އެސްޓީއޯ މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް 1-4 ބަލިކޮށް އީގަލްސް ފެށުން ރަނގަޅު ކޮށްފި އެވެ. ފަހަތުން އަރައި ވިކްޓްރީ ކޮޅަށް ހަތަރު ލަނޑު ޖެހިއިރު އީގަލްސް ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. އީގަލްސް އާއި ހިލާފަށް ވިކްޓްރީ ކުޅުންތެރިން މަސައްކަތް ކުރީ ކައުންޓާ އެޓޭކުގައި ނުރައްކާ ކުރުމަށެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވިކްޓްރީންނެވެ. މި ލަނޑު 25 ވަނަ މިނިޓުގައި އެޓީމަށް ޖަހައިދިނީ ބިދޭސީ ފޯވާޑް ސިމޮން ޓިބޯ އެވެ. އޭނާ މިލަނޑު ޖެހީ ކޯނަރަކުން އެންހަލް ކަރަސްކޯ މުނޯޒް ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އީގަލްސް މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން މާގިނަ އިރެއް ނުވަނީހެވެ. މި ލަނޑު ޖަހައިދިނީ ނާއިމް އެވެ. މެޗްގެ 64 ވަނަ މިނިޓުގައި ޕެނެލްޓީއަކުން އީގަލްސްއަށް ލީޑު ނަގައިދިނީ ބްރެޒިލް ފޯވާޑް އެޑުއާޑޯ އެވެ. މިއީ އޭރިއާ ތެރެއިން ވިކްޓަރީގެ ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
އީގަލްސް ލީޑު އިތުރަށް ފުޅާކޮށްލީ ރާއިފް އަހުމަދު (ހަންނަ) ޖަހައިދިން ގޯލާއެކު އެވެ. މި ލަނޑު އޭނާ ޖެހީ ވިކްޓަރީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
އީގަލްސްގެ ހަތަރު ވަނަ ގޯލް ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މެދު ރޮނގާ ހިސާބުން ބޯޅަ ހިފައިގެން ޓީމު ކުޅުންތެރިންނާ ޕާސް ބަދަލުކޮށްލުމަށްފަހު ވިކްޓްރީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ވައްދާލީ ކީޕަރު ބޯމަތިންނެވެ.