ކުޅިވަރު

ފުރިހަމަ މަސައްކަތަކަށްފަހު ނިއު ބޮޑު އަމާޒަކަށް ތައްޔާރު

ޕްރީ ސީޒަންގައި ކުރި ފުރިހަމަ މަސައްކަތަށް ފަހު ނިއު ރޭޑިއަންޓް އޮތީ ބޮޑު އަމާޒަކަށް ތައްޔާރު ވެފައި ކަމަށް އެ ޓީމުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

މިދިޔަ ސީޒަންގެ މެދު ތެރެއިން ނިއުގެ ކޯޗު ކަމާ ހަވާލުވެ ބުރުޒޮން ވަނީ، ސީޒަންގައި ޖެހިގެން އައި ތިން މުބާރާތް އޭނާގެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އެއީ ދިވެހި ޕްރިމިއާ ލީގާއި އެފްއޭކަޕް އަދި ޕްރެޒިޑެންޓް ކަޕެވެ. ބުރުޒޮން ބުނީ މިދިޔަ އަހަރުގެ ކާމިޔާބީ އަކީ މާޒީ ކަމަށާއި މި އަހަރު ސީޒަނަށް އެކަމުން ޕްރެޝަރެއް ކުރިމަތި ނުވާނެ ކަމަށެވެ.

"އަހަރެންނަށް ވެސް އެބަ އަޑު އިވޭ އަހަރެމެންނަކީ ފޭވަރިޓް ޓީމޭ ބުނާ ވާހަކަ، އެންމެ ރަނގަޅަށް އޮތް ޓީމަކީ އަހަރެމެން ޓީމޭ ބުނާ ވާހަކަ، އެއީ މިދިޔަ އަހަރުގެ ކާމިޔާބު، މިހާރު އެއީ މާޒީ، ތެދެއް މިދިޔަ އަހަރު އަހަރެމެން ވަރަށް ރަނގަޅު ސީޒަނެއް ހޭދަ ކުރިން،" ބުރުޒޮން ބުންޏެވެ.

"ނަމަވެސް ކޮންމެ ޓީމެވެސް ލީގް ފަށަނީ ސުން ޕޮއިންޓްގައި، އަހަރެމެންނަށް އިހްސާސް ކުރެވެނީ އަހަރެމެންނަކީ ވެސް މާލޭ ލީގް ހޯދަން ވާދަ ކުރާ ޓީމެއްގެ ގޮތުގައި، އަހަރެމެން މި މަސައްކަތް ކުރަނީ މާލޭ ލީގް ޓޮރޮފީ އަހަރެމެންގެ ކުލަބަށް ހޯދައި ދިނުމަށް، އަހަންނަކަށް ނޭންގެ ފޭވަރިޓް ޓީމަކީ ކޮބައިކަން ވާހަކަ ދައްކާކަށް، ނަމަވެސް މާޒިޔާ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން."

އިންޑިއާގެ ސްޕޯޓިން ގޯއާ އަށް ކުރިން ކޯޗު ކޮށްދިން ސްޕެއިންގެ ކޯޗު ބުނީ މި އަހަރު ނިއު ރޭޑީއަންޓްގެ ސްކޮޑް އޮތީ ވަރަށް ބެލެންސް ސްކޮޑެއް ކަމަށެވެ. އަދި ސްކޮޑްގައި ވާދަވެރިކަން އެބައޮތް ކަމަށާއި އަބަދުވެސް ފުރަތަމަ 11 އިން ފުރުސަތު ދޭނީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިންނަށް ކަމަށެވެ.

ލީގްގެ ފުރަތަމަ މެޗުގައި، ނިއު ވާދަ ކުރާނީ، މިދިޔަ އަހަރުވެސް އެ ޓީމާ އެންމެ ގާތުން ވާދަ ކުރި ޓީސީ އާ ދެކޮޅަށެވެ. ޓީސީ ފުރަތަމަ މެޗާ ކުރިމަތިލާއިރު އެ ޓީމު ވަނީ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު ކޮލިފައިންގައި ވަރުގަދަ ހަތަރު މެޗު ކުޅެފަ އެވެ. ބުރުޒޮން ބުނީ އެކަންކަމާ މެދު އޭނާގެ ޓީމު އޮތީ ސަމާލުވެ ކަމަށެވެ.