ކުޅިވަރު

ވަރުގަދަ ޓީމުތަކުގެ ތެރޭގައި އީގަލްސް ހިމެނޭނެ: މޯހަން

މި އަހަރު މާލޭ ލީގްގައި ވާދަ ކުރާ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އީގަލްސް ހިމެނޭ ކަމަށް، މި އަހަރު އެ ޓީމު ގޮވައިގެން ނިކުންނަ ތަޖުރިބާ ކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަންގެ ޓީމެއް ގޮވައިގެން ނިކުންނަ މޯހަން ބުނީ، އީގަލްސްއާ ހަވާލުވެ އޭޏާގެ ފުރަތަމަ ވިސްނުމަކަށްވީ، މިދިޔަ އަހަރު އެ ކުލަބަށް ދިމާވި ހާލަތު ތަކުރާރު ވިޔަ ނުދިނުން ކަމަށެވެ. މިދިޔަ އަހަރު މޭލޭ ލީގް ގަދަ ހަތަރަކުން އީގަލްސް ކެޓީ އެ ޓީމު ކުޅުނު އެންމެ ފަހު މެޗުގައި ގްރީންސްޓްރީޓް އަތުން ބަލިވުމުންނެވެ.

އޭނާ ބުނީ ލީގް ފެށިގެން ފުރަތަމަ ކޮޅު ޓީމުތަކުގެ ކިބައިން މާބޮޑު ތަފާތުތަކެއް ނުފެންނާނެ ކަމަށެވެ. ސްކޮޑުގެ ގޮތުން ނިއު ރޭޑިއަންޓާއި މާޒިޔާ އަދި ޓީސީ ފެންނަނީ ދެން އޮތް ފަސް ކުލަބަށް ވުރެ މާތަފާތު ބޮޑު ކޮށް ކަމަށް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އީގަލްސް މުބާރާތުގެ އެންމެ ރަނގަޅު ޓީމުތަކުގެ ތެރޭގައި ހިމެނޭނެ،" މޯހަން ބުންޏެވެ. "ތި ބޭފުޅުންނަށް ވެސް މެޗުތައް ފެނިލީމަ ކަންނޭންގެ އެނގިލައްވާނީ އީގަލްސް ކިހާވަރަކަށްތޯ މިހާރު ކުރިއަރާފައި އޮތީ."

އޭނާ ބުނީ ލީގްގެ ކުރީ ކޮޅު ގަދަ ހައެއްގެ ތެރޭގައި ހިމެނުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށާއި އާ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށް ފުރުސަތު ތަނަވަސް ކުރެވޭނީޗވެސް ވީ އެންމެ އަވަހަށް ގަދަ ހައެއްގެ ތެރޭގައި ހިމެނިގެން ކަމަށެވެ.

އީގަލްސް ޓީމުން މި އަހަރު ފެންނާނެ އެންމެ ބޮޑު ތަފާތަކީ މިދިޔަ ދެ އަހަރު ޓީމުގެ ކެޕްޓަންކަން ކުރި އިމްރާން ނަޝީދު (އިންމަ) ޓީމު ދޫކޮށް ނިއު އަށް ބަދަލު ވުމެވެ. މޯހަން ބުނީ އިންމަ ޓީމގައި ނެތުމުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ހުރުމުން މޯހަން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންނެވެ.

އޭނާ ބުނީ ބަކާގެ ޑިސިޕްލިން އާއި ވޯކް އެތިކްސް އަދި ފިޓްނަސްވެސް ހުރީ އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ކަމަށާއި ޕްރީ ސީޒަންގައި ކުޅުނު ޕްރެކްޓިސް މެޗުތަކުންވެސް އެކަން ފެނިގެން ދިޔަ ކަމަށެވެ.