ހއ. އިހަވަންދޫ ގެޔަކަށް ރޭ ފުލުހުން ވަދެ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ދެ މީހަކަށް ފަރުވާ ދޭން ޖެހިއްޖެ ކަމަށް އެ މީހާގެ އާއިލާއިން ބުނެފި އެވެ. ރޭ އިހަވަންދޫގައި ބޭއްވި އެއްވުމާ ގުޅިގެން ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވަނީ އެ ރަށު ޑޭޒީމާގޭގެ ތެރެއަށެވެ.
ޕްޕޭ ސްޕްރޭ އަސަރު ކޮށްގެން ދެ މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިންއިރު އެންމެ ބޮޑަށް ހާލު ގޯސްވީ އެ ގޭ އައިޝަތު ޝަބީނާ ކިޔާ އަންހެނަކަށެވެ. އޭނާއަށް ދިން ފަރުވާއަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އޭނާގެ ކޮއްކޮ ނައުފަލް އިބްރާހިމް ކިޔައިދިން ގޮތުގައި، ރޭ އިހަވަންދޫގައި އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ކުރުމަށާއި މިހާރު ހައްޔަރުކޮށްފައި ތިބި ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި އެ ރަށުގެ އެމްޑީޕީ ހަރުގެ ދޮށުގައި އެއްވުމެއް ބޭއްވި އެވެ. އެ ހަރުގެއަކީ ޑެއިޒީމާގެއާ 80 ވަރަކަށް ފޫޓް ދުރުގައި ހުރި ހަރުގެއެކެވެ.
އެ އެއްވުން ރޫޅާލުމަށް އިހަވަންދޫގެ ފުލުހުން ޕެޕާ ސްޕްރޭ ވަރަށް ގަދަޔަށް ބޭނުންކޮށް އެއްވުމުގެ ބައިވެރިން ގެންގުޅުނު ބެނާތައް އަތުލި ބުންޏެވެ. ޑެއިޒީމާގެއަށް ފުލުހުން ވަނީ އެއްވުމުގެ މުޒާހަރާގެ ބައިވެރިއެއްގެ ފަހަތުން ގޮހެވެ. ފުލުހުން އެ ގޭ ތެރެއަށް ސްޕްރޭ ޖެހިއިރު އަންހެނުންނާއި ކުޑަ ކުދިން ވެސް ގޭ ތެރޭގައި ތިއްބެވެ.
ޝަބީނާއަށް ފަރުވާ ދޭން ޖެހުނީ ނޭވާ ހާސްވުމުގެ އިތުރުން ލޮލަށް އޭގެ އަސަރުކޮށްގެނެވެ. މި ކަމާ ގުޅިގެން ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.