކެޑެމީއަކަށް ގެންނާނެ ކަމަށް އެފްއޭއެމުން އޮތީ މީގެ ކުރިން ބުނެފަ އެވެ. އެއީ ޓެކްނިކަލް މަގާމުތަކެވެ. ނަމަވެސް އެއަށްވުރެ ކުރިން ރަނގަޅު މެނޭޖްމެންޓެއް ވެސް ފުޓްބޯޅަ ސްކޫލުގައި އޮންނަން ޖެހެއެވެ.
"އަޅުގަނޑަށް ހީވަނީ ފޫޓްބޯޅަ ސްކޫލު ހިންގުމުގައި ބަލަން ވީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުނިތަކަށް، މިހާރުވެސް ބައްލަވާ ބޮޑެތި ކުންފުނިތަކަށް ބަލައިފިއްޔާ ބޮޑެތި ހުރިހާ ކުންފުންޏެއްގަ ވެސް އޮޕަރޭޓް ކުރަން ނުވަތަ ސީއީއޯ އަކަށް ހުންނަވާނީ ބޭރު މީހެއް، ރާއްޖޭގެ ފުޓްބޯޅަ ސްކޫލް ހުޅުވާފަ އިންޓަނޭޝަނަލް ސްޓޭންޑަޑް ދަމަހައްޓަންޏާ އެތަނަށް ގެންނަންވީ ހަމަ ބޭރުގެ ރަނގަޅު ސްޕޯޓްސް މެނޭޖެމެންޓްގެ ތަޖުރިބާކާރެއް." ކުރިން ވާހަކަ ދެއްކި ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރު ބުންޏެވެ.
ފުޓްބޯޅަ ސްކޫލުގެ ނަމަށް އިންޓަނޭލް ކިޔުމަކުން ނުފުދެއެވެ. އެ ތަނުގެ ހިދުމަތާއި ފެންވަރު ވެސް އެ ސްޓޭންޑަޑްގައި ދެމެހެއްޓުމަކީ އެންމެ މުހިންމު ކަންތަކެވެ. މިއީ ފުޓްބޯޅަ ސްކޫލް ގާއިމު ކުރުމުގެ ކުރިން ވިސްނަންވީ ކަންތައްތަކެވެ.