ކުޅިވަރު

ވެލެންސިއާ ފަށަނީ ފުލުން، މަސައްކަތް ކުރިއަށް

މާލޭ ލީގްގައި ވެލެންސިއާ ރޭންކް ކުރާނީ، ތާވަލުގެ އެންމެ ފުލުގައި އޮތް ޓީމުގެ ގޮތުގައި ކަމަށާއި ނަމަވެސް މަސައްކަތް ކޮށްގެން ކުރިއަށް އެރޭނެ ކަމަށް، ވެލެންސިއާގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މާލޭ ލީގްގައި، ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު މިރޭ ނިކުންނާނީ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށެވެ. ސޮބާ ބުނީ ލީގްގައި ހާސިލު ކުރަން ބޭނުންވާ ޓާގެޓެއް ކަނޑައެޅޭނީ މެޗަކުން މޮޅުވެގެން ކަމަށެވެ.

"އަޅުގަނޑު ވެލެންސިއާ ފާހަގަ ކުރާނީ އަށް ވަނަ ޓީމުގެ ގޮތުގައި،" ސޮބާ ބުންޏެވެ. ދެން ވަރަށް ބައިވަރު މަސައްކަތްތަކެއް އެބައޮތް ކުރަން، ވަރަށް ބައިވަރު ކަންތައްތަކެއް އިމްޕުރޫވް ކުރަން އެބައޮތް އަޅުގަނޑަށް ހީވަނީ ޔޫވީ މެޗުން ވާ ގޮތަކުންހެން އަޅުގަނޑުމެންނަށް ކުރިއަށް ދާން އެނގޭނީ ވެސް އިތުރު ވާހަކައެއް ދައްކަން އެނގޭނީ ވެސް މެޗެއް ނަގައިގެން."

ސޮބާ ޓީމާ ހަވާލުވީ، މިދިޔަ މަހު އެވެ. އަދި ޓީމާއެކު ޕްރެކްޓިސް ފެށޭ ވަރުވީވެސް މިދިޔަ މަސް ނިމެން ކައިރިވެފައި ވަނިކޮށެވެ. އޭނާ ބުނީ ޕްރެކްޓިސް ކޮށްލަން މަދު ވަގުތު ކޮޅެއް ލިބުމުން ކުޅުންތެރިންގެ ފިޓްނަސް ލެވަލް ހުރީ އެންމެ ރަނގަޅު ލެވަލްގައި ނޫން ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުނު ތަން ވީ ހަތަރު ފަސް ދުވަސް ކަމަށާއި ޔޫރަޕްގެ އެންމެ ފިނި ހިސާބުން އައުމުން އެ ކުޅުންތެރިންނަށް ރާއްޖޭގެ މާހައުލަށް ހޭނެން ވަގުތު ކޮޅެއް ބޭނުންވާ ކަމަށެވެ.

"ހުރިހާ ކުޅުންތެރިންގެ މެދުގައި އަންޑަސްޓޭޑް (ކުރުވުމާއި) ފިޓްނަސް (ރަނގަޅު ކުރުމާ) އެއީ އޯވާނައިޓަކުން ކުރެވޭނެ ކަމެއް ނޫން، ޓީމެއް އެބަޖެހޭ ފަރިތަކުރުންތައް އެއްކޮށް ކުރެވެން، ހުރިހާ ކުޅުންތެރިން އެކަކު އަނެކަކަށް އެނގުމާއި އެ އަންޑަސްޓޭޑިންއަށް ބަލާއިރު ވަގުތު ކޮޅެއް ނަގާނެ."

"އެކަމަކު ބިދޭސީ ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ، ހީ ކުރިވަރަށް އެ މީހުންގެ ޕާފޯމަންސް އެބަ ހުރި ނަމަވެސް ޓީމަކަށް ވާނީ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރެވެންޏާ، ކުޑަ މައްސަލަތަކެއް އެބައުލޭ އެ ނޫނިއްޔާ ހިތްހަމަ ޖެހޭ."

ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް އާއި ސޮބާ އަކީ ގިނަ ދުވަސްތަކެއް ވަންދެން، ވިކްޓަރީއަށް އެއްކޮށް ކުޅުނު ދެ ކުޅުންތެރިންނެވެ. ދެ ކޯޗުން ވެސް ފާހަގަ ކުރީ ދެ ކޯޗުންގެ ކިބައިގައި އެންމެ ފަހު މިނެޓާ ހަމަޔަށްވެސް ގިވްއަޕް ނުކުރުމުގެ ވިސްނުން ހުންނާނެ ކަމަށެވެ. އެއީ ވިކްޓަރީގެ ތެރެއިން ދަސްވި ފިލާވަޅު ކަމަށް ނަޒީހްވެސް ސޮބާ ވެސް ފާހަގަ ކުރި އެވެ.