ކުޅިވަރު

ކުރީގެ ތަރިންނަށް ކިސްގެ ތައުރީފު!

ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ހާލަތު އެންމެ ރަނގަޅަށް ކިޔައިދޭން އެނގޭނެ އެކަކަށް ވާނީ، ވިކްޓަރީގެ މިހާރުގެ ކޯޗު ލޯސްލޯ ކިސް އެވެ. ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އެންމެ ފުރަތަމަ ރާއްޖެއައީ 1996 ވަނަ އަހަރު ވެލެންސިއާގެ ކޯޗު މަގާމަށެވެ.

މިއީ ރާއްޖޭގައި މަސައްކަތް ކުރަން އޭނާ އައި ހަތަރު ވަނަ ފަހަރެވެ. މާލޭ ލީގްގެ ފުރަތަމަ މެޗުގައި މިއަދު ކުލަބު އީގަލްސްއާ ދެކޮޅަށް އޭނާ ނިކުންނައިރު، އޭނާގެ ޓީމު އޮތީ އެންމެ ރަނގަޅު ފެންވަރުގައި ނޫން ކަމަށް ކިސް ބުންޏެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ މިހާރުގެ ކުޅުންތެރިންގެ ފިޓްނަސް ދަށް ވުމެވެ.

"[މުހުތާރު ނަސީރު] ޓޫކިލޯ، އަލީ އުމަރު، [އާދަމް ލަރީފް] ރޮނާލްޑޯ، އައްސަދު [އަބްދުލް ގަނީ]، އަންވަރު އަދި ދަގަނޑޭ މިއީ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް،" ކުރިން އޭނާ ކޯޗުކޮށްދިން ކުޅުންތެރިންނަށް ތައުރީފު ކުރަމުން ކިސް ބުންޏެވެ. މިހާރުގެ ކުޅުންތެރިންގެ ތެރެއިން އޭނާ ތައުރީފު އޮއްސާލީ ނިއުގެ ވައިސް ކެޕްޓަން އަލީ ފާސިރު ސެންޓޭ އަށެވެ. އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) ގެ ނަންވެސް އޭނާ ފާހަގަ ކުރި އެވެ.

"މިހާރުގެ ޒުވާން ކުޅުންތެރިންގެ ތެރެއަކު ނެތް ޓޫކިލޯއެއް ދަގަނޑޭ އެއް، ރޮނާލްޑޯއެއް ނެތް އަލީ އުމަރުގެ ފެންވަރު ހުރި ކުޅުންތެރިޔެއް ނެތް، މިހާރުގެ ޒުވާން ކުޅުންތެރިންގެ މެދުގައި ވަރަށް މަދު އަދަދެއްގެ ކުޅުންތެރިން ތިބީ ރަނގަޅު ފެންވަރުގެ، މިއީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ބޮޑު މައްސަލައެއް."

އޭނާ ބުނީ ވިކްޓަރީގައި ވެސް ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިޔަކު އެބަހުރި ކަމަށާއި ނަމަވެސް މައްސަލައަކީ އެ ކުޅުންތެރިޔާގެ އެޓިޓިއުޑް މައްސަލަ ކަމަށެވެ. ވިކްޓްރީގެ މިހާރުގެ ކުޅުންތެރިން ހެނދުނު ދުވަން ނެރެފައި ގިނަ އިރުތަކެއް ނުވެ ތިބޭނީ ވަރުބަލި ވެގެން މާނޭވާ ލެވިފައިކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް ޓޫކިލޯ ދުވަންޏާ އެއް ވަނަ، ދަގަނޑޭ އެއް ވަނަ، އަލީ އުމަރު އެއް ވަނަ،" ވެލެންސިއާގެ އިތުރުން ވީބީއަށް ވެސް ކާމިޔާބު ހޯދައިދީފައިވާ ކޯޗު ބުންޏެވެ. "ޓޫކިލޯ ތިން މަސް ވަންދެން ކޮންމެ ދުވަހަކު ހެނދުނާ ހަވީރު ބަރާބަރަށް ދުވި، އޭގެ ސަބަބުން އޭނާ ހުރީ ވަރަށް ފިޓްކޮށް."

އޭނާ ބުނީ މާލޭ ލީގްގައި އެންމެ ވާދަވެރި ވާނީ ނިއު ރޭޑިއަންޓާއި މާޒިޔާ އަދި ޓީސީ ކަމަށެވެ. ވިކްޓަރީ އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށް އޭނާ ބުންޏެވެ.

"ކުޅުންތެރިން ތިބީ އެންމެ ރަނގަޅު ހާލަތުގައެއް ނޫން، އެއް ހަފުތާ ވަންދެން ހެނދުނާ ހަވީރު ދުވެފައި ދެ ދުވަސް ރީ ޖެނަރޭޝަން ހަދަނީ، މި ޓީމުގައި އެބަތިބި މިދިޔަ އަހަރު ޖޫންގެ ފަހުން ނުކުޅޭ ކުޅުންތެރިން، ކުޅެން ނުޖެހޭތީ ޕްރެކްޓިސްވެސް ނުކޮށް ތިބި ކުޅުންތެރިން، ތިން ހަފުތާ ވަންދެން ޕްރެކްޓިސް ކޮށްލެވުނީ މާދަމާ މިއޮތީ ވަރުގަދަ މެޗެއް، ނަމަވެސް އަހަރެމެން އެންމެ ފަހު ވަގުތާ ހަމަޔަށް މަސައްކަތް ކުރާނަން."

ބޭރު ކުޅުންތެރިން ގެނެސްދީ ވިކްޓަރީގެ މެނޭޖްމެންޓުން ކުރި މަސައްކަތް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރާ ކަމަށް ކިސް ބުންޏެވެ.

ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ކިސް އަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު ކޯޗު ކަމަށެވެ.