ވިޔަފާރި

ރަށް ދޭއިރު އިންވެސްޓްކުރެވޭ ފެންވަރު ހުރިކަން ޔަގީން ކުރަނީ

Feb 25, 2018
1

ޓޫރިޒަމް ނޫން ބޭނުން ތަކަށް ފަޅުރަށް ދޫކުރާ އިރު އިންވެސްޓްކުރާނެ ފައިސާ ހުރިތޯ ޔަގީން ކުރަން ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ރާއްޖޭގައި ފަޅުރަށްރަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރުމުގައި އަމަލު ކުރާނެ އުސޫލަށް ގެނެސްފައިވާ އިސްލާހުގެ ދަށުން "ޕްރޫފް އޮފް ފައިނޭންސް" ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ. މިގޮތުން ފަޅުރަށް ކުއްޔަށް އެދި ހުށަހަޅާ ފަރާތުން އެކަމަށް އެދި ހުށަހަޅާ ފޯމާއެކު ޕްރީފް އޮފް ފައިނޭންސް (ހުށަހަޅާ ޕްރޮޖެކްޓަށް ހަރަދު ކުރާނެ ކަމަށް ބަޔާންކުރާ ފައިސާ ހުރިކަމުގެ ނުވަތަ ޔަގީންކަމާއެކު ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން) ހުށަހަޅަން ޖެހޭނެ އެވެ.

މި އިސްލާހާއެކު، ޕްރޫފް އޮފް ފައިނޭންސް ލިއުމަކީ ފުރަތަމަ ތިން އަހަރު ދުވަހަށް ކުރަން ހުށަހަޅާ މަސައްކަތް ތަކަށް ހިނގާނެ ހަރަދުގެ 80 ޕަސެންޓް ފައިސާ ހުރިކަން ނުވަތަ ލިބޭނެކަން ޔަގީންކޮށްދޭ ލިއުމަށް ވާން ޖެހެ އެވެ.

"... މިގޮތުން، ފައިސާ ހަރަދު ކުރާނީ ފަޅުރަށް ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތް ނޫން އެހެން ފަރާތެއްނަމަ ފަރާތުގެ ޕްރޮޖެކްޓަށް ފައިސާ ހަރަދު ކުރާނެކަން ބަޔާންކުރާ ލިއުމެއް ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަން ވާނެ އެވެ،" ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ޕްރޫފް އޮފް ފައިނޭންސްގައި މަޝްރޫއަށް ފައިސާ ހަރަދުކުރާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ ހަ މަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންވާނެ ކަމަށެވެ. އެގޮތުން ބޭންކް ސްޓޭޓްމަންޓުގެ ކޮންމެ މަހެއްގެ އެންޑިން ބެލެންސްގައި މަޝްރޫއުގެ ފުރަތަމަ ތިން އަހަރު ދުވަހަށް ހުށަހަޅާފައިވާ މަސައްކަތަށް ހިނގާނެ ހަރަދުގެ 80 ޕަސެންޓު ހުންނަންވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން އާއްމުކުރި ގަވާއިދުގައި ފަރުރަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދިނުމުގައި ދޫކުރާނެ އުސޫލަށްވެސް އިސްލާހު ގެނެސްފައިވެ އެވެ.

އެ ގަވާއިދުގައި "ބީލަން އުސޫލުން ފަޅުރަށް ކުއްޔަން ދޫކުރުމުގައި އަމަލު ކުރާނެ ޕްރޮސީޖާ" ވެސް ވަނީ އާއްމުކޮށްފަ އެވެ. އަދި އާއްމުކޮށް އިއުލާނު ނުކޮށް "ކްލޯޒް ބިޑިން" އުސޫލުން ދޫކުރާނެ ޕްރޮސީޖާތައް ވެސް ވަނީ އާއްމުކޮށް ފެންނާނެ ގޮތަށް ހަމަޖައްސާފަ އެވެ.

ޕްރޫފް އޮފް ފައިނޭންސް ޔަގީންކުރުން ހަރުދަނާ ކުރިއިރު، މިދިޔަ އަހަރު ފިޝަރީޒް މިނިސްޓްރީން ވަނީ ގިނަ ރަށްތަކެއް ދަނޑުވެރިކަމަށް ދޫކޮށްފަ އެވެ.