ބާސްކެޓްބޯޅައިގެ މި އަހަރުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ އަމާޒުގައި، އަހަރުގެ ފުރަތަމަ މުބާރާތް އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލަށް ޓީރެކްސް ބާސްކެޓްބޯޅަ ތައްޔާރު ވެއްޖެ އެވެ.
ފައިނަލުގައި ޓީރެކްސް ބައްދަލު ކުރާނީ، ކިންގްސް ބާސްކެޓްބޯޅަ ކުލަބާ ދެކޮޅަށެވެ. ޓީރެކްސްގެ ކޯޗް އިލްޔާސް އިބްރާހިމް ބުނީ، ވަރުގަދަ ފައިނަލަށް ޓީރެކްސް އޮތީ ރަނގަޅަށް ތައްޔާރު ވެފައި ކަމަށެވެ.
"މިދިޔަ އަހަރުވެސް ޓީރެކްސް ނިކުތީ ހަތަރު މުބާރާތްވެސް ކާމިޔާބު ކުރަން، ނަމަވެސް ކާމިޔާބު ކުރެވުނީ ތިން މުބާރާތް، އަނެއްކާވެސް މި އަހަރު އެ ޓާގެޓް ހާސިލު ކުރުމަށް މި ނިކުތީ،" ކުރިން ގައިމީ ފުޓްބޯޅަ ޓީމަށްވެސް ކުޅުނު ފޯވަޑް ބުންޏެވެ. "އެގޮތުން މިރޭގެ ފައިނަލަށް އެކަމަށް ފޯކަސްކޮށްގެން ތައްޔާރު މިވަނީވެސް."
ޓީރެކްސް ވަނީ ގުރޫޕް ސްޓޭޖުގައި އެ ޓީމު ހިމެނޭ ގުރޫޕުން އެއް ވަނަ ހޯދާފަ އެވެ. އެޓީމުގެ ރަޝްވާން ރަޝީދު (ޗިކޫ) އާއި ޓީރެކްސް ވަނީ ބާސްކެޓްގެ ދެ ރެކޯޑެއް ގުރޫޕް ސްޓޭޖުގައި ހަދާފަ އެވެ. އެއީ ބާސްކެޓްގެ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރުމުގެ ރެކޯޑެވެ.
"ދެ ގުރޫޕް ހިމެނުމުން ގްރޫޕް ސްޓޭޖުގައި ޖެހުނީ ތަން ކޮޅެއް ފަސޭހަ ޓީމުތަކެއް، ސެމީގައި އުނދަގޫ ޓީމެއް ޖެހުނު، ފައިނަލުގައި މިއޮތީ ކިންގްސް މިއީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ފައިނަލު އުނދަގޫ ވާނެ ކަން ކުޅުންތެރިން ތިބީ ވިސްނައިގެން."
މިރޭގެ ފައިނަލުގައި ޓީރެކްސް އަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ ޒަކަރިއްޔާ އަބްދުއް ލަތީފަށް އަނިޔާ ވެފައި ވުމެވެ. އޭނާ އަށް އަނިޔާވީ ޓީމުގެ އެންމެ ފަހު ޕްރެކްޓިސް ސެޝަންގަ އެވެ. އޭނާ ކުޅެވޭނެ ކަމާމެދު ސުވާލު އުފެދެއެވެ.
"އެ ނޫން އެއްވެސް ކަންބޮޑު ވުމެއް ނެތް، މުޅި ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި."
ބާސްކެޓްގައި ކުރިން ވާދަ ކުރި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެނޭޖްމެންޓަށް ދެ ކުޅިވަރަކަށް ޓީމެއް ގެންގުޅެވެން ނެތުމުން، ވިކްޓަރީގެ ބާސްކެޓް ހުއްޓާލުމުން، އޭރު ވިކްޓަރީއަށް ކުޅެމުން ދިޔަ ކުޅުންތެރިން ޓީރެކްސްގެ ނަމުގައި ބާސެކްޓަށް ހާއްސަ ކޮށް ކުލަބެއް ހެދި އެވެ. އޭރު އިލްޔާސް އަކީ ވިކްޓާރީގެ ޓީމަށް ކުޅުނު ކުޅުންތެރިޔެކެވެ.
އޭނާ ވަނީ ވިކްޓަރީގެ ފުޓްބޯޅަ ޓީމަށްވެސް ކުރިން ކުޅެފަ އެވެ. ގައުމީ ޓީމުގެ ފޯވަޑްލައިންގައިވެސް މޮޅު ކުޅުމެއް އިލްޔާސް ދެއްކި އެވެ. ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއިން ވަރުގަދަ ދެކުނު ކޮރެއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އިލްޔާސް ވަނީ ކުޅެފަ އެވެ.