ކުޅިވަރު

މާޒިޔާ މޮޅުވާކަށް ގްރީންގެ އިލިއާ ފުރުސަތެއް ނުދިން

މާޒިޔާ 2-1 ގެ ނަތީޖާ އަކުން މޮޅުވާން ދަނިކޮށް، މެޗުގެ އެންމެ ފަހު ވަގުތު ތެރޭގައި ޔޫކްރޭންގެ އިލިއާ ސޮބޮލް ފޮނުވާލި ހިލޭ ޖެހުމުން ލަނޑު ޖަހައި މާޒިޔާ ހިފަހައްޓައިފި އެވެ.

މިދިޔަ އަހަރު ގްރީންއާ ގުޅުނު އިލިއާ އަކީ ހިލޭ ޖެހުންތަކުގައި ނުރައްކާ ކުރާ ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު މާލޭ ލީގްގެ ދެ ވަނަ ގްރީންއަށް ހޯދައިދިނުމުގައި އެ ޓީމުގެ ތާފަތަކަށްވީ އޭނާ އެވެ. ދަނޑުމަތީގައި ގްރީންއަށް އޭނާގެ ރަނގަޅު ނުފޫޒު އޮތް ނަމަވެސް، އޭނާ އަކީ ދަނޑު މަތީގައި މައްސަލަ ބޮޑު ކުޅުންތެރިޔެކެވެ. އޭނާ މައިތިރި ކުރުމަށް ރެފްރީންނަށް އަމަލު ކުރަން ޖެހޭލެ ގިނަ އެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ހަމަ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗެއްގައި، މެޗު ހުއްޓާލަން ޖެހުނީ ރެފްރީއާ ދިމާލަށް އޭނާ ބުނި އެއްޗަކުން ރެފްރީ އޭނާ އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކަން އުޅުމުން ގްރީންގެ ކުޅުންތެރިން ހިތްހަމަ ނުޖެހުމުންނެވެ.

މިރޭގެ މެޗުގެ ކުރީ ކޮޅު މާޒިޔާއިން ލީޑް ނެގި އެވެ. އެ ޓީމަށް ލީޑް ނަގައިދީ، ލީޑް ފުޅާ ކޮށްދިނީ މިދިޔަ އަހަރު ޓީސީއަށް ކުޅުނު ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. ލީޑް ފުޅާ ކޮށް ދިން ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 79 ވަނަ މިނެޓްގަ އެވެ.

އެ ލަނޑު ޖެހުމުގެ ކުރިންވެސް، މާޒިޔާގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެން ދިޔަ އެވެ. ކައުންޓަ އެޓޭކް ފުރުސަތެއްގައި، މާޒިޔާގެ ޔަޝްފާދު ހަބީބު (މުލަކޭ) ވަނީ އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ގްރީންގެ ކުޅުންތެރިން ކައިރިން ނައްޓަމުން އައިސް ޕެނަލްޓީ އޭރިއާ ހަމަޔަށް ގޮސްފަ އެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެވުނު ނަމަވެސް ދެން ތިބި ދެ ޑިފެންޑަރުން ނައްޓާފައި ދާކަށް އޭނާ އަށް ޖާގަ އެއް ނުދިނެވެ.

ދެ ލަނޑު ފަހަތުގައި އޮތްވައި، ގްރީންއަށް އުންމީދެއް ހޯދައިދިނީ، މިފަހަރު އެ ޓީމަށް ގެނައި ޔޫކްރޭންގެ އެހެން ކުޅުންތެރިޔެއް ކަމަށްވާ އޮލެހް ޔޭފިމްޗަކް އެވެ. ގްރީން ލަނޑު ޖެހުމުގައި މާޒިޔާގެ ޑިފެންސަށް ހެދުނު މިސްޓޭކް ފާހަގަ ކުރަން ޖެހެ އެވެ. އެ ލަނޑު ޖެހުމުގައި އިލިއާގެ ދައުރެއް އޮތެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން އރި އަހްމަދު ރިލްވާން (ވިލިގިނލީ ރިލޭ) އަށް ބޯޅަ ދިނީ އިލިއާ އެވެ.

ރިލޭ ވަރަށް ރަނގަޅަށް ބަލާފައި ބޯޅަ ހުރަސް ކުރީ އޭރިއާގެ މެދުތެރެއިން އެރި ޔޭފިމްޗަކް އަށެވެ. އޭނާ އަށް ލިބުނު ބޯޅަ ހުރަސް އަޅާނެ ކުޅުންތެރިޔަކު މާޒިޔާގެ އޭރިއާ ތެރެއިން ނުވި އެވެ. އޭނާ ވަނީ އެއް ފަހަރުން އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލާފަ އެވެ.