ކުޅިވަރު

ތަށީގެ ވާހަކައަކީ ދިވެހި ކޯޗުން ރުޅިއަންނަ ވާހަކައެއް: ސުޒޭން

ތަށި ހޯދާ ވާހަކައަކީ، ދިވެހި ބައެއް ކޯޗުން ރުޅި އަންނަ ވާހަކައެއް ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޭނާ ބުނީ ކޯޗެއްގެ ގޮތުގައި މިދިޔަ 12 ވަރަކަށް އަހަރު އޭނާ މަސައްކަތް ކުރީ ތަށި ހޯދައި އޭނާގެ މޫނު މަތި ރީތި ކުރަން ކަމަށާއި މިދިޔަ އަހަރުތަކުގައި އޭނާ އަށް އެކަން ކުރެވިއްޖެ ކަމަށް

"ދިވެހި ބައެއް ކޯޗުން ވަރަށް ރުޅި އަރާ ވާހަކައެއް ތަށީގެ ވާހަކަ ދެއްކުން،" ސުޒޭން ބުންޏެވެ. "އެކަމަކު ތައްޓަކީ އޭގެ ވާހަކަ ވަރަށް ބޮޑަށް ދައްކައިގެން ދާންވީ ދިމާ ހޯދައިގެން އެކަން ކުރެވޭނެ އެއްޗެއް."

"އަޅުގަނޑު އޮންނާނީ އެއް ފޯކަސްއެއް އެއީ އަޅުގަނޑުގެ ފޭސް ސޭވް ކުރުން، ދެން އެކަމުގައި މިދިޔައީ ގާތްގަނޑަކަށް 12 ވަރަކަށް ނުވަތަ 14 ވަރަކަށް އަހަރު، އޭގެތެރެއިން ގިނަ އަހަރު ހުންނާނީ އެކަން ކުރެވިފައި."

ސުޒޭން ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ވާހަކަ ބައެއް ކޯޗުން ދައްކާ ކަމަށާއި ބައެއް މީހުންނަށް އޭނާ އާ މެދު ދެކެވިފައި އޮންނަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނުދޭ ކޯޗެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޭނާ ފުރުސަތު ދިން ޒުވާން ކުޅުންތެރިން ގައުމީ ޓީމުން ޖާގަ ހޯދި ކަމަށެވެ. ނަމަވެސް ޒުވާން ކުޅުންތެރިން ފުރުސަތު ދޭ ކަމަށް ބުނާ ކޯޗުންނަށް ގައުމީ ޓީމަށް ނެރެވުނު ކުޅުންތެރިޔެއް ނެތް ކަމަށެވެ.

ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް އާ ވިޔަސް އެ ޓީމާއެކު ތަށި ހޯދޭނެ ކަމަށް ސުޒޭން ބުންނެވެ. އޭނާ ބުނީ ތަށި ހޯދަން ބޭނުން ވަނީ ބޮޑު ސްކޮޑެއް އޮތް ވަރުގަދަ ނަންތަކެއް ނޫން ކަމަށެވެ.

މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ، ވިކްޓަރީގެ ކުރިގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ވިކްޓަރީގެ ބައެއް ކުޅުންތެރިން ގޮވައިގެން 2003 ވަނަ އަހަރު އޭރުގެ އައިލެންޑް ފުޓްބޯޅަ ކުލަބު (އައިއެފްސީ) އަށް ބަދަލުވުމުންވެސް، އާދައިގެ ޓީމަކާއެކު ވިކްޓަރީއަށް ތަށި ހޯދައިދިން ސީޒަނަށެވެ.

"އެހެންވީމަ ގްރީންވެސް އެބަޖެހޭ ތަށި ހޯދާ ވާހަކަ ދައްކަން، އިރާދަ ކުރެއްވިއްޔާ އެކަން ކުރެވޭނެ."

ނިއުރޭޑިއަންޓަށް ސީޒަންގެ ހުރިހާ މުބަރާތެއް ކާމިޔާބު ކުރެވިދާނެތޯ ސުވާލު ކުރުމުން ސުޒޭން ބުނީ އެހެން ޓީމުތަކުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"އެހާ ފަސޭހައިން އެކަން ދުލެއްވެސް ނުކުރެވޭނެ، މުޅި ސީޒަން ނިއުރޭޑިއަންޓް ނަގަން ދޫކޮށްލައިފިއްޔާ އެމީހުން ބުނާނެ ލާރިތަކެއް ހިފައިގެން އައިސްފިއްޔާ ދެން ހަމަ ކޮންމެ ކަމެއްވެސް ކުރެވޭނެޔޭ، އެހެނެއްވެސް އެކަމެއް ނޯންނާނެންނު ދޫކޮށްލެވޭކަށް، މާޒިޔާވެސް ހީނުވޭ އެހާފަސޭހައިން އެކަން ގަބޫލުކޮށް ދޫކޮށްލާނެ ހެނެއް، މާޒިޔާ އަށްވުރެ ކުޅުންތެރިންގެ އަދަދަށް ބަލާއިރު މަދު ކަންނޭންގެ ގްރީންގައި، ގްރީންވެސް އެހިސާބަށް ދާން ޗާންސެއް ނުދޭނަން."

މާލޭ ލީގްގައި ގްރީން ސްޓްރީޓް ކުޅޭ ފުރަތަމަ މެޗުގައި، އެ ޓީމު ނިކުންނާނީ މާޒިޔާއާ ދެކޮލަށެވެ. ސުޒޭން ބުނީ ގްރީން އަށް ވުރެ، މާޒިޔާއަށް އޮތް އޮތް ޕްރެޝަރު ބޮޑު ވާނެ ކަމަށެވެ.