ކުޅިވަރު

ކާމިޔާބު ލިބުނީ އަހަންނަކަށް ނޫން، ސިޓީއަށް: ގާޑިއޯލާ

އާސެނަލްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ކަރަބާއޯ ކަޕް ނުވަތަ ލީގް ކަޕް ކާމިޔާބު ކުރެވުމަކީ އޭނާ އަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާއި މެންޗެސްޓާ ސިޓީއަށް ލިބުނު ކާމިޔާބެއް ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓްގައި ކާމިޔާބު ކުރި ސާޖިއޯ ކުން އަގުއޭރޯ އެވެ. ދެ ވަނަ ލަނޑު 58 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެވެ. ތިން ވަނަ ލަނޑު 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޭވިޑް ސިލްވާ އެވެ.

"އެންމެ މުހިންމު ކަމަކީ އަހަރެމެން އެފްއޭ ކަޕުން ކަޓައިގެން ދިޔަ ފަހުން މި ކާމިޔާބު ލިބުނުކަން،" އިންގެލެންޑްގައި އޭނާ ހޯދި ފުރަތަމަ ތައްޓާ ބެހޭގޮތުން ގަޑިއޯލާ ބުންޏެވެ. "މިހާރު އަހަރެމެން ޖެހޭނީ ހަމަ ޔާގީނުންވެސް ޕްރިމިއާ ލީގް ހޯދަން މަސައްކަތް ކުރަން، އަދި ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ދިއުމަށްވެސް މަސައްކަތް ކުރަން ޖެހޭ."

ގާޑިއޯލާ ބުނީ މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް އުނދަގޫކޮށް ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި ކުޅުންތެރިން މަސައްކަތް ކުރީ ވަރަށް ބޮޑު ހިތްވަރަކާކއެކު ކަމަށާއި ދެ ވަނަ ހާފު އެހާ ރަނގަޅަށް ދިޔައީ އެހެންވެ ކަމަށެވެ.