ބޮލީވުޑް

ސްރީދޭވީ މަރުވީ ގެނބިގެން: ދުބާއީ ފުލުހުން

Feb 26, 2018
2

އިންޑިއާގެ އަންހެން ސުޕަސްޓާ ސްރީދޭވީ މަރުވީ ކުރިން ހަބަރުތައް ފަތުރާފައިވާ ގޮތަށް ހިތް ހުއްޓިގެން ނޫން ކަމަށާއި އޭނާ މަރުވީ ހޭނެތިގެން ބާތު ޓަބަކަށް ވެއްޓި ގެނބުމުގެ ސަބަބުން ކަަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުލުހުން ބުނެފިއެވެ.

އުމުރުން 54 އަހަރުގަައި ސްރީދޭވީ މަރުވީ ކައިވެނި ހަފުލާއެއްގައި ބައިވެރިވާން ދުބާއީއަށް ގޮސް ހުއްޓައެވެ.

ދުބާއީގެ އޮފިޝަލަކާ ހަވާލާދީ ގަލްފު ނިއުސް ބުނީ ސްރީދޭވީ ގެ ހަށިގަނޑުގައި ބަނގުރަލުގެ އަސަރު ހުރި ކަމަށާއި ބާތު ޓަބުގައި ގެނބެން މެދުވެރިވި ސަބަބަކީ އެއީ ކަމަށް ވެދާނެ ކަމަށެވެ. ސްރީދޭވީގެ މަރުގެ މައްސަލަ ދުބާއީ ފުލުހުން މިހާރު ވަނީ އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހަށް ފޮނުވާފަ އެވެ. އެހެންވީމާ އޭނާގެ މަރާ ގުޅޭ ކަންކަން ދެން ކުރިއަށް ދާނީ އެފަދަ ކަންކަމުގައި އޮންނަ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ނޫހުން ބުންޏެވެ.

ސްރީދޭވީގެ މަރަކީ ހިތް ހުއްޓިގެންވީ ގުދުރަތީ މަރެއް ކަމަށް ކުރިން ބެލެވުނެވެ. އެހެންވެ އޭނާގެ ހަށިގަނޑު އިންޑިއާއަށް މިއަދު ގެންދަން ކުރިން އޮތީ ހަމަ ޖެހިފަ އެވެ. ނަމަވެސް މިހާރު ލިބިފައިވާ މައުލޫމާތާ ގުޅިގެން އޭނާގެ ހަށިގަނޑު އަދި އާއިލާއަކާ ހަވާލެއް ނުކުރެެ އެވެ.

އޭނާގެ މަރާ ބެހޭ ގޮތުން ދުބާއީ ފުލުހުން ތައްޔާރުކޮށްފައިވާ ފޮރެންސިކް ރިޕޯޓު ދުބާއީ ފުލުހުން މިހާރު ވަނީ އާއިލާއަށާއި ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓާ ހިއްސާކޮށްފައެވެ.

އޮގަސްޓު 13، 1963 ގައި އުފަންވި ސްރީ ދޭވީ އެންމެ ފުރަތަމަ ފިލްމަކުން ފެނުނީ 1969 ގަ އެވެ. އެއީ އޭނާ އުމުރުން ހަތަރު އަހަރުގައި ކުޅުނު ޓެމިލް ފިލްމު "ތުނައިވަން" އިންނެވެ. ބޮލީވުޑް ފިލްމެއްގައި ލީޑު ބަތަލާގެ ރޯލަކުން އޭނާ އެންމެ ފުރަތަމަ ފެނިގެންދިޔައީ 1978 ގައި ނިކުތް "ސޮލްވާ ސާވަން" އިންނެވެ. ސްރީދޭވީއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ، އޭގެ ހަތަރު އަހަރު ފަހުން ކުޅުނު ފިލްމު "ހިތްމަތުވާލާ" ގައި އޭނާ ދެއްކި އެކްޓިނުންނެވެ.

އައްޑިހާގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމުތަކުގެ ލިސްޓުގެ ކުރީގައިވެސް އޮތީ އޭނާގެ ފިލްމުތަކެވެ.

އެ ފިލްމުތަކުގެ ތެރޭގައި "މަވާލީ" (1983)، "ތޯފާ" (1984)، "މިސްޓަރު އިންޑިއާ" (1987)، "ޗާންދުނީ" (1989)، "ލަމްހޭ"(1991)، "ގުމްރާ" (1993) އެވެ. އޭރު އެންމެ ބޮޑު މުސާރަ ދީގެން ފިލްމު ކުޅުވު ބަތަލާއަކީ ވެސް ސްރީދޭވީ އެވެ.

ޝްރީދޭވީ 1986 ގައި ކުޅުނު އިންޑިއަން ފެންޓަސީ ފިލްމު "ނާގިނާ" އަކީވެސް މި ލިސްޓަށް ކޮންމެހެން ލާންޖެހޭ ފިލްމެކެވެ. އެ ފިލްމު ވެގެންދިޔައީ އިންޑިއާ ސިނަމާގައި ފެންޓަސީ ފިލްމުތަކަށް އިންގިލާބެއް ގެނައި ފިލްމަކަށެވެ. އެ ފިލްމުގައި ޝްރީދޭވީ ކުޅުނީ ހަރުފައަކަށް ބަދަލުވާ އަންހެނެއްގެ ރޯލެވެ. އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ އެ ފިލްމުގައި ޝްރީދޭވީ ދެއްކި "ނާގިން ޑާންސް" އަށެވެ. ބްލޮކްބާސްޓާ އެ ފިލްމަށްފަހު ސްރީދޭވީއަށް "ނަންބަރު 1 ހިރޯއިން" ގެ ލަގަބު ލިބުނެވެ.

ޑާންސް ނުވަތަ ނެށުމުގެ ވާހަކަ ދައްކާއިރު ޝްރީދޭވީއަކީ ކުޅަދާނަ ނެށުންތެރިއެއް ވެސް މެއެވެ. އޭނާގެ އެންމެ ފާހަގަކުރެވޭ ލަވަތަކުގެ ތެރޭގައި "ހަވައް ހަވާއީ" އާއި "ހަރް ކިސީކޯ ނަހި މިލްތާ ޔަހަ ޕިޔާރް ޒިންދަގީ މޭ" އާއި "މެރެ ހާތޯމޭ ނާނާ ޗޫޅިޔާރޭ" އަދި "ކާޓޭ ނަހި ކަޓް ތެ" ހިމެނެ އެވެ.