ކުޅިވަރު

ޓާގެޓް ދަށްކޮށްގެން ޔޫވީގެ މަގުސަދު އަތެއް ނުވާނެ

މާލޭ ލީގްގައި ޔުނައިޓަޑް ވިކްޓަރީގެ މަގްސަދަކީ ދިވެހި ޕްރިމިއާ ލީގް ޖާގަ ހޯދުން ކަމަށާއި ނަމަވެސް އެ މަގްސަދު ހާސިލު ކުރަން ބޭނުން ނަމަ އަމާޒު ބަހައްޓަން ޖެހޭނީ ގަދަ ހަތަރަކަށް ވަނުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހް ބުނެފި އެވެ.

މި އަހަރު ދިވެހި ލީގް ޖާގަ ލިބޭނީ، މާލޭ ލީގްގެ ގަދަ ހައެއްގެ ތެރޭގައި ހިމެނޭ ޓީމުތަކަށެވެ. ނަޒިޙް ބުނީ ގަދަ ހަޔަކަށް ވަނުމަށް އަމާޒު ހިފައި ފިނަމަ އެ ހިސާބުގައި ލައްވާ ނުލާނެ ކަމަށެވެ. ގަދަ ހައެއްގައި ކިރިޔާ ވެސް ހިމެނެން ބޭނުން ނަމަ އަމާޒު ބަހައްޓަން ޖެހޭނީ ގަދަ ހަތަރެއްގައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ކުލަބުން ދީފައި ވަނީ ގަދަ ހައެއް، ނަމަވެސް އަޅުގަނޑުގެ އަމިއްލަ ނަފުސަށް އަޅުގަނޑު ޓާގެޓެއްގެ ގޮތުގައި ކަނޑައަޅައިގެން މި އުޅެނީ ގަދަ ހަތަރެއް، އެހެން ނޫނިއްޔާ ސަލާމަތެއް ނުވާނެ،"

ޔޫވީ ވަނީ އެ ޓީމު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރި އަހަރު 2016 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިފަ އެވެ. ލޯކަލް ކުޅުންތެރިންގެ ތެރެއިން އޭރު އެ ޓީމުގައި ތިބީ އާދައިގެ ކުޅުންތެރިންތަކެވެ. ޓީމު ތަފާތަކަށްވީ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނެވެ.

ނަޒިޙް ބުނީ މިދިޔަ އަހަރު އެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށެވެ. މާލޭ ލީގްގައި 14 މެޗު ކުޅުނު އިރު ބިދޭސީ ސްޓައިކަރަށް ޖެހުނީ އެންމެ ލަނޑެއް ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅު ކުރި އެވެ. ޔޫވީއަށް 2015 ވަނަ އަހގަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިދީ، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށްދިނީ ނަޒީހްގެ ކޯޗު ކަމުގެ ދަށުގަ އެވެ. އަލުން ޔުވީގެ ކޯޗު ކަމާ އޭނާ ހަވާލުވީ މިދިޔަ ސީޒަންގެ މާލޭ ލީގްގެ މެދު ތެރެއިންނެވެ.

"ކޯޗިންގައި މި އޮންނަ ގޮތަކީ ސަލާމަތް ވާނެ އެއްވެސް ގޮތެއް ނޯވޭ، އިންނަނީ ނިކުންނާނެ ދޮރު، ނޫނިއްޔާ ރަނގަޅު ރިޒަލްޓް މީގެ މެދުގައި ނީންނާނެ އެއްވެސް އެއްޗެއް، އަޅުގަނޑު މި އިނީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން، ކިރިކިޔާ ސަލާމަތް ވާނެ ގޮތެއް ހޯދާކަށް ވެސް އަޅުގަނޑު އެއްގޮތަކަށްވެސް ނޫޅެން، އަޅުގަނޑުގެ ޓާގެޓާކީ ގަދަ ހަތަރެއް،" ނަޒީހް ބުންޏެވެ.

"ޓީމުގެ ޓާގެޓް ދައްކޮށް ލައިފިއްޔާ ކުޅުންތެރިން ކިބައިގައި ހިތްވަރެއް ވެސް ނުހުންނާނެ ނޫންތޯ، އަޅުގަނޑު ފްރޮންޓަށް ނިކުމެފައި މޭ ދިއްކުރީމަ ނޫންތޯ އެމީހުންވެސް ނިކުންނާނީ، ކުޅުންތެރިންނަށް ހިތްވަރެއް އަންނަ ވާހަކަ އެބަ ޖެހޭ ކަންނޭންގެ ކޯޗުގެ ފަރާތުން އަމަލާ ބަހުން ދައްކަން."

ނަޒީހް ބުނީ، އޭ ލައިސެންސް ކޯހުގައި އުޅެން ޖެހުމުން ޓީމާއެކު ފަރިތަ ކުރަން އޭނާއަށް މާ ބޮޑު ފުރުސަތެއް ނުލިބޭ ކަމަށެވެ. ނަމަވެސް ޕްރީ ސީޒަންގައި މަދުވި ކަމަކަށް އޮތީ ޓްރެއިނިން މެޗުތަކެއް ކުޅެން ފުރުސަތު ނުލިބުން ކަމަށެވެ.