ރާއްޖެ ކުޅިވަރު

އެންޗަލޮޓީ ފައިނަލްގެ ޖާގައެއް ލިބޭނެކަމުގެ ޔަގީންކަމާއެކު

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ނުކުންނައިރު، ރެއާލަށް ފައިނަލްގެ ޖާގައެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނެފި އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަަތަމަ ލެގުން ޔުވެންޓަސް ވަނީ 2-1 އިން މޮޅުވެފަ އެވެ.

އެކަމަކު އެންޗަލޮޓީ ބުނީ ސްޕެއިން ލީގުގައި އެންމެ ފަހުން ވެލެންސިއާ އަތުން 2-2 އިން ރެއާލް އެއްވަރުވި މެޗުގައި ކުޅުނު ގޮތަށް މިރޭ ކުޅެފި ނަމަ، ފައިނަލްގެ ޖާގަ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެގޮތަށް މި މެޗުގައި ކުޅެފި ނަމަ އަހަރެމެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވެސް ދާނީ،" އެންޗަލޮޓީ ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އަނިޔާވެގެން ބޭލި ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް މި މެޗަށް ވަނީ ފިޓުވެފަ އެވެ. އަދި އަނިޔާގެ ސަބަބުން އެއް މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުރި ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާ ވެސް ވަނީ މި މެޗަށް ފިޓުވެފަ އެވެ.

ޔުވެންޓަސްގެ މުހިންމު މިޑްފީލްޑަރު ޕޯލް ޕޮގްބާ ވަނީ މިރޭގެ މެޗަށް ފިޓުވެފަ އެވެ. އަނިޔާގެ ސަބަބުން ފުރަތމަަ ލެގުގައި ޕޮގްބާ ނުކުޅެ އެވެ.

އެކަމަކު ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ ބުނީ ފުރަތަމަ 11 އަށް އަރުވާނެ ކުޅުންތެރިން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ.

"އަހަންނަށް އެނގޭ ކަމަކީ ރެއާލްއާ ދެކޮޅަށް، އޭ ޓީމުގެ ދަނޑުގައި ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެކަން،" އެލެގްރީ ބުންޏެވެ. -- ބީބީސީ