ދުނިޔެ

އިނގިރޭސިވިލާތުގައި ގޮވުމެއް ގޮވައި ހަ މީހުން މަރުވެއްޖެ

އިނގިރޭސިވިލާތުގެ ލެސްޓާގެ ފިހާރައެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ހަ މީހުން މަރުވެއްޖެ އެވެ. "ދަ ޓެލެގްރާފް" ނޫހުން ބުނީ ރޭ ހިނގި އެ ހާދިސާގައި ހަތަރު މީހަކު ޒަހަމްވެސް ވި ކަމަށެވެ. އެ ހަތަރު މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރޭހިނގި އެ ހާދިސާގެ ސަބަބުން ފިހާރަ ބިމާ ހަމަވެފައި ވާއިރު ހާދިސާގައި ރޯވި އަލިފާން ނިއްވައި، އެތަނުގެ ތެރޭގައި މީހަކު އޮތްތޯ އަދިވެސް އަންނަނީ ހޯދަމުންނެވެ. ލެސްޓާގެ ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ދެނެގަންނަން ތަހުގީގު ކުރިއަށް ގެންދާނީ ފަޔާ އެންޑް ރެސްކިއު ސާވިސްއާ ގުޅިގެން ކަމަށެވެ. އަދި ބުނީ އެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް، މިހާތަނަށް ލިބި ހުރި މައުލޫމާތުން ނުބެލެވޭ ކަމަށެވެ.

"ހާދިސާއާ ބެހޭ ގޮތުން ޝައްކު އުފެދޭ ވާހަކަތައް ނުފަތުރަން ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާބެހޭ ގޮތުން. މިއީ ޓެރަރިސްޓުންނާ ގުޅުން ހުރި ކަމެއް ކަމަކަށް މި ސްޓޭޖުގައި އަދި ބެލެވޭކަށް ނެތް،" ލެސްޓާ ފުލުހުން ބުނި ކަމަށް ނޫހުގައި ވެއެވެ.

ހާދިސާ ހިނގި އިރު ފިހާރަ ކައިރީގައި ތިބި ބައެއް މީހުންނާ ހަވާލާދީ ނޫހުން ބުނީ ގޮވީ ވަރަށް ބާރުގަދަ ގޮވުމެއް ކަމަށާއި ބިންހެލުމެއް އައުމުން އަރާ ފަދަ ލޮޅުމެއް އެ ސަރަހައްދަށް އެރި ކަަމަށެވެ.