ކުޅިވަރު

ޓީސީން ޖަވާބު ދޭނީ ލޯކަލް ސީޒަންގައި

އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ލިބުނު ފިލާވަޅުތަކުން ރާއްޖޭގެ ސީޒަންގައި ޓީސީން ޖަވާބު ދޭނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމު ބުނެފި އެވެ.

ނިޒާމް ބުނީ، އޭއެފްސީ ކަޕުގައި، ޓީސީގެ ޓީމަށް ގިނަ ކަންކަމެއް ދަސް ވެގެން ހިނގައްޖެ ކަމަށެވެ.

"[އޭއެފްސީ ކަޕް ކޮލިފައިގައި ކުޅުނު] މި ހަތަރު މެޗަކީ ވަރަށް މުހިންމު ހަތަރު މެޗު، ވަރަށް ތަފާތު ލެވަލެއްގައި ކުޅެން ޖެހުނު ހަތަރު މެޗު، ... އެ ހަތަރު ލެވަލްގައިވެސް ޓީސީގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،

މާލޭ ލީގްގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެ ޓީމު ނިކުންނާނީ ވާދަވެރި ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ނިޒާމް ބުނީ އޭފްސީ ކަޕުގައި ކުޅުނު މެޗުތަކަށް ވުރެ، ނިއު އާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ވާނެ ކަމަށެވެ. އަދި މަސައްކަތް ކުރާނީ އޭއެފްސީ ލިބުނު ފިލާވަޅުތައް ލޯކަލް ލީގްގައި އަނބުރާލުމަށް ކަމަށް ނިޒާމް ބުންޏެވެ.

"ޓީސީ ބޭރު ޓީމު ތަކާ ދެކޮޅަށް ކުޅުނު ކުޅުނު ކުޅުމެއް ނޫން ލޯކަލް ލީގްގައި ކުޅޭނީކީ، ލޯކަލް ލީގް ވަރަށް ތާފަތު ވާނެ މެޗު ތަފާތު ވާނެ،" ނިޒާމް ބުންޏެވެ. "ހާއްސަކޮށް ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭއިރު، ތަފާތު ވާނެ ކުޅެން ޖެހޭ ކުޅުން، އެހެންވީމަ އެ [އޭއެފްސީ ކަޕް] އެޑްވާންޓޭޖެއް ކަމަށް ޓާން އައުޓް ކުރަން މަސައްކަތް ކުރަން ޖެހޭނީ."

އޭއެފްސީ ކަޕްގައި ކޮލިފައިންގައި ޓީސީއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ، އެ ޓީމަށް ގެނައި ބެލަރޫސްގެ ކީޕަރު ޑިމީޓްރީ އަސްނިން އަށް އަނިޔާ ވުމެވެ. ނިޒާމު ބުނީ އޭނާގެ އަނިޔާ ރަނގަޅު ސްޕީޑެއްގައި ރިކަވާ ވަމުން އަންނާތީ އޭނާ ޓީމުގައި ބެހެއްޓުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ނަމަވެސް ދިވެހި ކީޕަރުން ރަނގަޅު ނަމަ ފުރުސަތު ދޭނީ ދިވެހި ކީޕަރުންނަށް ކަމަށް އޭނާ ބުންޏެވެ.

ޓީސީން ވަނީ ފުރަތަމަ ޑިވިޝަންގައި ތަޖުރިބާ ކާރު ކީޕަރެއް ކަމަށްވާ އިބްރާހިމް އިފްރާހް ލައްވައި ސޮއި ކުރުވާފަ އެވެ. އިފްރާހް އަލުން ފުޓްބޯޅައިގެ ތެރެއަށް އައީ މިދިޔަ އހަަރު ރާއްޖެއިން ބޭރުގައި ހޭދަ ކުރަން ޖެހުމުން ފުޓްބޯޅަ އާ ދުރުގައި ހުރުމަށް ފަހު އެވެ. ނިޒާމު ބުނީ އޭނާގެ ކޮންޑިޝަން ރަނގަޅު ކުރަމުން މަސައްކަތް އަންނަ ކަމަށެވެ.

އަދި ޓީމުން ދޫކޮށްލި ބިދޭސީ ސްޓައިކަރުގެ ބަދަލުގައި އާ ސްޓައިކަރެއް ގެނައުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށްވެސް ނިޒާމް ބުންޏެވެ. އަދި ކުރިއަށް އޮތް މެޗުގައި އެ ކުޅުންތެރިޔާ ފެންނާނެ ކަމަށް ނިޒާމު ބުންޏެވެ.