ހަބަރު

އައްޑޫ މުޒާހަރާއިން ޑެޕިއުޓީ މޭޔަރާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އައްޑޫ ސިޓީގައި މިއަދު ކުރި މުޒާހަރާ ރޫޅާލައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ހިމެނޭ ގޮތުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ޔަސްރިފުއާއެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ އައްޑޫ ގޮފީގެ ނައިބު ރައީސް އިބުރާހީމް ރަޝީދު ހިމެނެއެވެ.

އެކެއް ފެބުރުއަރީ އަމުރު ތަންފީޒު ކުރަން ގޮވާލައި އައްޑޫގައި އިއްޔެ ވެސް މުޒާހަރާ ކުރިއެވެ. ހިތަދޫގައި ކުރި އެ މުޒާހަރާގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނލަމުން ފާތުމަތު އިބްރާހީމްދީދީގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރު ކުރި އެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން ވަނީ ދޫކޮށްލައިފަ އެވެ.

އެމްޑީޕީން އިސް ނަގައިގެެން އައްްޑޫގައި މިއަދު ފެށި މުޒާހަރާ އަދި ނިންމައެއް ނުލައެވެ. އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސާދިގު މިއަދު ވިދާޅުވީ ކޯޓު އަމުރު ތަންފީޒުކުރަން ގޮވާލާ ކުރާ މުޒާހަރާތައް މާދަމާވެސް ކުރިއަށް ގެންދާނެ ކަމަށެވެ.