ކުޅިވަރު

ނިއު އާއި ޔޫވީއަށްވެސް ރަނގަޅު ފެށުމެއް

މާލޭ ލީގްގެ ފުރަތަމަ ހަފުތާގެ އެންމެ ދެ މެޗު ކާމިޔާބު ކޮށް ނިއު ރޭޑިއަންޓާއި، ޔުނައިޓަޑް ވިކްޓަރީ ފެށުން ރަނގަޅު ކޮށްފި އެވެ.

ހަވީރު ކުޅުނު މެޗު ނިއު ކާމިޔާބު ކުރީ މިދިޔަ ސީޒަންގައި، އެ ޓީމާ އެންމެ ވާދަ ވެރި ޓީސީ ބަލި ކުރުމަށް ފަހު އެވެ. އޭއެފްސީ ކަޕްގެ ވަރުގަދަ ހަތަރު މެޗު ކުޅެފައި ލޯކަލް މުބާރާތާ ކުރިމަތިލި ޓީސީގެ މައްޗަށް ނިއު އިން ކުރި ހޯދީ، 3-0 ން ނެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު ކޮޅުގައި ކާމިޔާބު ކުރީ، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ނިއު އަށް އެނބުރި އައި އެ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އުމޭރު އެވެ. މިދިޔަ ތިން އަހަރު އުމޭރު ކުޅުނީ މާޒިޔާ އަށެވެ.

ނިއުގެ އަނެއް ދެ ލަނޑު ދެ ވަނަ ހާފުގެ އެންމެ ފަހު ކޮޅުގައި ކާމިޔާބު ކުރީ، ހަމްޒާ މުހައްމަދު (ހަމްޕް) އާއި އަފްގާނިސްތާންގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ހާރޫން އަމީރީ އެވެ.

ފުރަތަމަ ހަފުތާގެ އެންމެ ފަހު މެޗުގައި، ޔުނައިޓަޑް ވިކްޓަރީ ނިކުތީ ކުލަބު ވެލެންސިއާ އާ ދެކޮޅަށެވެ. ދެ ވަނަ ހާފު ފެށިގެން 20 މިނެޓް ކުޅެވުނު އިރުވެސް، ދެ ޓީމު އޮތީ ހަމަހަމަ ކޮށެވެ. ޔޫވީން ކުރިއަށް ޖެހި އުފެއްދި ފުރުސަތެއްގައި، އެ ޓީމުގެ ފުރަތަމަ ލަނޑު އޭރިއާގެ އަރިމަތިން ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކޯޑެލް ސެމުއެލް އެވެ.

ޔޫވީގެ ދެ ވަނަ ލަނޑު އޭނާ ކާމީޔާބު ކުރީ، ވެލެންސިއާ އޭރިއާ ބޭރުން އަރިމަތިން ލިބުނު ހިލޭ ޖެހުން ވެލެންސިއާގެ ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ. އެ ބޯޅަ ސަލާމަތް ކުރަން ވެލެންސިއާގެ ކީޕަރު ޖޫން ކޮޗީއަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ޔޫވީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަލީ ހައިސަމް އެވެ.

މެޗުގެ ފަރަގު ކުޑަ ކުރުމަށް، ވެލެންސިއާ އަށް ޕެނަލްޓީ އެއް ލިބުނެވެ. ނަމަވެސް ވެލެންސިއާގެ ޕެނަލްޓީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑްރިގާ ފޮނުވާލުމުން ޔުނައިޓަޑް ވިކްޓަރީގެ ކީޕަރު ހުސައިން ތޮލާލް މަތަ ކުރި އެވެ.

ޔޫވީގެ ކޯޗު މުހައްމަދު ނަޒީހް ބުނީ މެޗުން ޔުވީ މޮޅުވުގައި ތޮލާލްގެ މަސައްކަތް ފާހަގަ ކުރަން ޖެހޭ ކަމަށެވެ. އޭނާ ކުރި ތިން ސޭވަކީވެސް މެޗުގެ ވިނިން ތިން ސޭވް ކަމަށް ނަޒީހް ސިފަ ކުރި އެވެ. މެޗު ފެށުނު ތަނުން ވެލެންސިއާއިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާވެސް ތޮލާލް ދިފާއު ކުރި އެވެ.