1 ފެބުރުއަރީގެ އަމުރު

ރޭގަނޑު 10:30: ސިޔާސީ ހަރަކާތް މަނާ

ރޭގަނޑު 10:30ގެ ފަހުން ސިޔާސީ ޕާޓީތަކާއި ސިޔާސީ އެކިއެކި ފަރާތްތަކުން އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މާލެ ތެރޭގައި ހިންގަމުންދާ އެއްވުންތަކާއި މުޒާހަރާތަކާއި ގުޅިގެން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާ ކަމަށެވެ.

އަދި ޣައިރު ގާނޫނީ އެއްވުންތަކުގެ ސަބަބުން ގައުމުގެ ދާހިލީ އަމަން ބެލެހެއްޓުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީވެ، މިއަދުން ފެށިގެން ރޭގަނޑު 10:30 ގެ ފަހުން އެފަދަ އެއްވެސް ހަރަކާތެއް ހިންގުމަށް ފުރުސަތު ނުދިނުމަށް ނިންމަވާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ރޭގަނޑު 10:30 ގެ ފަހުން އެއްވެ އުޅުން ފުލުހުން މަނާކޮށްފައިވާކަން އިއުލާން ކޮށްފައިވަނީ، ރޭގަނޑު 10:30 ގެ ފަހުން އެއްވެސް ހަރަކާތެއް ހިންގުމަށް ފުރުސަތު ނުދިނުމަށް ޕީޕީއެމުން ގޮވާލިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. ޕީޕީއެމުން މިއަދު ވަނީ ރޭގަނޑު 10:30 ގެ ފަހުން އެޕާޓީގެ ހަރަކާތައް ނުބާއްވަން ނިންމާފަ އެވެ.

ޝިފާން ވިދާޅުވީ، ސަލާމަތީ ބާރުތަކަކަށް ހަލަމާ ދިނުމާއި އެކަން ކުރުމަށް ހިތްވަރުދިނުމަށް އެކި ފަރާތްތަކުން ދަނީ އެކި ކަހަލަ ހަރަކާތްތައް ހިންގަމުން ކަމަށާއި ހާއްސަކޮށް މާސްކުފަދަ، މީހުންގެ މޫނު ފޮރުވުމުގެ ނިޔަތުގައި އެއްޗެހި އަޅައި، ނުރައްކާތެރި އެތަކެއް އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ.

"މާލެ ތެރެ އަމާން ކުރުމަށްޓަކައި ތަފާތު ގިނަ ކަންކަން ހިންގަމުންދާއިރު ޣައިރު ގާނޫނީ އެއްވުންތަކުގެ ސަބަބުން ތަފާތު ގިނަ އުނދަގޫ ތަކެއް ކުރިމަތިވަމުންދާތީވެ، މިކަލަ ކަންކަމުގެ ސަބަބުން ގައުމުގެ ދާހިލީ އަމަން ބެލެހެއްޓުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީވެ މިއަދުން ފެށިގެން ރޭގަނޑު 10:30ގެ ފަހުން މިފަދަ އެއްވެސް ހަރަކާތެއް ނުހިނގުމަށް އަދި ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ ނިންމަވާފައި، ރޭގަނޑު 10:30ގެ ފަހުން މަގުމަތީގައި އަދި ޖަގަހަ ތަކުގައި މީހުން އެއްވެ ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، އެއްވެ އުޅުން ހުއްޓުވުމަށްޓަކައި މިއަދު ނިންމާފައިވާ ނިންމުން ހަމަހަމަކަމާއެކު ސިޔާސީ އެއްވެސް ފަރާތެއް މީގެ ތެރެއިން އިސްތިސްނާ ނުވާނޭހެން ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެގޮތަށް ނިންމީ މާޒީގައިވެސް ހިތްދަތި ކަންކަމާދިމާވެފައި ހުރުމުން ކަމަށް ޝިފާން ވިދާޅުވި އެވެ.

"މިކަން މިގޮތަށް ނިންމީ މާޒީގައިވެސް ހިތްދަތި ކަންކަމާދިމާވެފައި ހުރުމުން ކަމަށާއި ހާއްސަކޮށް ސަލާމަތީ ބާރުތަކަށާއި ފުލުހުންނާއި ސިފައިންގެ މުދަލަށް އަރައިގަނެ އާންމު ރައްޔިތުންނާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި އެކި ކަހަލަ ކަންކަން މީގެ ތެރެއިން ވަނީ ހިނގާފައި،" ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ، ފުލުހުންނަކީ އަމަން ބެލެހެއްޓުމުގެ ގާނޫނީ އެންމެ މަތީ ބާރު ލިބިވަޑައިގެންްފައިވާ ފަރާތްކަމަށާއި ފުލުހުންގެ ހައިސިއްޔަތުން އެފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

އެކެއް ފެބްރުއަރީގެ އަމުރަށްފަހު އިދިކޮޅު ފަރާތްތަކުން އަންނަނީ މެދު ނުކެނޑި ކޮންމެ ރެއަކުވެސް އެޕްޑީޕީ ހަރުގެ ސަރަހައްދާއި ޖުމްހޫރީ ޕާޓީގެ ޖަގަހަ، ކުނޫޒު ދޮށުގައި އެއްވެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް އާންމު ގޮތެއްގައި ފުލުހުން ރޫޅާލަނީ ރޭގަނޑު 12 ގެ ފަހުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ރޭގަނޑު 12 ގެ ފަހުން ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.